މާލޭގައި އޮންނަ ފުރެއްދެވެހިންގެ މަގު!

އިންޑިއާއަށް ހާއްސަ ފިހާރާގައި ބަޔަކު ވިޔަފާރި ކުރަނީ-- ސަން ފޮޓޯ: އާދަމް ނަޒީރު

ރާއްޖޭގައި 90،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ އިރު އެ ބިދޭސީން ޒަރޫރީ ބޭނުންތައް ފުއްދުމަށް ތަފާތު ވިޔަފާރިތަކެއް ހިންގަ އެވެ. އެއީ އެ މީހުން ސަގާފަތާއި އާދަކާދަ ތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ބައެއް ވިޔަފާރިތަކަކީ އެ މީހުންނަށް ހާއްސަ ތަންތަނެވެ. ނުވަތަ އެ ސަރަހައްދަކީ އެބައިމީހުންގެ ސަރަހައްދުތަކެވެ. އެންމެ ފާހަގަކޮށްލެވޭ ސަރަހައްދަކީ ވެރިރަށް މާލޭގެ ދިލްބަހާރު މަގެވެ. އެއީ "އިންޑިއާގެ ވިޔަފާރީގެ" މައި މަރުކަޒަކަށް ޒަމާނުންސުރެ ވަނީ ވެފަ އެވެ. ވިޔަފާރީގެ އިތުރުން އެއީ ބިދޭސީން އެއްވެ އުޅުމަށް ވެސް ހާއްސަ ވެފައިވާ ސަރަހައްދެކެވެ.

އިންޑިއާއަށް ހާއްސަ ފިހާރައިގެ ސޭޓް "ސަން"އަށް އިންޓަވިއޫ ދެނީ-- ސަން ފޮޓޯ: އާދަމް ނަޒީރު

ހެނދުނު 5:30 އިން ފެށިގެން ގޮސް ހެނދުނު 8:00 ވަންދެން މުޅި އެސަރަހައްދު ތޮށްޖެހިފައި އޮންނަނީ ބިދޭސީންނެވެ. އެއް އަޑަކަށް ހުންނާނީ އެ މީހުންގެ ބަހުރުވައިގެ އަޑެވެ. ބިދޭސީންގެ މަސައްކަތު ކަޑީގައި އެ މަގަށް ކުޑަ ލުޔެއް ލިބުނަމަވެސް އަނެއް ކޮޅުން އިރުއޮއްސި 6:30 އިން ފެށިގެން ރޭގަނޑު 11:30 އާ ހަމައަށް ބިދޭސީން އެމަގު ފުރާލަ އެވެ. ވިޔަފާރި ކުރާ މީހުން ވިޔަފާރި ކުރާނީ އެވެ. ފޯނު ކުރާ މީހުން ފޯނު ކުރާނީ އެވެ. އެ މަގަކީ އެމީހުންގެ މައި ޖަގަހަ އެވެ.

ދިލްބަހާރު މަގުގައި އިންޑިއާ މީހުންގެ ރަސްކަން ފެށުނީ މީގެ އެތައް ޒަމާނެއް ކުރިން އެ މީހުން އެ މަގުގައި ފެށި ވިޔަފާރިއަކުންނެވެ. ފަރަންސާ ސުޓޫޑިއޯގެ ނަމުގައި ކެސެޓްރޯލް ކުއްޔަށް ދިނުމުގެ ވިޔަފާރިން ފެށި އެވިޔަފާރި ފަހުން ބަދަލުވީ ފަރަންސާ ސުޓޯރުގެ ނަމުގައި ހިންގާ ކުޑަ ފިހާރައަކަށެވެ. މީގެ 20 އަހަރު ކުރިން ފެށި އެ ވިޔަފާރި މީގެ ތިން އަހަރު ކުރިން ވަނީ ބޮޑު ފިހާރައަަކަށް ބަދަލުކޮށް ބިދޭސީން ބޭނުންވާ ހުރިހާ ސާމާނެއް ނަން ހުސްކޮށް ވިއްކަން ފަށައިފަ އެވެ. އެ ފިހާރައިގެ އިތުރުން ބިދޭސީންނަށް ހާއްސަ ސީޑީ ވިއްކާ ފިހާރަތައް އަދިވެސް އެމަގުގައި އެބަހުއްޓެވެ. އެގޮތުން ބިދޭސީންނަށް ހާއްސަ ދެތިން ފިހާރަ އެމަގުގައި ހުރިއިރު ދެން ހުރި ފިހާރަތަކުން ވެސް އެ މީހުންނަށް ސަމާލުކަން ދީފައިވާކަން ފާހަގަކޮށްލެވެ އެވެ.

