އާއިލާއާ ބެހޭ ބިލާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި މުއައްސަސާތައް ހާޒިރު ކުރުން މުހިއްމު: މެމްބަރުން

އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާ މެމްބަރު އަބްދުލް ލަތީފް މުހައްމަދު އާއިލާއާ ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި މުއައްސަސާތައް ކޮމެޓީއަށް ހާޒިރު ކުރުން މުހިންމު ކަމަށް އެ ބިލް ދިރާސާ ކުރަމުންދާ އިޖުތިމާއީ ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާން ވިދާޅުވީ އާއިލާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅޭ ގޮތުން މުއައްސަސާތަކުން ހާޒިރު ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ކޮމިޓީގައި ހިމެނޭ މެމްބަރުން ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީހުގެ އިތުރުން ފެމެލީ ކޯޓުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އެހެންނަމަވެސް އެ ގޮތަށް ފާސްކުރަން ފެންނަ ކަމަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ފެމލީ ކޯޓުން އެބިލާ މެދު ދެކޭ ގޮތް ހާމަކޮށް ފޮނުވާފައިވާ ސިޓީ ވަނީ ކޮމިޓީގައި އިއްވާފައެވެ. އަދި ބިލުގައި އެ ދެ މުއައްސަސާއަށް ފާހަގަކުރެވުނު ނުކުތާތައް ވެސް އެ ސިޓީއާ އެކު ހުށަހަޅާފައިވެއެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވީ އެ ބިލަކީ ވަރަށް "ހައްސާސް" ބިލެއް ކަމަށާއި އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ނިންމާލައިފި ނަމަ ބައެއް ކަންތައްތައް އަތުން ދޫވުން އެކަށީގެންވާ ކަމަށެވެ.

ކޮމިޓީ ނިންމާލައްވަމުން ކޮމިޓީގެ މުގައްރިރު އަދި ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ވިދާޅުވީ އެ ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށްވާތީ މަޖިލީސް ޗުއްޓީއަށް ދިޔުމުގެ ކުރިން ބިލްގެ މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް މެމްބަރުންގެ ޚިޔާލުތަކަށް ރިއާޔަތް ކުރުމަށްފަހު މުގައްރިރު ބިލުގެ މަސައްކަތް ދެން އަންނަ ދައުރެއްގައި ފެށުމަށް ނިންމެވީ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.

އާއިލާއާ ބެހޭ ގާނޫނަށް ލަތީފު ހުށަހެޅުއްވި އިސްލާހުގައި ވަނީ ދެމަފިރިން ވަރިކުރާއިރު އެ ދެ މީހުން ކައިވެނީގެ މުއްދަތުގައި ހާސިލުކޮށްފައިވާ މުދަލެއް ނުވަތަ ފައިސާއެއްވާނަމަ އެ މުދަލަކީ ކޮބައިކަމާއި އެ ފައިސާގެ މިންވަރަކީ ކޮބައިކަން ކަނޑައަޅައި ވަރިކޮށްފައި އިންނަ އަންހެނާއަށް އެ މުދަލެއް ނުވަތަ އެ ފައިސާއެއް ހޯދުމަށް ކޮށްފައިވާ މަސައްކަތް ބެލުމަށްފަހު އެ ދެމަފިރިންގެ މެދުގައި އަދުލުވެރި ގޮތުގައި ބަހައި އެ މުދަލުން ނުވަަތަ ފައިސާއިން ވަރިކޮށް އިންނަ އަންހެނާއަށް ހައްގުވާ ބައި ނުވަތަ މިންވަރު ކޯޓުން ކަނޑައަޅަންވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު