ދިއްގަރު ދާއިރާއަށް ވާދައެއް ނުކުރާނަން، ކެންޑިޑޭޓަކަށް ވެސް ތާއިދެއް ނުކުރާނަން: މޫސާ ނަސީރު

ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވާދަ ކުރެއްވި ފާރިޝް އަދި މޫސާ ނަސީރު-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވި މޫސާ ނަސީރު، އަމިއްލަ ގޮތުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ނުކުރައްވަން ނިންމަވައިފި އެވެ.

މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ވާދަ ނުކުރައްވަން މޫސާ ނަސީރު ނިންމެވީ، އަމިއްލަ ގޮތުން ބައި އިލެކްޝަންގައި އޭނާ ވާދަކުރައްވަން އެދޭ މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް މޫސާ ނަސީރަށް ތާއިދުކުރާ ބަޔަކު މަސައްކަތް ފަށާފައި ވަނިކޮށެވެ.

މޫސާ ނަސީރު "ސަން"އަށް މިއަދު ވިދާޅުވީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަ ނުކުރަން ނިންމާފައިވާ ކަމަށާއި ޕާޓީގެ ޕްރައިމަރީގައި ދާއިރާގެ އާންމު މެމްބަރުން ދެއްކި ނަތީޖާއަށް އިހްތިރާމް ކުރާ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމެއް ނެތް، ކެންޑިޑޭޓަކަށް ތާއިދު ކުރުމަކަށް. އަޅުގަނޑު ބޭނުންވަނީ ސައިލެންޓްކޮށް ހުންނަން. ދާއިރާގެ އާންމު މެމްބަރުން ނެރުއްވި ނަތީޖާއަށް އަޅުގަނޑު އިހްތިރާމް ކުރަން،" މ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާ މޫސާ ނަސީރު ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ދިއްގަރު ދާއިރާގެ ޕީޕީއެމް ޕައިމަރީގައި މޫސާ ނަސީރާ ވާދަ ކުރައްވައި ފާރިޝް މައުމޫން ކާމިޔާބު ހޯއްދެވީ 147 ވޯޓުގެ ތަފާތުންނެވެ. ފާރިޝްއަށް ލިބިވަޑައިގެންނެވީ 289 ވޯޓެވެ. އަދި މޫސާ ނަސީރަށް ލިބިވަޑައިގެންނެވީ 142 ވޯޓެވެ.

އަންނަ ޖޫން ހައެއްގައި ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރެއްވުމަށް ނަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.

comment ކޮމެންޓް