އިންފުލޭޝަން 0.92 ޕަސެންޓް މައްޗަށް

ބަޔަކު ވިޔަފާރި ކުރަނީ-- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ތަކެތީގެ އަގުތައް ނުވަތަ އިންފްލޭޝަން ރޭޓް މާޗް މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި 0.92 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކޮށްފައިވާ މިދިޔަ މާޗް މަހުގެ، ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.92 ޕަސެންޓް މަތީގަ އެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި އިންފްލޭޝަން ރޭޓަށް ބަލާ އިރު އެ އަދަދު ވަނީ 0.40 ޕަސެންޓް މައްޗަށް ޖެހިފައިވެ އެވެ.

މާޗް މަހުގެ ނިޔަލަށް އަހަރު ދުވަހުގެ އިންފުލޭޝަން މައްޗަށް ގޮސްފައިވާ ބައިތަކަށް ބަލާއިރު ތައުލީމީ ބައިގެ އިންފުލޭޝަން 9.31 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ދުންފަތާއި ދުމުގެ ބައިގެ އިންފުލޭޝަން 7.13 ޕަސެންޓް ވަނީ މަތިވެފަ އެވެ. އަދި ގޭގޭ ކުލީގެ ބައިގެ އިންފްލޭޝަން ވަނީ 3.32 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

އެ މުއްދަތުގައި އިންފުލޭޝަން ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ދަތުރުފަތުރުބައިގެ އިންފްލޭޝަން 2.15 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްގެ ބައިގެ އިންފުލޭޝަން ވަނީ 0.54 ޕަސެންޓަށް އިންފުލޭޝަން ދަށަށް ގޮސްފަ އެވެ. އަދި އަންނައުނާއި ފައިވާނުގެ ބައިގެ އިންފުލޭޝަން ވަނީ 0.52 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

މަހުން މަހަށް ބަލާއިރު މިދިޔަ މާޗް މަހުގެ އިންފުލޭޝަން ރޭޓު ވަނީ 0.07 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ފެބުރުއަރީ މަހުގެ ނިޔަލަށް ހުރީ 12 ޕަސެންޓް މަތިކޮށެވެ.

comment ކޮމެންޓް