އެމްއެންޔޫއާއި އައެފްއީއެސް އާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމަށް އެއްބަސް ވެއްޖެ

ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ގައުމީ ޔުނިވާސިޓީ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިންޓަނޭޝަނަލް ފައުންޑޭޝަން ފޮ އިލެކްޓޯރަލް ސިސްޓަމްސް (އައިއެފްއީއެސް) އާ ދެމެދު އޮތް ގުޅުން އިދުރަށް ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު އެވެ. އަދި އައިއެފްއީއެސްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ފައުންޑޭޝަންގެ ޗީފް އޮފް ޕާޓީ ބެވަލީ ހެގަޑޮން އެވެ.

ޔުނިވާސިޓީން ބުނީ އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މިއަހަރު ބާއްވަން ހަމަޖެހިފައިވާ ހަ ސެމިނާގައި އެހީތެރިކަން ފޯރު ކޮށްދިނުމަށް ކަމަށެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސެމިނާތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އިލެކްޓޯރަލް ސިސްޓަމް އާއި ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުން އަދި ޒުވާނުން ބާރުވެރި ކުރުވުން ފަދަ ދާއިރާތައް ހިމެނޭކަމަށް ޔުނިވާސިޓީން ބުންޏެވެ.

އައިއެފްއީއެސް އަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އިންތިހާބުތައް ބޭއްވުމާ ގުޅޭގޮތުން ވަކާލާތުކޮށް ހޭލުންތެރިކަން އިތުރު ކުރުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.

comment ކޮމެންޓް