ބޭނުންވަނީ މޮޅުވާން، ނަމަވެސް މި މެޗު ފަސޭހައެއް ނުވާނެ: ބެންގަލޫރު ކޯޗް

ބެންގަލޫރު އެފްސީގެ އިންގްލެންޑް ކޯޗް އޭޝްލީ ވެސްޓްވުޑް ---- ފޮޓޯ/ ކަޕާސްޕޯޓްސް

އޭއެފްސީ ކަޕްގެ ފަސްވަނަ މެޗުގައި މާދަމާ އިންޑިއާގެ ބެންގަލޫރު އެފްސީ މާދަމާ ގޮލޮޅު ދަނޑުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނިކުންނައިރު، ބޭނުމަކީ މެޗު ކާމިޔާބު ކުރުން ކަމަށާއި، ނަމަވެސް މި މެޗު ފަސޭހައެއް ނުވާނެ ކަމަށް ބެންގަލޫރުގެ ކޯޗް އޭޝްލީ ވެސްޓްވުޑް ބުނެފިއެވެ.

މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވެސްތްވުޑް ބުނީ މި މެޗުން މޮޅުވެއްޖެނަމަ، ބެންގަލޫރަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވާނެ ކަމަށެވެ. އެހެންނަމަވެސް މި މެޗުން ޕޮއިންޓެއް ލިބުނަސް ފުދޭނެ ކަމަށް އޭނާ ބުންޏެވެ.

"ވޮރިއަރސް، އަދި ޕަރސިޕޫރާއާ ދެކޮޅަށް މާޒިޔާ ކުޅޭތަންވެސް ދެކުނިން. އެ ޓީމަކީ ނުރައްކާތެރި ޓީމެއް. ވަކިން ހާއްސަކޮށް އެ ޓީމްގެ 15 [ޕަބްލޯ] އާއި 10 [އަސަދުﷲ] އަދި 16 [ބޮކުރީ] ނަންބަރު ކުޅުންތެރިންނަކީ ފާހަގަ ކުރަން ޖެހޭ ކުޅުންތެރިން. މި މެޗަކީ ޓަފް މެޗަކަށް ވާނެ، އަހަރުމެން މި މެޗަށް ތައްޔާރުވީ އެ ވިސްނުމުގަ،" ވެސްޓްވުޑް ބުންޏެވެ.

ވެސްޓްވުޑް ބުނީ މި މެޗު އެއްވަރުވެ، ބެންގަލޫރަށް ޕޮއިންޓެއް ލިބުނު ނަމަވެސް އެ ޓީމަށް ދެވަނަ ބުރުގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުވީ ކަމަށެވެ. ނަމަވެސް ބެންގަލޫރު މިހާރު ވިސްނަނީ އެއްވަރު ވުމަށް ވުރެ ބޮޑަށް މި މެޗާއި ކުރިއަށް އޮތް މެޗުވެސް ކާމިޔާބު ކުރަން ކަމަށް ވެސްޓްވުޑް ބުންޏެވެ.

"އަހަރުމެންގެ ޓާގެޓަކީ ދެވަނަ ބުރަށް ދަތުރު ކުރުމަށްވުރެ ބޮޑަށް މި ގްރޫޕްގެ އެއްވަނަ ހޯދުން. އެއީ ދެވަނަ ބުރުގެ ޑްރޯ ގައިވެސް ފަސޭހަތަކެއް ލިބިގެން ދާނެ ކަމެއް. އެހެން ކަމުން މާޒިޔާ މެޗާއި، ދެން ގްރޫޕް ސްޓެޖުގައި ޕަރސިޕޫރާއާ ދެކޮޅަށް ކުޅޭ އެންމެ ފަހު މެޗުންވެސް ބޭނުމީ މޮޅުވާން،" ވެސްޓްވުޑް ބުންޏެވެ.

"އަހަރުމެންނަކީ މި މުބާރާތަށް އާ ބައެއް. ވީހާވެސް ގިނަ މެޗުތައް ކާމިޔާބު ކުރުން އެއީ އަހަރުމެންގެ ބެނުމަކީ. އެހެން ކަމުން މާދަމާ މާޒިޔާއާ ކުރިމަތިލާނީވެސް އެ ވިސްނުމުގަ.،"

މި މެޗަށް ނިކުންނައިރު ސްކޮޑުގައި އަނިޔާގެ އެއްވެސް މައްސަލަތަކެއް ނޫޅޭކަން ފާހަގަކޮށް، ހުރިހާ ކުޅުންތެރިންނަށްވެސް މި ލެވެލްގައި ވާދަކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

މި މިހާތަނަށް މި އަހަރު ގާތްގަނޑަކަށް ވާދަވެރި 26 ވަރަކަށް މެޗު ކުޅެފައި ވާކަމަށާއި، އެހެން ކަމުން ޓީމް އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށް ވެސްޓްވުޑް ބުންޏެވެ.

އޭއެފްސީ ކަޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، އެއް މެޗުން ބަލިވި ބެންގަލޫރު މިހާރު އޮތީ ނުވަ ޕޮއިންޓާއެކު ގްރޫޕް 'އީ' ތާވަލްގެ އެއްވަނައިގައެވެ. އަދި ހަތަރު މެޗުގެ ތެރެއިން ދެ ބައްޔާއި އެއް ކާމިޔާބީ ހޯދުމަށް ފަހު އެއް މެޗުން އެއްވަރުވި މާޒިޔާ މިހާރު އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ.

comment ކޮމެންޓް