ޗައިނާ އިން ހިއްކާ ރަށްތަކާ ވައިނޭޅުމަށް އެމެރިކާ އަށް އިންޒާރުދީފި

ޗައިނާ އިން ހިއްކާ ރަށްތައް

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ހިއްކާ ރަށްތަކާ ވައިނޭޅުމަށާއި އަދި އެ ސަރަހައްދުގެ މަތީން އެމެރިކާގެ މިލިޓަރީ އެއާކްރާފްޓްތައް ނޫދުހުމަށާއި އެކަން ކުރާ ނަމަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފާނެ ކަމުގެ އިންޒާރު ޗައިނާ އިން އެމެރިކާ އަށް މިއަދު ދީފި އެވެ.

އެމެރިކާގެ އެންމެ ޒަމާނީ ޓެކްނޮލެޖީގެ ސާވެޔަލަންސް އެއާޕްކްރާފްޓް، ޕީ8 އޭ ޕޯސައިޑިން މަރުކާގެ މަތިންދާ ބޯޓް، ޓީމަކާ އެކު ބުދަ ދުވަހު އެ ސަރަހައްދުން އުދުހިފައިވާ ކަމަށް ސީއެންއެން އިން ބުންޏެވެ.

ބުރުނާއި، މެލޭޝިޔާ، ފިލިޕީންސް، ވިއެޓްނާމް އަދި ތައިވާންއާ ފުށުއަރާ، ދެކުނު ޗައިނާ ކަނޑުގެ 90 ޕަސެންޓް ސަރަހައްދަކީ ޗައިނާގެ ތަންތަން ކަމަށް ޗައިނާ އިން ދައުވާ ކުރެ އެވެ. އަދި އެ ސަރަހައްދަކީ ތެލާއި ގޭހުން މުއްސަނދި ސަރަހައްދެއް ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.

ސަރަހައްދުގެ މެޕް

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހޮންގް ލީ ވިދާޅުވީ ޗައިނާގެ މިލިޓަރީގެ ފަރާތުން އެމެރިކާގެ އުޅަނޑު ދުރަށް ޖެއްސުވީ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާގެ އަމަލަކީ ޗައިނާގެ ރަށްތަކާއި ފަޅުތަކުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

"އެފަދަ އަމަލުތަކަކީ އެކްސިޑެންޓެއް ހިނގުމަށް މެދުވެރިވެދާނެ ކަންކަން، އެއީ ވަރަށް ޒިންމާދާރު ކަމެއް ނެތް ނުރައްކާތެރި ކަމެއް. އަދި އެކަމުގެ ސަބަބުން ސަރައްހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެ ކަމެއް." އެމެރިކާގެ ބޯޓު ދުރަށް ޖެއްސި ހާދިސާ އަށް އިޝާރާތް ކުރައްވައި ލީ ވިދާޅުވި އެވެ. "އެންމެ ހަރުކަށިކޮށް އެ އަމަލާ ދޭތެރޭ ޗައިނާގެ ނުތަނަވަސްކަން އެބައޮތް. އަހަރުން އެމެރިކާ އަށް ގޮވާލަނީ ބައިނަނަލްއަގުވާމީ ކަނޑުގެ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބައި އެފަދަ ކަންކަމާ ދުރުހެލިވުމަށް. އަދި އެފަދަ އަމަލުތަކާ ދުރުހެލިވެ، ދެ ފަރާތުގެ ދެމެދުގައި މައްސަލަ ޖެހޭނެ ފަދަ ކަންކަން ނުކުރުމަށް ގޮވާލަން."

ްއޭނާ ވިދާޅުވީ ޗައިނާ އިން އެ ސަރަހައްދު ވަރަށް ގާތުން ބަލާ ކަމަށާއި އަދި ޗައިނާގެ ރަށްތަކާއި ފަރުތައް ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިރުމަތީ އޭޝިޔާ އަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސީނިޔާ ޑިޕޮލަމޭޓް އަދި އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑެނިއަލް ރަސެލް ވިދާޅުވީ އެމެރިކާގެ މިލިޓަރީ ބޯޓް ފަހަރު އެ ސަރަހައްދަށް ވަނީ ރަނގަޅަށް ކަމަށާއި އަދި އެކަން ތަކުރާރުކޮށް ކުރާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރިހަމަ އިހްތިޔާރު އެމެރިކާ އަށް ލިބިގެންވާ ކަމަށެވެ.

އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އިއްޔެ ވިދާޅުވީ ޗައިނާގެ ދެކުނު ކަނޑުން ރަށްތައް ހިއްކުމަކީ މިނިވަންކަމާއި ހަމަޖެހުމަށް އެޅޭ ހުރަހެއް ކަމަށާއި އަދި އެއީ ޗައިނާ އާއި އެމެރިކާއާ ދެމުގެ ގުޅުން ގޯސްވެ، ހަމަނުޖެހުމަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު