ތާޑު ޕާޓީ އިންޝުއަރެންސް އިހުތިޔާރު ކުރަނީ ޝަކުވާ ބޮޑުވުމުން: މޫސަ

ރީކޯ މޫސާ މަނިކު: އޭނާ ވަނީ ތާޑު ޕާޓީ އިންޝުއަރެންސް އިހުތިޔާރު ކުރުމަށް މަޖިލީހަށް އިސްލާހެއް ހުށަހަޅާފައި -- ސަން ފައިލް ފޮޓޯ

އެއްގަމުގައި ދުއްވާ ވެހިކަލްތައް ތާޑްު ޕާޓީ އިންޝްއަރެންސް ކުރުމަކީ، އިހުތިޔާރީ ކަމަކަށް ހެދުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅީ އެކަމުގައި ރައްޔިތުންގެ ޝަކުވާ ގިނަވުމުން ކަމަށް އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ މިއަދު "ސަން" އަށް މިއަދު ވިދާޅުވީ އެކަމުގައި ޓްރާންސްޕޯޓު އޮތޯރިޓީއަށް ވެސް ގިނަ ރައްޔިތުން ޝަކުވާ އުފުލަމުން އަންނަ ކަމަށެވެ. މޫސަ ވިދާޅުވީ ތާޑު ޕާޓީ އިންޝުއަރެންސް ކުރުމުން އޭގެ ބަދަލު ނުލިބޭތީ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"މިހާރު އަޅުގަނޑު އެ އިސްލާހު ހުށަހެޅީ މިކަމުގައި ރައްޔިތުންގެ ވަރަށް ގިނަ މީހުން ދެކޭ ގޮތް އަޅުގަނޑަށް ސާފުވެގެން ދިއުމުން. މިހާރު ކޮންމެ ތަނެއްގައި ވެސް ވަކި ހާއްސަ އަގުތަކެއް އެބަހުރި ސައިކަލަށް މިވެނި އަގެއް ކާރަށް މިވެނި އަގެއް. އެކަމަކު އޭގެ ބަދަލު ނުލިބޭ ޝަކުވާ މި އަންނަނީ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އޮންނަ ގޮތް މުޅިން ތަފާތު،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތާޑު ޕާޓީ އިންޝުއަރެންސް ކުރުން ގާނޫނުގައި އޮންނަ އޮތުން އިހުތިޔާރު ކުރި ނަމަވެސް އެފަރާތަކުން ބޭނުން ނަމަ ތާޑު ޕާޓީ އިންޝުއަރެންސް ކުރެވޭނެ ކަމަށާއި އެހެންނަމަވެސް ގާނޫނުގައި "މަޖުބޫރު" ކުރުން އޮންނަ އޮތުން ބަދަލުވާނެ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 66ވަނަ މާއްދާގައި ބުނެފައި ވަނީ ރާއްޖޭގެ އެއްގަމު ދަތުރު ފަތުރު ކުރުމުގެ ނިޒާމުގެ ތެރޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ ތާޑު ޕާޓީ އިންޝުއަރެންސް ކޮށްގެން ކަމަށެވެ.

ތާޑު ޕާޓީ އިންޝުއަރެންސް ކުރުން އިހުތިޔާރު ކުރުމަށް މޫސަ އިސްލާހު ހުށަހަޅުއްވާފައިވާއިރު އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި އިސްލާހުގެ އިތުރުން މިހާރު ވެސް ވަނީ ދެ އިސްލާހެއް ހުށަހަޅުއްވާފައި އެވެ. އެ އިސްލާހުތަކަކީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުން ކުރާ ޖޫރިމަނާ ބޮޑުކުރުމުގެ އިސްލާހާއި ބައެއް މަގުތަކުގައި ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން ޖެހޭ ގޮތަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހެވެ.

އެ ދެ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބަލައިގެންފައި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް