ޕާކިސްތާނަށް ބޯކޮށް ވާރޭވެހި 44 މީހުން މަރުވެއްޖެ

ޕިޝާވަރުގައި ފެންބޮޑުވެފާ

ޕިޝާވަރު (އޭޕްރިލް 27) : ޕާކިސްތާނުގެ ޕިޝާވަރަށް މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 44 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
މޫސުމާބެހޭ ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ޕިޝާވަރަށް އަރާފައި ވަނީ ތޫފާނެކެވެ. މިއީ ޕާކިސްތާނަށް ހުޅަނގު މޫސުމުގެ ވިއްސާރަ ފެށޭ ދުވަސްވަރެވެ. މިދިޔަ އަހަރު ޕާކިސްތާނަށް ކުރި ހުޅަނގު މޫސުމުގެ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ގެއްލި އެތައްސަތޭކަ ގެއާއި އިމާރާތް ހަލާކުވެފައިވެ އެވެ. ޕިޝާވަރަށް މިއަދު އެރި ތޫފާނުގެ އަސަރު ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް ކޮށްފައިވެ އެވެ.

އިއްޔެ އެރި ތޫފާންގައި 44 މީހުން މަރުވުމުގެ އިތުރުން 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު ގަދަ ވައިގެ ސަބަބުން ގަސްތައްވެއްޓި އިމާރާތްތަކުގެ ފުރާޅު އެއްލާލައި ބައެއް އިމާރާތްތަކުގެ ފާރުތައް ވެސް ވެއްޓިފައިވެ އެވެ. އަދި ކަރަންޓް ކޭބަލްތައް ވެސް ކެނޑި ކަރަންޓާއި މުވާސަލާތީ ގުޅުންތަކަށް ބުރޫ އަރާފައިވެ އެވެ. މީގެ އިތުރުން ޕާކިސްތާނުގެ ހުޅަނގު އުތުރުގައިވާ ދަނޑުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

ޕާކިސްތާނުގެ ލޯކަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ބުނާގޮތުން ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެއްޗާއި ބޭހުގެ އެހީތައް ފޯރުކޮށްދިނުމުގެ ކަންތައް ކުރިޔަށް އެބަ ގެންދެ އެވެ. ޕިޝާވަރަކީ ޕާކިސްތާނުގެ ބޮޑު ސިޓީއެކެވެ. ތިން މިލިއަނެއްހާ މީހުން ދިރިއުޅޭ ޕިޝާވަރުގައި މިހާރު ވެސް ދެތިން ފޫޓަށް ފެންބޮޑުވެފައިވާ އިރު ބައެއް ގެތަކަށް ވެސް ވަނީ ފެންވައްދާފަ އެވެ. ޕިޝާވަރުން ފެންހިއްކުމަށް ޓަކައި ޕާކިސްތާނުގެ ސަލާމަތީ ބާރުތައް ޙަރަކާތްތެރިވަމުންދާ ކަމަށްވެ އެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު