ސައިކަލާއި ފޭރާމުން ޑިއުޓީ ކުޑަކޮށް، ނެގި ޑިއުޓީ ރުޖޫއަ ކުރުމުގެ ބިލް ތަސްދީގުކޮށްފި

ރައީސް ޔާމީން: އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫ‏ނަށް 12 ވަނަ އިޞްލާޙު ‏‏ގެނައުމުގެ ބިލު ރައީށް ވަނީ ތަސްދީގު ކުރައްވާފައި-- ސަން ފައިލް ފޮޓޯ

ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ސައިކަލާއި ފޭރާމުން ނަގަމުން އަންނަ ޑިއުޓީ ކުޑަކޮށް، މި މަހުން ފެށިގެން އެ ބާވަތްތަކުން ބޮޑުކޮށްފައިވާ ޑިއުޓީ އަބުރާ ރުޖޫއަ ކުރަން މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވި އިރު މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނަގަމުން އައި 100 ޕަސެންޓުގެ ޑިއުޓީ ވަނީ 150 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.

ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗިހީގެ ތެރެއިން ކާރު، ޖީޕް، ވޭން، އޮޓޯ ސައިކަލާއި މޮޓޯ ސައިކަލް ފިޔަވައި އެހެން އުޅަނދުތަކުން 150 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެ ބިލްގައިވެ އެވެ.

އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުން 150 ޕަސެންޓުގެ ޑިއުޓީއެއް ނަގާ ގޮތަށް ކުރިން ފާސްކޮށްފައި އޮތް ނަމަވެސް، ބިލްގައި ވަނީ އެ އަދަދު 100 ޕަސެންޓަށް ތިރިކޮށްފަ އެވެ.

އެ ބިލްގައި ވަނީ ނިޓްކޮށްފައި ނުވަތަ ކްރޯޝޭ ކޮށްފައި ހުންނަ ތައްޔާރީ ހެދުމާއި ހެދުން އެޅުމުގައި ބޭނުންކުރާ އެއްޗިހިން އެއްވެސް ޑިއުޓީއެއް ނުނަގާނެ ކަމަށެވެ.

ނުކުޅެދޭ މީހުންނަށް ޚާއްސަކޮށްގެން ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗިއްސާއި އިންޖީނު ނުލާ ދުއްވާ އެއްޗިހި އަދި އެތަކެތީގެ ބައިތަކުން ނަގަންޖެހޭނީ ފަސް ޕަސެންޓުގެ ޑިއުޓީއެއް ކަމަށް އެ ބިލްގައިވެ އެވެ.

ޖަމީލް ވިދާޅުވީ އެބިލަކީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ ޖީބަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ހުށަހެޅި ބިލެއް ކަމަށެވެ.

އޭނާ ވިދާޅުވީ އަންނައުނުގެ ބާވަތްތައް ފަދަ ޒަރޫޒީ ބޭނުންތަކަށް ބޭނުންކުރާ ބާވަތްތަކުން ޑިއުޓީ މާފްކޮށް، އަދި ސައިކަލް ފަދަތަކެތިން ޑިއުޓީ ކުޑަކުރަން ހުށަހެޅީ ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

comment ކޮމެންޓް