ފާރިސް އާއި އެލްޖީއޭގެ ނައިބު ރައީސް ދިއްގަރު ދާއިރާއަށް ކުރިމަތިލައްވައިފި

މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފާރިސް މައުމޫން (ކ) އާއި އަމިއްލަ ގޮތުން ވާދަކުރައްވާ އެލްޖީއޭގެ ނާއިބު ރައީސް މޫސާ ނަސީރު އަހްމަދު (ވ) --

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ފާރިސް މައުމޫނާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ފާރިސް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ އިރު، މޫސާ ނަސީރު އަހްމަދު ކުރިމަތިލައްވާފައި ވަނީ އަމިއްލަ ގޮތުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ދެ ބޭފުޅުންގެ ފޯމް ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ބަލައިގެންފައިވާކަމަށެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ މެންދުރުފަހު 3:00 އެވެ.

ދިއްގަރު ދާއިރާއަށް ކުރިމަތިލެއްވުމަށް ފާރިސް މައުމޫން އިލެކްޝަންސް ކޮމިޝަނާ ފޯމް ހަވާލުކުރައްވަނީ ----- ފޮޓޯ/ ޕީޕީއެމް

މ. އަތޮޅު ކައުންސިލްގެ މެމްބަރު މޫސާ ނަސީރު އަހްމަދު ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ވެސް ފޯމް ހުށަހެޅުއްވި އެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އޭނާ ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ.

އެމްޑީޕީގެ ފަރާތުން ބައި އިލެކްޝަންގައި ވާދަކުރައްވަނީ މ. މަޑުއްވަރީ، ކާނިގޭ، އަހްމަދު ރާޒީ ކަމަށް އެޕާޓީން މިއަދު ވަނީ ބުނެފަ އެވެ.

އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވުމަށް ކުރިމަތިލެއްވި މ. ތްރީއޭވިލާ އިބްރާހީމް ޖިހާދު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވާފަ އެވެ.

comment ކޮމެންޓް