ރިޔާޒުގެ ބަސް މަގުން ޕީޕީއެމް ވެސް ލަދުގެންފައި!

ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ރިޔާޒު ރަޝީދު ވާހަކަފުޅު ދައްކަވަނީ-- ސަން ފައިލް ފޮޓޯ

އަތޮޅު ތެރޭ މީހުންނާއި މާލޭ މީހުންގެ ތަފާތަކީ އަންޒަމާނުގެ ވާހަކައެކެވެ. ނަމަވެސް އެ ވާހަކަތައް އަނެއްކާ ވެސް ދެއްކުން މިދުވަސްކޮޅު އިތުރު ވެއްޖެ އެވެ. އެއީ ތ. މަޑިފުއްޓަށް ނިސްބަތްވާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު "ރާއްޖެތެރޭ މީހުންނޭ" ވިދާޅުވެ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

އޭނާ ކޮށްފައިވާ ޓުވީޓްތަކުގައި ވިދާޅުވެފައި ވަނީ "މުޒާހަރާ ކުރަން ދެން ރާއްޖެތެރޭ މީހުން މާލެއަކަށް ނާދެވޭނެ. އެ ފުރުސަތު ސަލާމަތީ ބާރުތަކުން ދެން ނުވެސް ދޭނެ" ކަމަށާއި "ރާއްޖެތެރޭ މީހުން މާލެ އައިސް މާލޭ މަގުތައް މަތީ މުޒާހަރާކޮށް މާރާމާރީ ހިންގައި ފުލުހުންނަށް އަނިޔާކުރުމުގެ ފުރުސަތެއް ދެނެއް ނުލިބޭނެ" ކަމަށެވެ.

އެންމެންގެ ކަންބޮޑުވުމަކަށްވީ ވެސް ރާއްޖެތެރޭ މީހުން މާލެ ނާދެވޭނެ ކަމަށް ބުނިބުނުމެވެ. ކުޑަ ސިޓީ ހައްދައިގެން މާލެ އައި ޒަމާން މާޒީވެ ގޮސްފި އެވެ. އަތޮޅު ތެރޭ ކުދިން ކިޔަވަން މާލެ ގެނެސް، ގެތަކުގައި ބުރަ މަސައްކަތް ޖެއްސުވި ޒަމާން ވެސް ފަސްދީ ގޮސްފި އެވެ. އަތޮޅުވެރިންގެ ދަރިންނާއި ކެޔޮޅުގެ ދަރިންގެ ތަފާތު ކުރުން ވެސް ނެތި ގޮސްފި އެވެ. ކުޑަ ސިޓީ ނުލިބުމުން މާލޭ ފަޅުގައި އޮންނަ އޮޑިފަހަރުގައި މީހުން ނިދި ޒަމާނަކީ ވެސް ތާރީހެވެ.

ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ އިސް ސަފުގައި ރިޔާޒު-- ސަން ފައިލް ފޮޓޯ

ރިޔާޒު "ރާއްޖެތެރޭ" މީހުންނޭ ވިދާޅުވެ ކުރެއްވި އެ ޓުވީޓް ވެގެން ދިޔައީ އެތައް ބަޔަކު ރުޅިއަރުވާލި ޓްވީޓަކަށެވެ. އަދި އެތައް ބަޔަކު ލަދު ގަންނަވާލި ޓުވީޓަކަށެވެ. ވޭތުވެދިޔަ ތިން ދުވަހުގެ ޓުވީޓުތަކުންނާއި ފޭސްބުކަށް ބަލާލިޔަސް އެކަން ރަނގަޅަށް ހާމަވާނެ އެވެ. ގިނަ ބަޔަކު އެ ޓުވީޓް ސިފަ ކުރެއްވީ ރިޔާޒު އަތޮޅު ތެރޭ މީހުން ދަށު ބައެއްގެ ގޮތުގައި ސިފަކުރުމަށް ބޭނުން ކުރި ބަހެއްގެ ގޮތުގަ އެވެ. އެންމެން ފާޑުކިޔަސް ރިޔާޒު އަދި ވެސް ގޮތް ދުލެއް ނުކުރައްވަ އެވެ.

ރިޔާޒުގެ އެ ޓުވީޓު "ނަސްލީ ތަފާތު" ކުރުމެއްކަން ސިފަކޮށްފައިވާ އިރު އޭނާ ނިސްބަތްވާ ޕާޓީގެ އެތައް ބައެއް ވެސް ވަނީ އެކަމާ ލަދުގެންފަ އެވެ. ޕީޕީއެމް ބައެއް މަޖިލިސް މެމްބަރުންނާ ވާހަކަ ދައްކާލުމުން އެފަބޭފުޅުންގެ ވިސްނުމުގައި ވެސް އެއީ ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. އެ ނުކިއްސަރު ވާހަކައަށް އެބޭފުޅުން ވެސް ސަޕޯޓެއް ނުކުރެ އެވެ. "ރާއްޖެތެރޭ" މީހާ އެއީ "ރޫޑް" ބަހަކަށްވާ އިރު އެ ލަފްޒު ބޭނުން ކުރުމަކީ ރަނގަޅު ގޮތެއްކަން އެބޭފުޅުން ވެސް ގަބޫލް ނުކުރައްވަ އެވެ.

ގދ. ތިނަދު އަށް އުފަން ޕީޕީއެމްގެ ޕާލަމެންޓުރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނީ ރިޔާޒު އެ އިބާރާތް ބޭނުންކޮށްފައި ވާތީ ވަރަށް އަވަހަށް މާފަށް އެދިވަޑައިގަންނަވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

"ރިޔާޒުގެ ޓުވީޓުގައި ބޭނުން ކުރި އިބާރާތް ބަދަލުކުރުމަށް މިހާރު ވާނީ ދަންނަވާފައި،" ނިހާން ޓުވީޓް ކުރައްވާފައިވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވީ މިސަރުކާރުން އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށާއި ހއ. އަތޮޅުން ފެށިގެން އައްޑުއާއި ހަމައަށްވެސް ތިބޭނީ އެއް ވަނަ ދަރަޖައިގެ ރައްޔިތުން ކަމަށެވެ.

ޕީޕީއެމްގެ ބައެއް އެކްޓުވިސްޓުންގެ ވާހަކަތަކަށް ބަލާ އިރު ވެސް ރިޔާޒުގެ އެ އިބާރާތަކީ އެބޭފުޅުން ގަބޫލް ކުރައްވާ އަދި ބަލައި ގަންނަ ކަމެއް ނޫނެވެ. އެއީ އެމްޑީޕީގެ އެކްޓުވިސްޓުންނަށް ލިބުނު ހިތްވަރަކަށްވާ އިރު އެއީ ޕީޕީއެމްގެ އެކްޓުވިސްޓުން ލަދުގަންނަން ޖެހުނު ކަމެއް ކަމަށް ބައެއް ޕީޕީއެމް އެކްޓުވިސްޓުން ބުނެ އެވެ.

"ރިޔާޒު އެ ޓުވީޓަކީ ބަލައިގަނެވޭ ކަމެއް ނޫން، މީހުން ކިޔާ އެއްޗެތިން ދެފައި ކައިރި ކޮށްލަން ނުކުރޭ،" ޕީޕީއެމަށް ނިސްބަތްވާ އަދި މިނިސްޓުރީއެއްގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

ރިޔާޒުގެ އެބަސްމަގުގެ ސަބަބުން ޕީޕީއެމާއި ސަރުކާރު ވެސް ލަދު ގަތްފައިވާ އިރު އޭނާ އަދިވެސް ދިފާއު ކުރައްވަނީ ދެއްކެވި ވާހަކަފުޅެވެ. އޭނާ އަށް އަމާޒުވާ ބަހުގެ ހަމަލާތަކުގެ ރައްދުގައި ފުލުފުލުން ޓްވީޓު ކުރައްވަ އެވެ. މާފަށް އެދެން ޖެހޭ ކަމަށް ރިޔާޒު ގަބޫލް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ އޭނާ ދައްކާ ވާހަކަ މީހުން ނުބައިކޮށް ތަރުޖަމާ ކުރަނީ ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ އަމަން ބެލެހެއްޓުމަށް ތިބި ފުލުހުންނާ ރިޔާޒު ވާހަކަފުޅު ދައްކަވަނީ-- ސަން ފައިލް ފޮޓޯ

ރިޔާޒު ވިދާޅުވީ ރާއްޖެތެރޭ މީހުން މާލެ ގެނެސްގެން މުޒާހަރާ ކުރުމަށް ކަމަށް ބުނެ ފުލުހުންނަށް ހަމަލާދީ ތަންތަނުގައި ހުޅުޖެހުންފަދަ އަމަލުތައް ހިންގުމަކީ އެއީ ގާނޫނު އަސާސީ އާއި ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

ގާނޫނު އަސާސީ އިން ރާއްޖެ އިން ފުރައިގެން ދިއުމާއި ރާއްޖެ އިން އެނބުރި އައުމާއި ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެ އެވެ. އަތޮޅުތެރެއެއް މާލެއެއް ތަފާތެއް ނެތެވެ. ނަމަވެސް ރިޔާޒު އެ ވިދާޅުވާހެން އަނިޔާވެރި ވުމުގެ ފުރުސަތެއް ލިބިގެން ނުވެ އެވެ.

ޒަމާންނުން ފުހެވިގެން ދިޔަ އަތޮޅު ތެރޭ މީހުންނާއި މާލޭ މީހުންގެ ފަރަގު ހަނިކޮށް އަނެއްކާ ވެސް އެޓްރެންޑް ފަތުރަން މަސައްކަތް ކުރާ ކަމަށް ރިޔާޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ އެކު މިކަން ވެފައި މި ވަނީ ޕީޕީއެމާއި ސަރުކާރަށް ވެސް ހުތުރަކަށެވެ. އެހެން ކަމުން ސިޔަސީ ބޭފުޅުން ސިޔާސަ ވެގެން ބަސް މަގު ބޭނުންކުރާ އިރު އަނެކާ ދެރަކޮށްލަން ކަމަށް ވިޔަސް ބޭނުން ކުރަންޖެހޭ ޒާތުގެ ބަސް މަގު ބޭނުން ކުރަންޖެހެ އެވެ. ނޫނީ ހަމަ ގަންނަން ޖެހޭނީ ލަދެވެ.

comment ކޮމެންޓް