ބީއޭސީ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާމަނަކަށް މޫސާ ނާޝިދު އިންތިހާބު ވެއްޖެ

ބީއޭސީ އިންތިހާބުގެ ތެރެއިން ---- ފޮޓޯ/ ބީއޭއެމް

ބެޑްމިންޓަން އޭޝިއާ ކޮންފެޑެރޭޝަން (ބީއޭސީ) ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާމަނަކަށް މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް)ގެ ރައީސް މޫސާ ނަޝީދު އިންތިހާބު ވެއްޖެއެވެ.

ބީއޭސީގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާމަނަކަށް ނާޝިދު އިންތިހާބު ވެފައި ވަނީ ޗައިނާގެ ވޫހާންގައި މިމަހުގެ 25 ވަނަ ދުވަހު ބޭއްވި ބީއޭސީގެ އާންމު އިންތިހާބުގައެވެ.

ދެކުނު އޭޝިއާ ސަރަހައްދުން އަދި މިހާތަނަށް މުޅިން އަލަށް އެފަދަ މަގާމަކަށް އިންތިހާބުވި ނާޝިދު އަކީ 1990 ވަނަ އަހަރުން ފެށިގެން ގައުމީ ފެންވަރެއްގައި ބެޑްމިންޓަން ކުޅެ، ގިނަ އަދަދަކަށް ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވާ ފާރާތެކެވެ.

ބެޑްމިންޓަން ކުޅުން ހުއްޓާލުމަށް ފަހު ބެޑްމިންޓަންގެ އިދާރީ ދާއިރާގައި އަގުހުރި މަސައްކަތްތަކެއް ކުރަމުން އަންނަ ނަޝީދު ވަނީ މީގެ ކުރިން ބީއޭސީ ދެކުނު އޭޝިއާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ލީޑަރެއްގެ މަގާމް ވެސް އަދާކުރައްވާފައެވެ.

ބީއޭސީގެ ޑިވެލޮޕްމަންޓް ކޮމިޓީ އަކީ ދުނިޔޭގައި ބެޑްމިންޓަންގެ ދާއިރާގައި އޭޝިއާ ސަރަހައްދު ދައުރު އިތުރު ވަމުން އަންނާތީ، އޭޝިއާގައި ދެމެހެއްޓެނިވި، ސިސްޓަމެޓިކް ގޮތެއްގައި ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމުގައި އުފައްދާފައިވާ ކޮމިޓީއެކެވެ. އެ ޕްރޮގްރާމްގެ ބޭނުމަކީ އެތުލީޓުންނާއި މުޖުތަމައުގެ ތެރޭ ބެޑްމިންޓަންގެ ޝައުގުވެރިކަން އިތުރުކޮށް، އެ ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރުމެވެ.

comment ކޮމެންޓް