ދެވަނަ ބުރާ މެދު ނުވިސްނަން، ޓާގެޓަކީ މި މެޗުގެ ތިން ޕޮއިންޓް: ސުޒޭން

މިއަދުގެ ޕްރެސްގައި މާޒިޔާގެ ކޯޗް ސުޒޭން އަދި ކެޕްޓަން އަސަދުﷲ --- ސަން ފޮޓޯ/ އަލީ ނަސީރު

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނިކުންނައިރު ދެވަނަ ބުރާ މެދު ނުވިސްނާ ކަމަށާއި، ބޭނުމަކީ މާދަމާގެ މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން އެއްވަރު ވުމަށް ފަހު، އެއް މެޗު ކާމިޔާބުކުރި މާޒިޔާ މިހާރު އޮތީ މުބާރާތުގެ ގްރޫޕް 'އީ' ތާވަލްގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު އެވެ. އަދި ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކުރި ބެންގަލޫރު ވަނީ ތާވަލްގެ ދެވަނައިގައި ނުވަ ޕޮއިންޓާއެކު ހަމަޖެހިލާފައެވެ.

"ދެވަނަ ބުރާ މެދު އެއްވެސް ވަރަކަށް ނުވިސްނަން. މިހާރު ކޮންސެންޓްރޭޓް ކުރަނީ މި މެޗަށް. މި މެޗުން ތިން ޕޮއިންޓް ލިބިއްޖިއްޔާ ހަތް ޕޮއިންޓާއެކު މާޒިޔާއަށް ތާވަލްގައި ހަމަޖެހިލުމުގެ ފުރުސަތު ލިބޭނެ. ކުރިއަށް އޮތް ދެ މެޗުން މޮޅުވިއަސް މާޒިޔާއަށް މުބާރާތުގެ ދެވަނަ ބުރަށް ދެވޭނީ އަދި އިތުރު ގޮތްތަކެއް ވެގެން،" މިއަދު ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.

އޭއެފްސީ ކަޕްގައި ބެންގަލޫރުގެ ދަނޑުގައި މާޒިޔާ ކުޅުނު މެޗުން އެ ޓީމް 2-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އެ މެޗުގައި ބެންގަލޫރު ލީޑު ނަގާފައި ވަނިކޮށް، މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ބެންގަލޫރު ވަނީ އިތުރު ވަގުތުގެތެރޭ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ތިން ޕޮއިންޓް ހޯދާފައެވެ. ނަމަވެސް، ބެންގަލޫރަކީ ވަރުގަދަ ޓީމަކަށް ވިޔަސް ސުޒޭން ވަނީ މާޒިޔާއަށް މެޗު ކާމިޔާބު ކުރުމުގެ އުންމީދު އޮތް ކަމަށް ބުނެފައެވެ.

"ބެންގަލޫރަކީ ވަރުގަދަ ޓީމެއް. އިންޑިއާގައި ކުޅުނު މެޗުގައިވެސް އެ ޓީމް ހަމަ ރަނގަޅު ފުޓްބޯޅައެއް ކުޅުނު. ފަހު ވަގުތު އެ ޓީމް ލަނޑެއް ޖަހައި މެޗު ކާމިޔާބު ކުރި ނަމަވެސް، މެޗުގައި މާޒިޔާއަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފަ. ޖުމްލަކޮށް ބުނާނަމަ މިތާނގައި ބޭރު ކުޅުންތެރިންނާ ދެކޮޅަށް ރާއްޖެ ކުޅުންތެރިން ދައްކަމުން ދަނީ ރަނގަޅު ކުޅުމެއް، އެހެން ކަމުން މި މެޗާ މެދު އުންމީދު ބޮޑު،" ސުޒޭން ބުންޏެވެ.

އޭގެ އިތުރުން ސުޒޭން ވަނީ ޓީމުގެ ބިދޭސީ ޑިފެންޑަރު ޒިވްކޯ ޑިނޭވް ފިޔަވައި އެހެން ކުޅުންތެރިން މި މެޗަށް ފިޓު ކަމަށާއި، ދަނޑުމަތީ ޒިވްކޯ ނެއްތަން ފޫބެއްދޭނެ ވަރުގެ ކުޅުންތެރިން މާޒިޔާގެ ސްކޮޑުގައި ތިބިކަން ފާހަގަ ކޮށްފައެވެ. އަދި ބެންގަލޫރު އެފްސީގެ އެންމެ ވިސްނަން ޖެހޭނެ އެއް ކުޅުންތެރިއަކީ އެ ޓީމްގެ ކެޕްޓަންގެ މަގާމްގެ އިތުރުން، އިންޑިއާ ގައުމީ ޓީމްގެ ކެޕްޓަންކަންވެސް އަދާ ކުރާ ސުނިލް ޗެތުރީ ކަމަށް ސުޒޭން ވަނީ ބުނެފައެވެ.

"ޗެތުރީ އަކީ އެއްވެސް އެއްޗަކަށް ނުވާ އެއްޗަކުންވެސް ލަނޑު ޖަހާ ކުޅުންތެރިއެއް. އެހެންކަމުން އެންމެ ބޮޑަށް ވިސްނަން ޖެހޭ އެއް ކުޅުންތެރިއަކީ އޭނަ. އޭގެ އިތުރުން ރޮބިން ސިންގް އަކީވެސް ހަމަ ފާހަގަ ކޮށްލެވޭ ކުޅުންތެރިއެއް. ނަމަވެސް ދިވެހި ކުޅުންތެރިންނަކީ އިންޑިއާ ކުޅުންތެރިން ވަރަށް ރަނގަޅަށް ދަންނަ ބައެއް، އެހެންކަމުން އެއީ ހަމަ ލިބޭ އެޑްވާންޓޭޖެއް،" ސުޒޭން ބުންޏެވެ.

ސުޒޭންގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާ ސްޕޯޓްސްގެ ކެޕްޓަން އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަސަދުﷲ އަބްދުﷲ (އަސައްކޮ) ވަނީ މި މެޗަށް ޓީމް ނިކުންނާނީ މޮޅުވާން ކަމަށާއި، ނަމަވެސް އެކަމަށް ޓީމުގެ ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓު ބޭނުންވާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް