އެމްބީސީ އުވާލައި އާ ކުންފުންޏެއް އުފައްދަން ހުށަހެޅި ބިލު ކޮމިޓީ އިން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

ދައުލަތުގެ މީޑިއާ މިހާރު ހިންގަމުން އަންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި އާ ކުންފުންޏެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ފާސްކޮށްފި އެވެ.

ކޮމިޓީގެ ރިޕޯޓުގައި ބުނެފައި ވަނީ އެގޮތަށް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދިނީ އެވަގުތު ކޮމިޓީ އަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ކޮމިޓީ މަރުހަލާގައި އެ ބިލަށް މެމްބަރުން ވަނީ ބައެއް އިސްލާހުތައް ގެނެސްފަ އެވެ. އެގޮތުން ގެނެސްފައިވާ އެންމެ ބޮޑު އެއް އިސްލާހަކީ ބިލުގެ 15ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހެވެ.

ކޮމިޓީ އިން ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ގަވާނިން ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ދައުރު ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ދެވަނަ ދައުރުން ފަށައިގެން އެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައީސް އޮފީހުން އިއުލާން ކުރުމުން ކަމަށް ވެސް ކޮމިޓީ އިން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

"ޕަބްލިކް ސާވިސް މީޑިއާ" ގެ ބިލް ގާނޫނަކަށް ވުމާ އެކު މިހާރު އަމަލު ކުރަމުން ގެންދާ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެ ގާނޫނާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އެއްވެސް އުސޫލަކާ ތައާރަޒުވާ އުސޫލެއް ނުވަތަ މާއްދާއެއް ހިމެނޭ ކަމުގައިވާ ނަމަ، އެ ގަވާއިދެއް ނުވަތަ އުސޫލެއް އެ ގާނޫނާ ތައާރަޒުވާ މިންވަރަކަށް އަދި އެ ގާނޫނުގެ ބޭނުމަށް ޓަކައި ބާތިލް ވެގެންދާނެ ކަމަށް ވެސް އެ ބިލްގައި ބުނެފައިވެ އެވެ.

އެ ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ގަވަނިންގް ބޯޑު އެކުލަވާލައި، ބޯޑުގެ އިސް މަގާމުތަކަށާއި، ޕަބްލިކް ސާވިސް ހިންގުމުގެ އެންމެ އިސް މަގާމުތަކަށް އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މީހުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ފަށަންވާނެ ކަމަށް ބުނެފައިވެ އެވެ.

އެފަދަ ގާނޫނެއް ހެދުމުގެ ބޭނުމަކީ އިންޓަނެޓްގެ ޒަރިއްޔާ އިން އުފެދިގެން އަންނަ ނިއު މީޑީއާގެ އެންމެހާ ވަސީލަތްތަކާ ޕްރިންޓް މީީޑިއާ އާއި އަދި މި ނޫނަސް ހަބަރާއި މައުލޫމާތާ ހޭލުންތެރިކަމާ މުނިފޫހިފިލުވުން ފޯރުކޮށްދޭ އެންމެހައި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ދިވެހި ދައުލަތުގެ ބަޖެޓުގެ ޚަރަދުކޮށްގެން ހިންގާ ވަރުގަދަ އަދި ހަރަދަނާ ގައުމީ މީޑިއާއެއް ބިނާކުރުން ކަމުގައި އެ ބިލްގައި ބުނެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް