ނަޒާހާތްތެރިކަމުގެ ގައުމީ އެވޯޑު އޮޑިޓް އޮފީހާއި ޓްރާންސްޕޭރެންސީއަށް ލިބިއްޖެ

ބަންޑާރަ ނައިބު މުހައްމަދު އަނިލް، އޮޑިޓް އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ނަޒާހާތްތެރިކަމުގެ ގައުމީ އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: އޭސީސީ އެފްބީ ޕޭޖް

ނަޒާހާތްތެރިކަމުގެ ގައުމީ އެވޯޑު އޮޑިޓާ ޖެނެރަލްގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

އަލަށް ތައާރަފްކުރި ނަޒާހާތްތެރިކަމުގެ ގައުމީ އެވޯޑު އޮޑިޓް އޮފީހަށާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ހަވާލުކޮށްދެއްވީ، އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ، ނަޒާހާތްތެރިކަމުގެ ގައުމީ އެވޯޑެއް ތައާރަފްކުރުމަކީ ކޮރަޕްޝަން މަނާކޮށް ނައްތާލުމަށްޓަކައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މަސައްކަތަށް އިތުރު ދިރުމެއް ގެނެސްދޭނެ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ، މިއަހަރު އެ އެވޯޑު ހަސިލް ކުރި އޮޑިޓް އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ޝުކުރު ދަންނަވާފައެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ކެޓަގަރީން އެ އެވޯޑަށް ނޮމިނޭޓްވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހެވެ. އަދި ޖަމިއްޔާތަކުގެ ކެޓަގަރީން ނޮމިނޭޓް ވެފައިވަނީ ހަމައެކަނި ޓްރާންސްޕޭރަންސީ މޯލްޑިވްސް އެވެ.

ވަކިވަކި ފަރުދުންނަށް ވެސް އެ އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ނޮމިނޭޓް ވުމަށް ބޭނުންވާ މިންވަރަށް މާކްސް ލިބިފައި ނުވާތީ އެ ކެޓަގަރީން މި ފަހަރު އިނާމުދީފައެއް ނުވެއެވެ.

comment ކޮމެންޓް