ރިސޯޓުތައް 99 އަހަރަށް ކުއްޔަށް ދިނުމުގެ ބިލު ތަސްދީގުކޮށްފި

ރާއްޖޭގެ ރިސޯޓެއް: 99 އަހަރަށް ރަށްތައް ކުއްޔަށް ދިނުމަށް މަޖިލީހުން ފާސްކުރި އިސްލާހު ރައީސް ޔާމީން މިއަދު ވަނީ ތަސްދީގު ކުރައްވާފައި -- ސަން ފައިލް ފޮޓޯ

ޓޫރިސްޓު ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތައް 99 އަހަރަށް ކުށްޔަށް ދިނުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ 50 އަހަރަށް ރިސޯޓު ހިންގުމަށް ލިބިފައިވާ ފަރާތްތަކަށް އިތުރު 49 އަހަރު ލިބޭނެ ކަމަށެވެ.

ރިސޯޓު ކުއްޔަށް ހިފުމުގެ މުއްދަތު އިތުރު ކުރާނީ 50 އަހަރަށް، ރަށްރަށާއި ބިންތައް ކުއްޔަށް ހިފައިފައިވާ ފަރާތްތަކަކީ "އެކަމަށް ޝަރުތު" ފުރިހަމަވާ ފަރާތެއްނަމަ އެ ރަށެއް ނުވަތަ އެ ބިމެއް ކުށްޔަށްދީފައިވާ މުއްދަތު އިތުރު 49 އަހަރަށް އިތުރުކޮށްދޭން ގޮތަށެވެ.

ގާނޫނުގައި ބުނެފައިވާ ޝަރުތުތަކުގެ ތެރޭގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅުގައި ތަރައްގީކުރާ ރިސޯޓު ހުޅުވާފައިވުން ހިމެނެއެވެ. އަދި ހަމައެއާއެކު މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ފަސް މިލިއަން އެމެރިކާ ޑޮލަރު އެއް ފަހަރާ ދައްކާފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޓޫރިސްޓު ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ނުވަތަ ބިންބިމާ ނުވަތަ ފަަޅުފަޅުގައި ކުރާ އެއްވެސް މަސައްކަތެއްގައި އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނަފަދަ އެއްވެސް ކަމެއް ކުރަންވާނީ ކަމާ ބެހޭ މިނިސްޓްރީއަކުން ލިޔުމަކުން ހުއްދަ ހޯދުމަށްފަހުގައި ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ހަދާ އެއްވެސް ގަވާއިދަކާ ޚިލާފުވާ ފަރާތެއްވާ ނަމަ ފަސް މިލިއަން އެމެރިކާ ޑޮލަރަށް ވުރެއް ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ރިސޯޓުތައް 99 އަހަރަށް ކުށްޔަށް ދިނުމަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވާއިރު، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މީގެ ކުރިން ވިދާޅުވެފައި ވަނީ އިގްތިސާދީ ރިފޯމެއް ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ކޮންމެ ހިނދެއްގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް އިގްތިސާދީ ރިފޯމެއް ގެންނަންޖެހޭ ކަމަށް އަދީބު ވިދާޅުވި އެވެ.

އެގޮތުން ލޭންޑް ރިފޯމެއް ގެނެސް ފޮރިން އޯނާޝިޕް ދޭންޖެހޭ ކަމަށާއި އަދި ރިސޯޓްތަކަށް އިންވެސްޓްކުރުމަށް ބެންކުތަކުން ވެސް 40 އަހަރާއި 50 އަހަރުގެ މުއްދަތު ގަބޫލު ނުކުރާ ކަމަށާއި އޭގެ އެންމެ ރަނގަޅު މިންވަރަކީ 99 އަހަރު ކަމަށް އަދީބު ވިދާޅުވި އެވެ. އަދި 99 އަހަރަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިނަމަ ދައުލަތަށް އާމްދަނީ ލިބި ގިނަ ރިސޯޓުތަކުން މުއްދަތު އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް