ދިއްގަރު ދާއިރާއަށް ނުކުތުމާ މެދު އަދި ގޮތެެއް ނުނިންމަން: މޫސާ ނަސީރު

ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވާދަ ކުރެއްވި ފާރިޝް އަދި މޫސާ ނަސީރު-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ އަށް އަމިއްލަ ގޮތުން ނުކުތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށް އެ ދާއިރާގެ ޕީޕީއެމް ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި މޫސާ ނަސީރު ވިދާޅުވެއްޖެ އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު ވިދާޅުވީ އޭނާ ގޮތެއް ނިންމަވާނީ ގިނަ ރައްޔިތުން އެދޭ ގޮތަކަށް ކަމަށެވެ.

މޫސާ ނަސީރު އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ސޮއި ހޯދަމުންދާ ވާހަކައާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ އެއީ ޒުވާނުންތަކެއް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑު އެކަހަލަ ނިންމުމެއް ނިންމާފައެއް ނުވާނެ. އޭގައި ވެގެން އުޅޭގޮތަކީ ދާއިރާގެ ވަރަށް ގިނަ ޒުވާނުންތަކެއް ޕްރައިމަރީގެ ނަތީޖާއާ ގުޅިގެން ދެން އެ އަދަދަކީ ވޯޓިން ޕޮޕިއުލޭޝަން [ވޯޓްލެވޭ އާބާދީ] ވަރަށް ބޮޑޭ. 2555 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް މި ދާއިރާގައި އޮވޭ. އެހެންވީމާ އަދި 430 މީހުންގެ މެދުގައި ނަގާ ވޯޓެއްގެ ނަތީޖާއަކުން އަޅުގަނޑު ފަހަތަށް ޖެހެން ނުޖެހޭ ކަމަށް ވަރަށް ގިނަ ޒުވާނުން ދެކޭ،" މޫސާ ނަސީރު ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ފާރިސް މައުމޫނާ ވާދަކޮށް މޫސާ ނަސީރު ވަނީ ނާކިޔާބުވެވަޑައިގެންފަ އެވެ. ފާރިސް އަށް 289 ވޯޓް ލިބިވަޑައިގަތް އިރު މޫސާ ނަސީރަށް ލިބިވަޑައިގެންފައި ވަނީ 142 ވޯޓެވެ.

comment ކޮމެންޓް