ތަރައްގީއަށް މުހިންމީ ރައްޔިތުންގެ އެއްބާރުލުން: މިނިސްޓަރު މުއިއްޒު

ގޮއިދޫ ބަނދަރު ފުން ކުރުމުގެ ރަސްމިއްޔާތު މިނިސްޓަރު މުއިއްޒު ފައްޓަވައި ދެއްވަނީ-- ފޮޓޯ/ ހައުސިން މިނިސްޓްރީ

ރަށުގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ތަރައްގީގެ އެކި މަސައްކަތްތަކުގައި ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ ރަށުގެ ރައްޔިތުންގެ އެކުވެރިކަމާ އެއްބާރުލުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. ގޮއިދޫ ފަޅު ފުން ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ ގޮއިދޫގެ ފަޅު ފުން ކުރެވިގެން ދަނީ އެ ރަށު ރައްޔިތުންގެ "ވަރަށް ފުރިހަމަ އެއްބާރުލުމެއް" ލިބިގެން ކަމަށެވެ. އަދި ވިދާޅުވީ އެ ރަށުގެ ފަޅު ތިލަވެފައި އޮތުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އެކަމުގައި އުފުލަން ޖެހުނު ކަމަށެވެ.

"މިއަދުގެ މި ސަރުކާރަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މި ސަރުކާރަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ތަފާތު ކުރުމެއް ނެތި ހަމަހަމަ އުސޫލުން ހައްލު ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ސަރުކާރެއް. ކުދި އާބާދީތައް ކަމުގައިވީ ނަމަވެސް ނޫނިއްޔާ ބޮޑެތި އާބާދީތައް ކަމުގައިވީ ނަމަވެސް އެ ރަށްރަށުގައި ދިމާވެފައި ހުންނަ އަސާސީ ކަންކަން ހައްލު ކޮށްދިނުމަށް އިސްކަން ދީގެން މަސައްކަތް ކުރަމުން އަންނަ ސަރުކާރެއް. އެގޮތުން މި ރަށުގެ ފަޅު ފުން ކުރުމަށްޓަކައި އަޅުގަނޑުމެން މި މަސައްކަތް ކުރުމަށް ނިންމާ އިރާދަކުރެއްވިއްޔާ މިކަން ފެށިގެން މި ދަނީ،" މުއިއްޒު ވިދާޅުވި އެވެ.

ގޮއިދޫ ފަޅު ފުން ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވާހަކަފުޅުދައްކަަވަނީ: ފޮޓޯ/ ހައުސިން މިނިސްޓަރު

ފަޅު ފުން ކުރަމުންދާ ވަގުތު މިނިސްޓްރީގެ "މެޝިނަރީތައް ބޭނުންކޮށްގެން" ރައްޔިތުން އެދޭ ބައެއް ކަންތައްތައް ކޮށްދޭނެ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކް ސާވިސް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމް ކުރާނެ ކަމަށާއި އެކަމަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.

"އެކަމަށްޓަކައި ހޯދަން ޖެހޭ މެޝިނަރީތަކާ އެކަމަށް މުވައްޒަފުން ހޯދުމާއި މިބާވަތުގެ މަސައްކަތްތައް މިހާރު އަޅުގަނޑުމެން މި ދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުއްމީދަކީ އަހަރެއްހާ ދުވަސް ތެރޭގައި މިކަހަލަ ދެ ނޫނީ ތިން ސެންޓަރެއް އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރުން. މިހާރު ވެސް ކުޅުދުއްފުށީގައި އެ ވަނީ ސެންޓަރެއް ގާއިމް ކުރެވިފައި. އަދި ލ. އަތޮޅުގައި ވެސް އެ ވަނީ ސެންޓަރެއް ގާއިމް ކުރެވިފައި. ވަރަށް ބޮޑު ހަރަދެއް ކޮށްގެން ބަނދަރުތައް މި ހެދެނީ. ނަމަވެސް ބަނދަރުތައް ނުވަތަ ނޫނީ މަގުތައް ނުވަތަ އެފަދަ ތަންތައް ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ގޮއިދޫ ފަޅު ފުން ކުރުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

comment ކޮމެންޓް