އިންޑިއާއަށް ހާއްސަ ފިހާރަ-- ސަން ފޮޓޯ: އާދަމް ނަޒީރު

"އަސްލު ވިޔަފާރި ފެށީ ބޭރު މީހުން އިންތިހާއަށް ގިނަ ވުމުން އެމީހުންނަށް ހާއްސަ އެއްޗެހި ލިބޭނެ ގޮތް ހެދުމަށް،" މީގެ 20 އަހަރު ކުރިން ފެށި ވިޔަފާރީގެ މައުލޫމާތު ދެމުން އިންޑިއާގެ ވިޔަފާރި ވެރިޔާ ބުންޏެވެ.

މީގެ އެތައް ޒަމާނެއް ކުރިން އިންޑިއާ މީހުންނަށް އަމާޒުކޮށްގެން ފެށި އެ ވިޔަފާރި އެވަނީ މިގައުމުގައި އުޅޭ ބިދޭސީންނަށް އަމާޒު ކޮށްފަ އެވެ. އެގޮތުން ސްޓާ ސޮޕް ނަމުގައި އެ މަގުގައި އިންޑިއާ ވިޔަފާރި ވެރިން ހިންގާ ދެ ފިހާރައިން ވެސް ބިދޭސީން ބޭނުންވާ ހުރިހާ ސާމާނެއް ލިބެން އެބަހުރެ އެވެ. އެމީހުން ގައުމުތަކުގައި ބޭނުންކުރާ ޒީނަތްތެރިވާ ސާމާނާއި އަންނައުނު ފަހާ ފޮއްޗާއި އަރާނެ ފައިނުން ފެށިގެންގޮސް އަތަރަށް ދާންދެން އެބަހުއްޓެވެ. ހަމައެއާ އެކު ގައިގައި އަޅާ ރަޖައާއި އެމީހުން ގެންގުޅޭ ޒާތްޒާތުގެ ފޮށި ތަންމަތި ވެސް އެބަހުއްޓެވެ. އެކި ގައުމުތަކަށް ހާއްސަ އެކި ޕްރޮޑަކްޓެވެ.

"ބިދޭސީން ބޭނުންވާ ގިނަ އެއްޗިސް އެބަހުރި، އޭގެ ތެރޭގަައި ފާޑުފާޑު ތެލާއި ސެލޫންތަަކަށް ބޭނުންވާ ތަކެއްޗާއި އިންޑިއާ މީހުންގެ ފޮތި ވެސް އެބަ ހުރި،" އިންޑިއާ މީހުން ހިންގާ ފިހާރައިގެ ސޭޓް ހަސަން ޝުއައިބް ބުންޏެވެ.

އެ ސަރަހައްދަށް އެއްވާ ބިދޭސީންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެސަރަހައްދަށް ވިޔަފާރިކުރަން ދަނީ އެ ފިހާރަތަކުން ތަކެތި އިންތިހާއަށް އަގު ހެޔޮވީމަ އެވެ. ހަަމަ އެއާއެކު އެމީހުން ގައުމުގައި ބޭނުންކުރި ޕްރޮޑަކްޓްތައް މި ރާއްޖޭން ލިބޭތީ އެވެ. ސްޓާ ޝޮޕް ފިހާރަތަކުން ވިޔަފާރި ކުރާ މީހުންގެ 95 ޕަސެންޓަކީ ބިދޭސީން ކަމަށްވާ އިރު ކޮންމެ ދުވަހެއްގެ ސޭލްސް 25،000 ރުފިޔާ އާއި 30،000 ރުފިޔާ އާއި ދޭތެރޭގައި އުޅެ އެވެ. އަދި ބިދޭސީންގެ ބަންދު ދުވަސްކަމަށްވާ ހުކުރު ދުވަހު އެ ފިހާރަތަކުގެ ސޭލްސް 50،000 އަށް ވުރެ މައްޗަށް ޖެހޭ ކަމަށް އިންޑިއާގެ ވިޔަފާރި ވެރިން މައުލޫމާތުދެ އެވެ.

ދިލްބަހާރު މަގުގެ އެ ސަރަހައްދަށް ބަލާއިރު އެ ސަރަހައްދުގައި ބިދޭސީން އުޅޭ ގިނަ "ގެސްޓް ހައުސް"ތައް ހުރެ އެވެ. އެއީ ވެސް އެ ސަރަހައްދު ބިދޭސީ މަރުކަޒަކަށްވާ އެއް ސަބަބެވެ. އެހެން ނޫނަސް މާލޭގައި ކޮންމެ ސަރަހައްދެއްގައި އުޅުނަސް ރަހުމަތްތެރިނާ ބައްދަލުކޮށްލުމަށް އެ ސަރަހައްދަށް އެއްވުމަކީ އުފަލެއް ކަމަށް އެމީހުން ދެކެ އެވެ.

"ދެން މިތަނަށް އަންނަނީ ދޯ ބައިވަރު ފްރެންޑްސް. މިތާކައިރި ބައިވަރު ގޭގޭގައި ވެސް އުޅެނީ ފުރެންޑްސް. ދެން އަގުހެޔޮ މުދާ ވެސް ލިބެނީ. އެހެންވެ އަންނަނީ،" އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކުމާރު ބުންޏެވެ.

ބިދޭސީންނަށް ހާއްސަކޮށްގެން އެ ސަރަހައްދުގައި ބޮޑު ސްޓޯރެއް ހިންގާއިރު އެފިހާރައިގެ ސޭޓް ބުނާ ގޮތުގައި ވިޔަފާރި ކުރަން އެ ސަރަހައްދު ކަނޑައެޅީ އެއީ ޒަމާނުންސުރެ ގިނަ އަދަދެއްގެ ބިދޭސީން އެއްވާ ސަރަހައްދަކަށް ވުމާއި އެސަރަހައްދު ރައްކާތެރި ވުމުންނެވެ.

"މިތަނަށް ގިނަ ބަޔަކު އެއްވާތީ މިތަން ޗޫޒް ކޮށްފައި މިހުންނަނީ. ބޮޑަށް މިތަން ބަލާފައި މިހުންނަނީ ސޭފްޓީއަށް. މަޖީދީމަގުވެސް ވަރަށް މަދެއްނު ކަސްޓަމަރުން ގިނަ ފިހާރަތައް އޮންނާތީވެ. އެހެންވެ މިތަން ޗޫޒް ކޮށްފައި މިއޮންނަނީ،" ސޭޓް ޝުއައިބް ބުންޏެވެ.

މީގެ ކުރީގެ އަހަރުތަކާ އަޅާބަލާ އިރު މިހާރު އެ ސަރަހައްދުގައި ބިދޭސީން ފެށި ބައެއް ވިޔަފާރިތައް ހުއްޓިފައިވާކަން ވެސް ފާހަގަވެ އެވެ. މީގެ ކުރިން ބިދޭސީން ކެއުމުގެ ހިދުމަތްދޭ ބޮޑު ހޮޓަލެއް އެ ސަރަހައްދުގައި ހިންގި އިރު މިހާރު އެތަން ވަނީ ބިދޭސީންނާއި ދިވެހިންނަށް ހާއްސަ ވިޔަފާރިއަކަށް ބަދަލުކޮށްފަ އެވެ.

ބިދޭސީއިން އާންމުކޮށް އެއްވާ ދިލްބަހާރު މަގު-- ސަން ފޮޓޯ: އާދަމް ނަޒީރު

އެސަރަހައްދުގައި ދިރިއުޅޭ ދިވެހިން ސިފަކުރާ ގޮތުގައި އެއީ "ބިދޭސީ ސިޓީ" އެކެވެ. އެ ސަރަހައްދުގެ ގެއަކަށް ނިސްބަތްވާ އިސްމާއިލް އަލީ ބުނި ގޮތުގައި އޭނާ އެންމެ ކުޑައިރުންސުރެ ވެސް ހަދާން ހުންނަ ގޮތުގައި އެއީ އިންތިހާއަށް ބިދޭސީން އެއްވާ ސަރަހައްދެކެވެ. ޒަމާނުންސުރެ އެމީހުން ތަފާތު ވިޔަފާރިތައް އެ ތަންތަނުގައި ކުރާކަން އިސްމާއިލް ފާހަގަކުރި އެވެ. އިސްމާލުގެ ޝަކުވާތަކެއް ވެސް ބިދޭސީންނާއި ދޭތެރޭ އެބަހުއްޓެވެ.

"ގޭ ކައިރިއަށް އެއްވާ ބިދޭސީންގެ އެންމެ ބޮޑު މައްސަލައަކީ ސައިކަލްތައް މަތީ ތިބޭތީ. އެސަރަހައްދުގައި ޕާކްކޮށްފައި ހުންނަ ހުރިހާ ސައިކަލްތަކެއް ފުރާލާފައި އެމީހުން އަރާ ތިބޭނީ،" އިސްމާއިލް ބުންޏެވެ.

ޒަމާންތަކެއް ވެފައިވާ އެވިޔަފާރިއާ އެކު ދިލްބަހާރު މަގުގެ މެދެއްހާ ހިސާބު ވެފައިމިވަނީ ބިދޭސީންގެ އައްޑާއަކަށެވެ. އެއީ އެމީހުންގެ ވިޔަފާރީގެ މައި މަރުކަޒެވެ. ހަމައެއާއެކު ޒަމާނުންސުރެ އެ މަގު ވެފައި ވަނީ ބިދޭސީން އެއްވެ، އެ މީހުންގެ ރަހުމަތްތެރިކަން އިތުރު ކުރަން ބާއްވާ ބައްދަލުވުންތައް ބާއްވާ ސަރަހައްދަކަށް ވެސް ވެފަ އެވެ. އެއީ ބިދޭސީ ވިޔަފާރިވެރިންގެ ހަބެކެވެ.

comment ކޮމެންޓް