ފާރިސް ހޮއްވަވައި ދެއްވުމަށް މައުމޫނު އެދިވަޑައިގެންފި

ބައިއިލެކްޝަންގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް މައުމޫނު ފާރިސްއާ ހަވާލު ކުރައްވަނީ .

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ، އަހުމަދު ފާރިސް މައުމޫނު އެ ދާއިރާގެ ގޮނޑިއަށް އިންތިހާބު ކުރެއްވުމަށް އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމު އެދިވަޑައިގެންފި އެވެ.

ބައިއިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާކުރެއްވި ފާރިސް އަށް ޕީޕީއެމްގެ ޓިކެޓް ރަސްމީކޮށް ހަވާލުކުރެއްވުމަށް އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މައުމޫނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނަށް އިތުރު ކާމިޔާބީ ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެމްބަރުން އިތުރުވި ވަރަކުން ކަމަށެވެ.

"... މި އިންތިހާބުގައި ވެސް ޕީޕީއެމްގެ މެމްބަރަކު މަޖިލީހަށް ހޮވިއްޖެއްޔާ އެވާނީ އަޅުގަނޑުމެންގެ ޕާޓީ އަށް އަދި ދިވެހި ސަރުކާރަށް ލިބިގެންދާ ވަރަށް ބޮޑު ބާރަކަށް ، ވަރަށް ބޮޑު ކުރިއެރުމަކަށް. އެހެންވީމާ އަޅުގަނޑު އެދެނީ ޕީޕީއެމްގެ ލޮބުވެތި ހުރިހާ މެމްބަރުން ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވައިގެން އިންތިހާބު ކާމިޔާބު ކޮށްދެއްވުން،" މައުމޫނު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބާއި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި ނައިބު ލީޑަރު ޢަބުދުﷲ ޢަބުދުއް ރަހީމް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަން މިއަދު ފެނުނު މަންޒަރު ޔަގީން ކުރެއްވޭ ކަމަށެވެ.

ފާރިސްއަކީ ރާއްޖޭގައި މަދުން ނޫނީ ނުފެންނަ ފަދަ އިލްމީ ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެ، ނިހާން ވާހަކަފުޅު ދެއްކެވުމުން އެކަމާ މެދު ފާރިސް ވިދާޅުވީ އެއީ އޭނާއާ އެކަށީގެން ނުވާ ވާހަކަފުޅެއް ކަމަށެވެ.

"... ދެންމެ އަޅުގަނޑާ އެކަށީގެންނުވާ އިބާރާތްތަކެއް ޕީޖީ ލީޑަރު ބޭނުން ކުރައްވައިފި، އެހެން ނަމަވެސް އަޅުގަނޑުމެން މިޕާޓީގެ ހުރިހާ އިސްބޭފުޅުންނާއި އަޅުގަނޑުމެންގެ ޕީޖީގްރޫޕްގެ މެމްބަރުންނާ މިހުރިހާ ބޭބޭފުޅުން މިހާ ވަރުގަދައަށް މަސައްކަތް ކޮށްދެއްވަން ތައްޔާރަށް ތިއްބެވިކަމީ އަޅުގަނޑުމެންނަށް ވަރަށް ހެޔޮފާލެއް،" ފާރިސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޓިކެޓް ފާރިސްއާ ރަސްމީކޮށް ހަވާލުކުރުމުން ބައިއިލެކްޝަންގައި ވާދަކުރެއްވުމަށް ފާރިސް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު