"ސިޔާސީ ހާލަތު ބަދަލުވަނީ ކިހިނެތްކަން ނިންމާނީ ޖެނެރަލުންނެއް ނޫން"

ރައީސް ޔާމީނު ސިފައިންގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ސީޔާސީ ގޮތުން ހާލަތު ބަދަލުވަނީ ކިހިނެތްކަން ނިންމާނީ ސިފައިންގެ ޖެނެރަލުން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާވެއްޖެ އެވެ.

ސިފައިންގެ ހިދުމަތަށް 123 އަހަރު ފުރުން ފާހަގަ ކުރުމަށް ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ ތެރެއަށް ސިޔާސީ ކަންކަން ވަދެގެން ނުވާނެ ކަމަށެވެ.

"...ސިފައިންގެ ޖެނެރަލުންނަށް ނިންމާކަށް ނޭނގޭނެ، ހާލަތު ބަދަލުވެގެން މި ދަނީ ސިޔާސީ ގޮތުން ކިހިނެތްކަމެއް. އެއީ ސިފައިންގެ ޖެނެރަލުންގެ ޒިންމާއެއް ނޫން. އެކަން ނިންމާނީ ސިޔާސީ މީހުންނާއި ގާނޫނު އަސާސީއާ ކޯޓުތަކުން ނިންމާނީ،" ރައީސް ވިދާޅުވި އެވެ.

ސިފައިންގެ ތެރެއިން އެކަން ފެނިގެން ގޮސްފައިވާ ކަން ހިތާމައާއެކު ފާހަގަ ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުގައި އަސްކަރިއްޔާއިން އެ ފުރުސަތު ދެއްވައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ވެސް ސިޔާސީ ގޮތުން ތަފާތު ވިސްނެވުމެއް ވިސްނަވަން ފުރުސަތު ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"...ސިފައިންގެ މިނިސްޓަރަކަށް ހުންނަ މީހަކަށް ސިޔާސީ ގޮތުން ތަފާތު ވިސްނުމެއް ވިސްނާކަށް ޖާގައެއް ނޯންނާނެ އަދި ސިފައިންގެ މިނިސްޓަރަކަށް ހުންނަ މީހަކަށް އޭނާގެ މަސްއޫލިއްޔަތު އަދާކުރާއިރު، ސިފައިންގެ އަށް ބޭނުންވާ ވަސީލަތްތައް ހޯދާއިރު ސަރުކާރުގެ ވިސްނުމާ ހިލާފަށް މަސްލަހަތު އޮތީ މިވެނި ގޮތަކަށް ކަމަށް، މިވެނި ގައުމަކާ ގުޅުން ބަދަހި ކުރުމަށް ކަމަކަށް، އެ ވިސްނުމަކަށް ޖާގައެއް އޮވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ސިފައިންގެ 123 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެގޮތަށް ޖާގަ ލިބުނީމާ ވަރަށް ނުރައްކާތެރި ކަންތައްތަކާ ދިމާވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ވިދާޅުވީ އެގޮތަށް ޖާގަ ލިބުނީމާ ދައުލަތުގެ ސިޔާދަށް ގެއްލުންވާ ގޮތް ވާކަމަށެވެ.

ސިފައިންގެ މުއައްސަސާ ބަލަހައްޓަވާ މިނިސްޓަރަކަށް އިތުބާރު ދެވެނީ ގާނޫނީ ހުވަޔާ އެއްގޮތަށް، ވަޒީރުންގެ މަޖިލީހުން ނިންމަވާ ނިންމެވުންތައް އޭގެ ރޫހާ އެއްގޮތަށް ތަންފީޒު ކުރެއްވުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މޭޖަ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލު ވިދާޅުވީ ރައީސް ދޫކޮށްލާފައި ސިފައިން ނުދާނެ ކަމަށެވެ. އަދި ސިފައިން ތިބީ ގާނޫނީ ޒިންމާ އަދާ ކުރަން ކަމަށް ވެސް ވިދާޅުވި އެވެ.

"...ގާނޫނީ ޒިންމާ އަދާކުރާ އިރުގައި އަޅުގަނޑުމެންގެ ބަދަހި ސަފުތައް ފޫއަޅުވާލެވޭނެ ފަދަ އެއްވެސް ފުރުސަތެއް ދޭކަށެއް އަޅުގަނޑުމެން ސިފައިންނެއް ނެތީމޭ،" މޫސާ ޢަލީ ޖަލީލު ވިދާޅުވި އެވެ.

comment ކޮމެންޓް