ދޮޅު އަހަރުތެރޭ 20000 ވަޒީފާ އުފެއްދިފައިވޭ: ސައީދު

ރޭ ގެ ޖަލްސާގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްފާން

މި ސަރުކާރަށް މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 20000 ވަޒީފާ އުފެއްދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބޭރުގެ އިންވެސްޓަރުންނަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ތައާރަފް ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އުފެއްދިފައިނުވާ ބިޒުނަސް އިންކުއިބޭޓާ ނިޒާމެއް އެންޓަޕުރައިޒް ޑިވެލޮޕްމެންޓުގެ ނަމުގައި އިކޮމިކް މިނިސްޓުރީގައި މިހާރު ވާނީ ގާއިމް ކުރެވިފައިވާ ކަމަށެވެ. އެ މަސައްކަތްތަކާއެކު މިވީ ދޮޅު އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 20000 އާ ގާތްކުރާ އަދަދަކަށް ވަޒީފާ އުފެދިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"ފިޝަރީޒް ދާއިރާގައި އުފެދިފައިވާ ވަޒީފާތަކާއި ދަނޑުވެރިންނަށް ދެވޭ އިނާއަތްތަކާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި އުފެދި އަދި އުފެދެމުންދާ ވަޒީފާތަކާއެކު 94000 ވަޒީފާ ގެ އަމާޒް ޔަގީންވޭ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ރާއްޖެއަކީ އިންތިހާއަށް ރީތިގައުމަކަށްވާއިރު އެކަމާއި ގުޅުން ހުރި ވިޔަފާރިތައް ރާއްޖެއަށް ގެނައުމަށްޓަކައި އޯޕަންޝިޕް ރަޖިސްޓްރީއެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއާއެކު ރާއްޖޭގައި އަގުބޮޑެތި އުޅަނދުތައް ރަޖިސްޓުރީ ކުރަން ހުޅުވާލާނެ ކަމަށެވެ.

ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑައަކީ ގައުމުގެ ހާލަތު ބަދަލުކުރާނެ އުސޫލްތަކެއް ކަމަށާއި ރާއްޖެއަކީ މި ސަރަހައްދުގައި ވިޔަފާރިކުރަން އެންމެ ފަސޭހަ ގައުމަށް ހައްދަވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް