ޓާމް ލިމިޓް އަނބުރާ އިޔާދަ ކުރުމަށް ލަންކާގައި ބިލެއް ހުށަހަޅައިފި

މަހިންދާ ރާޖަޕަކްސާ

ސްރީލަންކާގައި އެކަކަށް ވިދިވިދިގެން ދެ ދައުރަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ހުރެވޭ ގޮތަށް ރައީސް ރާޖަޕަކްސާގެ ދުވަސްވަރު ގާނޫނު އަސާސީ އަށް ގެނައި ބަދަލު ބާތިލުކޮށް، އެކަކަށް ވިދިވިދިގެން ދެ ދައުރަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ނުހުރެވޭ ގޮތަށް ހަމަޖެއްސުމަށް ސަރުކާރުން މިއަދު ޕާލަމެންޓަށް ބިލެއް ހުށަހަޅައިފި އެވެ.

އަދި ހަމަ އެއާ އެކު ފުލުހުންނާއި ޝަރުއީ ދާއިރާއަކީ މިނިވަންތަންތަން ކަމަށް ހެދުމަށް ވެސް ސަރުކާރުން މިއަދު ހުށަހެޅި އެވެ.

ސްރީލަންކާގައި އެެކަކަށް ދެ ދައުރަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ނުހުރެވޭ ގޮތަށް ގާނޫނު އަސާސީގައި އޮތް ގޮތް ނިމުމަކަށް ގެނެސް، ބޭނުން ދުވަހަކު ވެރިކަމުގައި ހުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރީ، 2010 ވަނަ އަހަރު ރާޖަޕަކްސާ ދެ ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ފަހު އެވެ.

ނަމަވެސް މި އަހަރު ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގަތް މައިތިރިޕާލާ ސިރިސޭނާ ވެރިކަމަށް ވަޑައިގަތީ އެ ނިންމުން ބަދަލު ކުރައްވައި އެކަކަށް ދެ ދައުރަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ނުހުންނެވޭނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް ލަންކާގެ ނޫސްތަކުން މިއަދު ބުނީ ސިރިސޭނާގެ ވައުދާ އެއްގޮތަށް، ޕާލަމެންޓަށް ބާރުތައްދީ، ވެސްޓްމިނިސްޓާ ސްޓައިލްގެ ޑިމޮކްރެސީ އަށް ބިލްގައި ޖާގަދީފައި ނުވާ ކަމަށެވެ.

އެ ބިލް މިއަދު ޕާލެމަންޓަށް ހުށަހެޅުއްވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ އެވެ. އެ ބިލަށް ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.

ސިރިސޭނާ މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނީ ވަރަށް އަވަހަށް ޕާލަމެންޓް އުވާލައްވައި އަވަސް އިންތިހާބެއް ބާއްވާނެ ކަމަށެވެ. ރައީސް ފުރަތަމަ ވިދާޅުވީ މިދިޔަ ހަފްތާގައި ޕާލަމެންޓް އުވާލައްވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ތާއީދު ރިފޯމް ޕެކޭޖަށް ހޯދުމަށް އެ ނިންމެވުން ވަނީ ފަސް ކުރައްވައިފަ އެވެ.

ޓާމް ނިމުމުގެ ދެ އަހަރު ކުރީން އާ އިންތިހާބަކަށް އިއުލާން ކުރައްވައި ވެރިކަން ގެއްލިވަޑައިގަތް، ރާޖަަޕަކްސާގެ ފަރާތުން ވާރުތަވި ޕާލަމެންޓްގެ މެޖޯރެޓީއެއް ސިރިސޭނާ އަކަށް ނެތެވެ.

ރާޖަޕަކްސާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސުން ބުނީ އެ ޕާޓީ އިން އެ ބިލަށް ތާއީދު ކުރާނީ މާދަމާ ވޯޓަށް އަހާ އިރު، އެއްބަސްވި ގޮތަށް އޮތް ފައިނަލް ބިލްގައި އޮތް ނަމަ ކަމަށެވެ.

ސަރުކާރުގެ ރަސްމީ ފަރާތްތަކުން ބުނީ ބިލް ކޮންމެ ގޮތަކަށް ނިމުނަަސް އަވަސް އިންތިހާބަކަށް ރައީސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

މައުލޫމާތު: ލަންކާގެ ނޫސްތައް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު