ވިކްޓްރީ އަށް ޖެނަރަލް ސެކްރެޓަރީއެއް ހޯދަން އިއުލާންކޮށްފި

މިސީޒަންގައި ވިކްޓްރީ ކުޅުނު ފުރަތަމަ މެޗްގައި އެޓީމްގެ ފުރަތަމަ އެގާރައިގެ ހިމެނޭ ކުޅުންތެރިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ހިންގުން ހަރުދަނާ ކުރުމަށް އެޓީމަށް ޖެނަރަލް ސެކްރެޓަރީއެއް ހޯދަން އިއިލާންކޮށްފި އެވެ.

އިއްޔެ ވިކްޓަރީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމަގާމަށް މީހަކު ހޯދަނީ ކްލަބްގެ ހިންގުމަށާއި މާކެޓިން އަށް ކަމަށެވެ.

މުސާރައިގެ ގޮތުގައި އެލެވެންސާ އެކު 15،000 ރުފިޔާ އާއި 18،000ރުފިޔާ ދެމެދު އަދަދެއް ހުށަހަޅާފައިވާ މިމަގާމަށް ޝަރުތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޢުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ މީހަކަށް ވުމާއި މާކެޓިން ދާއިރާއިން ބެޗްލާސް ޑިގްރީއެއް ހާސިލްކޮށްފައިވާ މީހަކަށް ވުމާ އެކު ދެ އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ހުރުންކަމަށް ވިކްޓްރީން ބުނެ އެވެ.

މިމަގާމަށް ކުރިމަތިލާ ފަރާތަކުން ހުށަހަޅަން ޖެހޭނީ މި މަހުގެ 30 ވަނަ ދުވަހުގެ 10:00 މެންދުރު ފަހު 2:00 ދެމެދު ކްލަބް އޮފީސް (އެފްއޭއެމް) އަށް ކަމަށެވެ.

އެޓީމުން ބުނީ، ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދުމަށް 7771645 ށް މެސެޖަކުން އެދިވަޑައިގެން އީމެއިލް އެޑްރެސް ފޮނުއްވުމުން އިތުރު މަޢުލޫމާތު ފޮނުވައިދޭނެ ކަމަށެވެ.

ކުރީގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ވިކްޓަރީއަށް ވަނީ 2013 ވަނަ އަހަރުފެށިގެން ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި އޮތް މަގާމު ގެއްލިފަ އެވެ. އަދި އެހަރު އެޓީމް ވަނީ ރެލިގޭޝަން ކުޅެފަ އެވެ. މި އަހަރާއި ވޭތުވެ ދިޔަ ދެ އަހަރު ވެސް އެޓީމްގައި އޮތީ ވަރަށް ޒުވާން ސްކޮޑެކެވެ.

އެޓީމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމު ކުރިން އާދާކުރެއްވި ބޭފުޅުންގެ ތެރޭގައި އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގް ހިމެނެ އެވެ.

comment ކޮމެންޓް