މޭޑޭގައި ރައީސް ޔާމީނަށް ރައްޔިތުން ކޮންޓްރޯލެއް ނުކުރެވޭނެ: އިމްރާން

މޭޑޭގެ ހަރަކާތާ ގުޅޭ ގޮތުން އިމްރާން ވާހަކަފުޅު ދައްކަވަނީ:

އަންނަ މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ އެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދިވެހި ރައްޔިތުން ކޮންޓްރޯލް ނުކުރެވޭނެ ކަމުގެ އިންޒާރު އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ދެއްވައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ހުޅުމާލޭގައި މިރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ކުރިފުޅު މަތީގައި "ގާނޫނީ އިން" ބަހައްޓަވާނީ "މޭޑޭ"ގައި ކަމަށެވެ. އަދި ވިދާޅުވީ އެ ދުވަހު ޒިންމާ ނަގަން ނޭނގޭ މީހުން "ފަސް އެނބުރި، ރޯން ޖެހޭނެ" ކަމަށާއި އެ ދުވަހު މަޝްވަރާގެ މޭޒަށް ގެންނަންޖެހޭ މީހުން ގެންނަވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ މާ ކުރީގައި. މާ ކުރީގައި. އަޅުގަނޑުމެން 'މޭޑޭ'ގައި މަނިކުފާނުގެ ކުރިފުޅު މަތީގައި ގާނޫނީ އިން ބަހައްޓާނަން. ދެން މަނިކުފާނަށް އިނގޭނީ 'ހަރުގަނޑަށް' އަރާނީތޯ، ވެއްޓޭނީތޯ،" އިމްރާން ވިދާޅުވި އެވެ.

މޭޑޭގެ ހަރަކާތުގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު "ނަގާ އެއްލަވާލެއްވުމަށް" އިމްރާން ގޮވާލެއްވި އެވެ. އޭރުން ރައީސް ޔާމީނަކީ ބުއްދިވެރިއަކަށްވާނެ ކަމަށެވެ. އަދި އެއީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތް ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެ ދުވަހާ [މޭޑޭ] ހަމައަށް އަންނަންވާއިރަށް ރައީސް ޔާމީނަކީ ބުއްދިވެރިއެއް ވެއްޖެއްޔާ އަދީބު ނަގާއެއްލަވާލައްވާ. މިއީ ޕީޕީއެމްގެ ރޫހު. މިއީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ބޭނުންވާ ގޮތް. މިއީ ރައީސް މައުމޫން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތް،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކޮންޓްރޯލް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުނާއި ދައުލަތުގެ މުއައްސަސާތަކާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށެވެ. އަދި އެ ބޭފުޅުންނާއި މުއައްސަސާތައް ކޮންޓްރޯލް ކުރަމުންދަނީ ބިރުދައްކައިގެން ކަމަށް އިމްރާން ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ފައިސާ، ވިޔަފާރިވެރިންގެ ފައިސާ، އިންވެސްޓަރުންގެ ފައިސާ ހޯދައިގެން ރައީސް މައުމޫނާއި ކެބިނެޓް މިނިސްޓަރުނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ހުރިހާ މުއައްސަސާއެއް ބިރުވެރިކަމެއްގައި ބައިތިއްބައިގެން ތިޔަ ކޮންޓްރޯލް ކުރައްވަން އުޅޭ ގޮތަށް ކަންތައް ކުރެވިދާނެ. އެކަމަކު މި ގައުމުގެ ރައްޔިތުންނެއް މަނިކުފާނަކަށް ކޮންޓްރޯލް ނުކުރެވޭނެ،" އިމްރާން ވިދާޅުވި އެވެ.

މިރޭގެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ މޭޑޭގެ އެއްވުމަކީ އެހާ އަވަހަށް ނިންމާ ނުލައްވާނެ ކަމަށެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި އެ އެއްވުމުގެ ވަގުތު ދިގު ދެމިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އެމްޑީޕީ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް އަވަހަށް މިނިވަންވެގެންދާނެ ކަމަށް އަލީ ވަހީދު މިރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކ. ހިންމަފުށީ އައްސޭރި ޖަލުން ގ. ކެނެރީގެއަށް ނަޝީދު ވަޑައިގަންނަވާނެ ކަމަށެވެ.

comment ކޮމެންޓް