ފީފާގެ އިންތިޚާބު: ރާއްޖޭގެ ވޯޓް ބްލެޓާއަށް ދޭން ނިންމީ ކީއްވެ؟

މިދިޔަ މަހު ބާއްވި އޭއެްފްސީ ކޮންގްރެސްގެ ތެރެއިން ރާއްޖޭގެ އެފްއޭއގެ ނޯމަލައިޒޭޗަން ކޮމިތީގެ ޗެއާމަން މުހައްމަދު ޝާވީދު އާއި ފީފަގެ ރައީސް ސެފް ބްލެޓާ --- ފޮޓޯ ޗަވިދު ފޭސްބުކް ޕޭޖް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ 65 ވަނަ ކޮންގްރެސް މިމަހު 27 ން 29 އަށް ސްވިޒަލޭންޑްގެ ޒިޔުރިކްގައި ބޭއްވުމަށް ތައްޔަރީތައް ވަމުންދާއިރު މީޑިއާގެ ސަމާލުކަން ހުއްޓިފައިވަނީ ފީފާގެ ރައީސްކަމަށް ވަޑައިގަތުމަށް ވާދަ ކުރަމުންދާ ކެނޑިޑޭޓުންގެ ކެމްޕޭންގެ ޙަރަކާތްތަކަށެވެ. އިންތިޚާބުގައި ހަތަރު ކެނޑިޑޭޓުން ނަން ހުށަހަޅާފައިވާއިރު އިންތިޚާބުގެ ފޯރި މިހާރު ވަނީ ގަދަވެފައެވެ.

އިންތިޚާބުގެ ވަކި ހިސާބަކުން މަންޒަރު ބަދަލުވެ، އިންތިޚާބުގައި ވާދަކުރައްވާ ފީފާގެ ކުރީގެ ނައިބުރައީސް އަދި އުރުދުންގެ ރަސްގެފާނު ޙުސައިން ބިން ޠޮލާލްގެ ދަރިކަލުން ޕްރިންސް ޢަލީ ބިން އަލް ޙުސައިން ނަންފުޅު އަނބުރާ ގެންދަވަން އުޅުއްވާ ވާހަކަތައްވެސް ވަނީ ދެކެވިފައެވެ. ނަމަވެސް ވަޑައިގެންނެވި ޤައުމުތަކުގެ ފުޓްބޯޅައިގެ މައި ޖަމިއްޔާތަކުން މެނިފެސްޓޯއަށް ލިބިވަޑައިގެންނެވި ތަރުހީބާ ގުޅިގެން ކަމަށް ބުނެ ނަން އަނބުރައި ނުގެންދަވާނެ ކަމުގެ ޔަޤީންކަން ޕްރިންސް ޢަލީގެ ފަރާތުން މިހާރު ވަނީ ދެއްވާފައެވެ.

ފީފާގެ އިންތިޚާބުގަައި ވާދަ ކުރައްވާ ޕްރިންސް ޢަލީ ބިން އަލް ޙުސައިން: ފީފާގެ އިންތިޚާބުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ޕްރިންސް ޢަލީ ވަނީ ވިދާޅުވެފައި --- ފޮޓޯ/ ރޮއިޓަސް

ޕްރިންސް ޢަލީ އިންތިޚާބުން އެއްފަރާތްވެ ވަޑައިގަންނަވާ ވާހަކަ ދެކެވުނު ހިސާބުން ވާދަވެރިކަމަށް ބަދަލު އައިސް، އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ކެމްޕޭންގައި މިހާރު އެންމެ ބޮޑަށް ވާދަކުރައްވަމުން ގެންދަވާތަން ފެންނަނީ ފީފާގެ މިހާރުގެ ރައީސް ސެފް ބްލެޓާއާއި ޕޯޗްގަލްގެ ކުރީގެ އެއް ނަންބަރު ފުޓްބޯޅަ ކުޅުންތެރިޔާ ލުއިސް ފީގޯއާ ދެމެދުގައެވެ. ފީގޯ ކެމްޕޭންގެ ޙަރަކާތްތައް ކުރިއަށް ގެންދަވަނީ ފީފާގެ ރައީސް ސެފް ބްލޭޓާގެ ފަހަތްޕުޅުގައި ވިއްދަމުންނެވެ.

ބްލެޓާ ވަޑައިގަންނަވާ ކޮންމެ ބައްރަކަށް ހަމަ އެ ދަނޑިވަޅުގައި ބްލެޓާގެ ފަހަތުން ވަޑައިގަންނަވަމުން ގެންދަވައެވެ. މިދިޔަ މަހު ބޭއްވި ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް ނުވަތަ ކެފްގެ ކޮންގުރެސްއަށާއި އޭއެފްސީ ކޮންގްރެސްއަށް ބްލެޓާ ވަޑައިގެންނެވިއިރު ފަހަތްޕުޅުން ފީގޯ ވަނީ ވަޑައިގަންނަވާފައެވެ. ފީފާގެ ރައީސް ކަމަށް ވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގައި ބްލެޓާ ފީފާގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވަމުން ގެންދަވާ ކަމަށް ފީގޯއަށް ތާޢީދު ކުރާ އިނގިރޭސި ބައެއް މީޑިއާތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ފީފާގެ އިންތިކާބުގައި ވާދަކުރައްވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލުއިސް ފީގޯ އޭނާގެ ކެމްޕޭން ޙަރަކާތްތައް އެމެރިކާގައި ކުރިއަށް ގެންދަވަނީ --- ފޮޓޯ/ ވޮޝިންޓަން ޕޯސްޓް

ދެން ހުންނެވި ކެނޑިޑޭޓަކީ ހޮލެންޑްގެ ރޯޔަލް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް މައިކަލް ވެން ޕްރާގެވެ. ޕްރާގުގެ ކެމްޕޭން ޙަރަކާތްތަކުގެ އެއްވެސް ނިޝާނެއް ނެތެވެ. އޭނާ ވިދާޅުވެފައިވަނީ ބްލެޓާއާ ދެކޮޅަށް ދެން ތިއްބެވި ތިން ކެނޑިޑޭޓުން އެއްބައިވެ ވަޑައިގަންނަވާން ޖެހޭ ވާހަކައެވެ.

ފީފާގެ އިންތިޚާބުގައި ވާދަ ކުރައްވަމުން ގެންދަވާ ކެނޑިޑޭޓުންގެ ތެރެއިން ބައެއް ޤައުމުތަކުން ތާޢީދު ކުރާނެ ކެނޑީޑޭޓަކީ ކޮބައިކަން މިހާރުންސުރެ ދަނީ އިޢުލާން ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ވަނީ ރާއްޖެއިން ފީފާގެ މިހާރުގެ ރައީސް ޖޯސެޕް ބްލެޓާއަށް ތާޢީދު ކުރާނެ ކަމަށް އިޢުލާންކޮށްފައެވެ.

ރާއްޖެއިން ބްލެޓާއަށް ތާޢީދު ކުރަން ނިންމި ނިންމުމާއި ގުޅިފައިވަނީ ކޮން ސަބަބު ތަކެއްތޯ މިއީ ބައެއް ފަރާތްތަކުން އުފައްދަމުންދާ ސުވާލެކެވެ.

ފީފާގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ނަން ހުށަހަޅުއްވާފައިވާ ހޮލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް މައިކަލް ވެން ޕްރާގް. އޭނާ ވިދާލުވަނީ ބްލެޓާއާ ދެކޮޅަށް ދެން ތިއްބެވި ކެނޑިޑޭޓުން އެއްބައިވަންތަވާން ޖެހޭ ކަމަށް --- ފޮޓޯ/ ހޮލެންޑް ރޯޔަލް އެފްއޭ

ރާއްޖޭގެ އެފްއޭއިން ބްލެޓާއަށް ތާޢީދު ކުރަން ނިންމި ސަބަބާ ބެހޭގޮތުން ސަންއާ ވާހަކަދައްކަވަމުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމީޓި ޗެއާމަން މުޙައްމަދު ޝަވީދު ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި އޭޝިއާގެ ގިނަ އެސޯސިއޭޝަނުން ބޭނުންވީ ޤައުމުތައް ވަކިވަކި ވުމުގެ ބަދަލުގައި އޭއެފްސީގެ މެންބަރު ޤައުމުތައް އެއް ސޮލިޑާރިޓީއެއް ގޮތަށް އޮތްކަން އެހެން ބައްރުތަކަށް ދެކުން ކަމަށާއި އެގޮތުން އޭޝިއާގެ 38 ޤައުމު އެކުވެގެން ޔުނިޓީއެއް އުފައްދައިގެން އެއް ވޮއިސްއެއް ރެއިސް ކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ މަސައްކަތް ފެށީ އޭއެފްސީ ޤައުމުތަކުގެ މެދުގައި ޔުނިޓީއެއް އުފައްދައިގެން އޭޝިއާއިން ޔުނައިޓޭޑް ފްރޮންޓެއް ނެރެން. އެގޮތުން އޭއެފްސީގެ ރައީސް ޝައިޚް ސަލްމާންގެ ޒަޢާމަތުގައި އޭޝިއާ އޮލިމްޕިކް ކޮމިޓީގެ ރައީސް އަޙްމަދު އަލްފާދު ހިމެނޭ ގޮތަށް ވަރަށް ބޮޑު ޓީމެއް އެކުލަވާލައިގެން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި މަސައްކަތްކޮށް ޔުނިޓީއެއް އުފައްދައި ޔުނިޓީއިން ހާމަ ކުރަނީ ފީފާގެ އިންތިޚާބުގައި އޭއެފްސީން އެއް ކެނޑިޑޭޓަކަށް ފޯކަސް ކޮށްގެނޭ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ،" ނިމިދިޔަ ކޮންގްރެސްގައި އޭއެފްސީ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އަށް ހޮވިވަޑައިގެން އެކްސްކޯގެ ގޮނޑިއެއް ފުރުއްވަމުން ގެންދާވާ ޝަވީދު ވިދާޅުވިއެވެ.

ފީފާގެ މިހާރުގެ ރައީސް ސެފް ބްލެޓާ --- ފޮޓޯ/ ފީފާ

ފީފާގެ ރައީސް ކަމަށް ބްލެޓާ އިންތިޚާބުވެ ވަޑައިގެންފިނަމަ ދުނިޔޭގެ ފުޓްބޯޅައިގައި އޭޝިއާއަށް ބޮޑު ނުފޫޒެއް ލިބިގެންދާނެ ކަމުގެ އިޝާރާތް ބްލެޓާގެ ފަރާތުން ލިބިފައިވުން އެއީ އޭޝިއާގެ ގިނަ ޤައުމުތައް ހިމެނޭ ގޮތަށް އުފެއްދި ޔުނިޓީއިން ބްލެޓާއަށް ތާޢީދު ކުރަން ނިންމި ސަބަބުކަމަށް ޝަވީދުގެ ވާހަކަތަކުން ހާމަވެއެވެ.

މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ނޫފޫޒުގަދަ ސަރައްދީ އެސޯސިއޭޝަންތަކަކީ ޔޫރަޕްގެ ޔޫއެފާ އާއި ދެކުނު އެމެރިކާގެ ސައުތު އެމެރިކަން ފުޓްބޯލް ކޮންފެޑްރޭޝަން ނުވަތަ ކޮންމެބޮލް އެވެ. އެހެންކަމުން އޭއެފްސީން ފުޓްބޯޅައިގައި ނުފޫޒުގަދަ ސަރަހައްދީ އެސޯސިއޭޝަނަކަށް ވުމުގެ އުންމީދު ގައި ތިބުން އެއީ އޭއެފްސީ 47 ޤައުމުގެ ތެރެއިން 37 ޤައުމު ހިމެނޭ ގޮތަށް އެއްބައިވެ ބްލެޓާއަށް ތަޢީދު ކުރަން ނިންމި އަނެއް ސަބަބެވެ.

މިދިޔަ އަހަރު ބްރަޒިލްގެ ސައޮޕޯލޯގައި އެންމެ ފަހުން ބޭއްވި ފީފާގެ 64 ވަނަ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ/ ފީފާ

ޝަވީދު ވިދާޅުވީ، ނިމިދިޔަ އޭއެފްސީގެ ކޮންގްރެސްގައި ނާކަމިޔާބާ ކުރިމަތި ލައްވަން ޖެހުނު ބައެއް ޤައުމުތަކަށްވެސް އޭޝިއާއިން އެކުވެގެން މުޅިދުނިޔެއަށް ފްރޮންޓެއް ދައްކަންޖެހެނީ ކީއްވެގެން ކަން ވިސްނި ވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން ޒިޔުރިކްގައި އޮންނަ ފީފާގެ އިންތިޚާބަށް ވަޑައިގަތުމުގެ ކުރިން އޭޝިއާގެ އިތުރު ޤައުމުތަކުން ޔުނިޓީއާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އޭއެފްސީ މެންބަރު 47 ޤައުމުތެރެއިން 37 ޤައުމު މިއޮތީ ޔުނިޓީކޮށް. އެހެންވީމަ އަދި މިފަހަރު މިއިންތިޚާބު ދިޔަ ގޮތުން ފޭލްވި ބައެއް ކެނޑިޑޭޓުން ޤަބޫލުކޮށްފި އެބޭފުޅުންނަކަށް ކުރިއަށް އޮތްތާންގައި ޔުނައިޓެޑްވެގެން ނޫނިއްޔާމު އޭއެފްސީއަކަށް ފްރޮންޓެއް ނުދެއްކޭނެކަން،" ޝަވީދު ވިދާޅުވިއެވެ.

މިހާރު ޢުމުރުފުޅުން 79 އަހަރުވެފައިވާ އަދި ފީފާގެ ރައީސްކަމުގެ މަޤާމު 17 އަހަރު ވަންދެން ފުރުއްވަމުން ގެންދަވާ ބްލެޓާއަށް އޭޝިއާގެ މިޔުނިޓީން ތާއިދު ކުރަން ނިންމި ސަބަބުތަކުގެ ގޮތުގައި ޝަވީދުގެ ވާހަކައިން ދޭހަވި އަނެއް ސަބަބަކީ ފީފާގެ ބަޖެޓުންނާއި ފީފާ މެދުވެރިކޮށް އަންނަ އެހެނިހެން ބަޖެޓުން އޭއެފްސީއަށް ލިބޭ މާލީ އެހީތެރިކަން ކުރިއަށް އޮތްތަނުގައި އިތުރުވެގެން ދިއުމެވެ.

މިދިޔަ އަހަރު ބްރަޒިލްގެ ސައޮޕޯލޯގައި ބޭއްވި އެންމެ ފަހުން ބޭއްވި ފީފާގެ 64 ވަނަ ކޮންގްރެސްގެ ތެރެއިން ފީފާގެ ރައީސް ސެފް ބްލެޓާ ޚިޠާބެއް ދެއްވަނީ --- ފޮޓޯ/ ފީފާ

ޝަވީދު ވިދާޅުވީ ކުރިއަށް އޮތްތަމުގައި ފިފާގެ ބަޖެޓުންނާއި ފީފާ މެދުވެރިކޮށް އޭއެފްސީއަށް ލިބޭ ބަޖެޓް ބޮޑުވެގެން ދާނެ ކަމަށެވެ. އެގޮތުން ފީފާ މެދުވެރިކޮށް އޭއެފްސިއަށް ލިބެނީ އަހަރަކު 60 މިލިއަން ނުވަތަ 70 މިލިއަން ޑޮލަރު ކަމަށާއި މިހާރު ބޮޑުވެގެންދާއިރު އެއަދަދު 1.6 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނެ ކަމަށެވެ.

ޝަވީދު ވިދާޅުވީ "މިކަންތައްތަކުގެ ކުރިއަށް ދެވޭނީ އެންމެންވެސް އެކައްޗެއް ކިޔައި އެއް ރޫހެއްގައި ތިބެގެން. އެއީ ކޮންމެ ކެނޑިޑޭޓެއް ކަމުގައި ވިޔަސް މުޅި އޭޝިއާ އެއްކޮށް ދިޔައީމަ އެބަޔަކަށް ލިބޭ ބެނެފިޓްތަކެއް ހުންނާނެ" ކަމަށެވެ.

އެހެންކަމުން ރާއްޖެއިން ބްލެޓާއަށް ތާޢީދު ކުރަން ނިންމީ ރާއްޖެއިން އެކަނި އެންމެ ޤައުމެއްގެ ގޮތުގައި ވަކި ކެނޑިޑޭޓަކަށް ތާޢީދުކޮށްގެން ދިއުމުގެ ބަދަލުގައި ޔުނިޓީ ނުވަތަ ޔުނައިޓެޑް ފްރޮންޓާއެކު ދިއުމުގެ ގޮތުން ކަމަށް ޝަވީދު ވިދާޅުވިއެވެ.

ޔުނައިޓެޑް ފްރޮންޓާއެކު ކުރިއަށް ދިއުމުން ގިނަ ފައިދާތަކެއް ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ލިބިގެން ދިއުންވެސް ހިމެނޭކަމަށް ޝަވީދުގެ ވާހަކައިގައި ވިދާޅުވި އެވެ.

އެގޮތުން އޭއެއެފްސީގެ އެކި ކޮމިޓީތަކުގައި ބައިވެރިވެ ރާއްޖެއިންވެސް އޭއެފްސީގެ ނިންމުން ތަކުގައި ބަސްބުނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި ރާއްޖޭގެ ފުޓްބޯޅައިގެ އެހެނިހެން ޓެކްނިކަލް ފަރާތްތަކަށްވެސް އޭއެއެފްސީގެ އެކި ކޮމިޓީތަކުގައި ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް ޝަވީދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް