އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ސެމީފައިނަލިސްޓުންނާއި ފައިނަލިސްޓުން ކަށަވަރު ވެއްޖެ

މިދިޔަ އަހަރު ބޭއްވި ގައުމީ ކެރަމް މުބާރާތުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ފަސްވަނަ ކެރަމް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ސިންގަލްސް އިވެންޓުތަކުން، ފިރިހެން ބައިގެ ސެމީފައިނަލިސްޓުންނާއި އަންހެން ބައިގެ ފައިނަލިސްޓުން ކަށަވަރު ވެއްޖެ އެވެ.

އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ސިންގަލްސް އިވެންޓުތަކުގެ ތެރެއިން ފިރެހެން އިވެންޓުތަކުން މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައި ވަނީ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް، ހުސެއިން ނީޝާމް އަދި އާދަމް އަދީލް އެވެ. މުބާރާތުގެ ކުއާޓަރ ފައިނަލް މެޗުތައް ކުޅެފައި ވަނީ ރޭ ކެރަން އެސޯސިއޭޝަންގެ ހޯލްގައެވެ.

ރޭ ކުޅުނު ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކޮށްފައި ވަނީ މިދިޔަ އަހަރުގެ ފިރެހެން ސިންގަލްސް ބައިގެ ޗެންޕިއަން އާއި އިސްމާއިލް އަޒްމީނެވެ. އެ މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކުރީ އަޒްމީނެވެ. ރޭ ކުޅުނު ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި ޔަމާން އަބްދުލް ޖަލީލް އާ ވާދަކޮށް ސެމީގެ ޖާގަ ހަސަން ނާޒިމް ހޯދީ 2-1 ގެ ސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ.

އެސޯސިއޭޝަން ޗެންޕިއަންޝިޕްގައި ރޭ ކުޅުނު ތިން ވަނަ ކުއާޓާގައި ވާދަކުރީ ހުސެއިން ނީޝާމް އާއި މިދިޔަ އަހަރު އެ މުބާރާތުގެ ރަނަރަޕްކަން ހޯދި އަހުމަދު ހާމިދެވެ. އެ މެޗު ނީޝާމް ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ. އަދި ސެމީގެ ފަހު ޖާގަ އާދަމް އަދީލް ހޯދާފައި ވަނީ ރޭ ކުޅުނު ކުއާޓަރގެ ހަތަރުވަނަ މެޗުގައި އަލީ އާޒިމް ސީދާ ދެ ސެޓުން ބަލިކުރުމަށް ފަހު އެވެ.

އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ އަންހެން ސިންގަލްސް އިވެންޓުތަކަށް ބަލާލާއިރު، ރެ ކުޅުނު ތިންވަނަ ހޮވާ މެޗުޗުގައި ފާތިމަތު ރަޔާންއާ ވާދަކޮށް، ވޭތުވެދިޔަ ތިން އަހަރު ގައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލަސް ޑިވިޝަންގެ ޗެންޕިއަންކަން ހޯދި އައިމިނަތު ނިފާޝާ ވަނީ މުބާރާތުގެ ތިންވަނަ ހޯދާފައެވެ.

ރޭގެ ސެމީފައިނަލް މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ މިދިޔަ އަހަރުވެސް އެ މުބާރާތުގެ ސިންގަލްސް ފައިނަލްގައި ވާދަކުރި އައިޝަތު ފައިނާޒް އާއި އައިމިނަތު ވިޝާމާ އެވެ. އެ މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުތަކުގެ ގަދަ ހަތަރެއްގައި މިހާރު އޮތީ ގައުމީ އަންހެން ކެރަމް ޓީމުގައިވެސް ހިމެނޭ ހަތަރު ކުޅުންތެރިންނެވެ.

އެސޯސިއޭޝަން ޗެންޕިއަންޝިޕްގައި މިހާތަނަށް ދެ ކުޅުންތެރިއަކު ވަނީ ދެ ސްލޭމް (އެ ކުޅުންތެރިއަކަށް ލިބެ ފުރަތަމަ ފުރުސަތުގައި ވައްޓަން ޖެހޭ ހުރިހާ ފޮއްޗެއް ވައްޓާލުން) ހަދާފަ އެވެ. އެގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އަލީ ނޫރުޝާން ބްލެކް ސްލޭމްއެއް ހަދާފައި ވާއިރު، ކުއާޓަރ ފައިނަލްގައި އަހުމަދު ހާމިދު ވަނީ ވައިޓް ސްލޭމްއެއް ހަދާފައެވެ.

މި މަހުގެ 23 ވަނަ ދުވަހު ފެށި ފަސްވަނަ ކެރަމް އެސޯސިއޭޝަން ޗެންޕިއަންޝިޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ހުގެ ނިޔަލަށެވެ. ދެ ޖިންސުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުތައް ހިމެނޭ އެ މުބާރާތުގައި މިރޭ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޑަބަލްސް އިވެންޓުތަކުގެ މެޗުތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް