ފެނުނުތާ ހަ މަސް ފަހުން ގިލަންވެރިކަމެއް!

ފުރުޓް ފްލައި: ތަރުކާރީއާއި މޭވާއަށް ގެއްލުންދޭ--

ގުދުރަތީ ނަފާގެ ތެރެއިން ށ. ފީވަކަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ އަނބެވެ. އެރަށުގެ 200 ގޭގައި މީހުން ދިރިއުޅޭ އިރު ކޮންމެ ގެއެއްގައި ވެސް ގިނަ އަދަދަކަށް އަނބުގަސް ހުރެ އެވެ. މަސައްކަތަކާ ނުލައި އެރަށުގައި އިންތިހާއަށް އަނބު ހެދޭއިރު އެއީ އެރަށަށް އެތައް ލައްކަ ރުފިޔާއެއް ލިބޭ ވަސީލަތެކެވެ. އަހަރެއްގެ ތެރޭގައި ދެ ފަހަރު މަތިން އަންނަ އަނބު މޫސުމުގައި އެ ރަށަށް ތިން މިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ކޮންމެ މޫސުމެއްގައި ލިބޭ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ. އެއީ ދިރިއުޅުމުގެ އެތައް ޒަރޫރީ ބޭނުމެއް ބަރޯސާވެފައިވާ އާމްދަނީ އެވެ. މިއަހަރު މިވަނީ އެކަމަށް ގިލަންވެރިކަމެއް އައިސްފަ އެވެ.

"މިރަށުގައި އަނބު ހެއްދުމަކީ އެއްވެސް ބުރަމަސައްކަތަކާ ނުލައި ވާކަމެއް. ނަމަވެސް އެއީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ކަމެއް. ގާތްގަނޑަކަށް ގެއަކަށް 80000ރ. އަނބު ވިއްކައިގެން އަނބު މޫސުމެއްގައި ލިބޭ. ނަމަވެސް މިފަހަރު ލިބޭ އަނބުގެ 90 ޕަސެންޓް ހުންނަނީ ހަލާކުވެފައި،" ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން ވިދާޅުވި އެވެ.

އިންތިހާއަށް އަނބު ތިޔާގި ފީވަކުގައި މިފަހަރުގެ އަނބު މޫސުމުގައި ވެސް އަނބު އަޅަން ފެށީ ވަރަށް ތިޔާގިކޮށެވެ. މޫސުން ފެށުމާ އެކު އަނބުގަސްތައް ޒީނަތްތެރިކޮށްލީ އަނބު މަލުންނެވެ. މާގިނަ ދުވަހެއް ނުވެ އެވެ. ގިނަ އަނބުގަސްތައް އަނބުން ފުރާލި އެވެ. ހިމަ ގޮފިތަކަށް ކިރިޔާ ކެތްވާވަރަށް އަނބުއަޅައި ފުރާލި އެވެ. ނަމަވެސް އެއާ އެކު ދެން ފެންނަން ފެށީ ހިތާމަވެރި މަންޒަރެކެވެ. މާބޮޑަށް ޅަކޮށްހުރެ އަނބު ދޮންވަނީ އެވެ. އެތައް ހާސް އަނބެއް ގަސްދޮށަށް ފައިބަން ފެށީ އެވެ. ހަމަ އެއާ އެކު އަނބުން "ފީ ކުލަ" ދައްކަން ފެށި އެވެ.

"އަނބު ވަރަށް ޅަކޮށް ހުއްޓައި ދޮން ވަނީ. ދެން ފަޅާލައި އެތެރެބަލާއިރު އެއްކޮށް ފީވެފައި އޮންނަނީ. އެއެތި އިންނަނީ އެމޭވާއެއްގެ ތެރޭގައި،" އަނބަށް ދިމާވާ މައްސަލަ ކިޔައިދެމުން އަލީ ވިދާޅުވި އެވެ.

މީގެ ހަ ވަރަކަށް މަސް ކުރިންވެސް އެކަން އިންތިހާއަށް އެރަށަށް ދިމާވިނަމަވެސް އެއީ ކޮންގޮތަކުން ދިމާވާ ކަމެއްކަން އެރަށު މީހުންނަށް ރޭކާނުލާކަމަށް އަލީ ވިދާޅުވި އެވެ. އެކަން ކަމާ ބެހޭ ފަރާތްތަކަށް އެންގި ކަމަށާއި ނަމަވެސް މާ ބޮޑު ސަމާލުކަމެއް އެކަމަށް ނުލިބުނު އިރު އެކަމުގެ ހައްލެއް މިއަދާ ހަމައަށްވެސް ނުލިބޭ ކަމަށް އަލީ ވިދާޅުވި އެވެ. ނަތީޖާއަކަށްވީ، މުޅި އެރަށް ކުޑަކުޑަ ސޫތްޕެއްގެ ޝިކާރައަކަށް ވުމެވެ. އެރަށަކީ ހުރިހާ ވައްތަރެއްގެ ދަނޑުވެރިކަން ކުރާ ރަށަކަށްވީ ނަމަވެސް އެންމެ ބޮޑަށް އެބަލި ފެންނަން ހުރީ ޖަނބުރޯލާއި އަނބުންނެވެ. އެއީ ކިހިނެއްވާ ކަމެއްކަން ނޭންގުމުގެ ނަތީޖާއަކަށްވީ އެފަދަ މޭވާ އާއި ތަރުކާރީ ކެއުމުގައި ބޭނުން ކުރުމުގެ އިތުރުން ވިއްކުމަށް ޓަކައި ވެރިރަށް މާލެއަށާއި އަތޮޅުތެރެއަށް ވެސް އިންތިހާއަށް ބޭރުކުރުމެވެ.

ފީވަކަށް ދިމާވި އެ އާދަޔާ ޚިލާފު ކަންތައްތަކަށް ފަހު ފިޝަރީޒް މިނިސްޓްރީ އިން ވަނީ އެރަށަށް ގޮސްފަ އެވެ. އަދި އެވާގޮތް މިވަނީ ހޯދައިފަ އެވެ. މިކަން މިއީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް އައިސްފައިވާ ބޮޑު ބިރުވެރިކަމެކެވެ. ސަބަބަކީ އެރަށުން ފެނިފައި ވަނީ ރާއްޖެ އިން މިހާތަނަށް ނުފެންނަ ބާވަތެއް ކަމަށްވާ "ފުރުޓް ފްލައި" އެވެ. އިރުދެކުނު އޭޝިއާގެ ގައުމުތަކުން އާންމުކޮށް ފެންނަ، ފުރުޓް ފްލައިގެ ތެރޭގައި ވެސް ހިމެނޭ އެންމެ ނުރައްކާތެރި ބާވަތް ކަމަށްވާ "އޮރިއެންޓަލް ފުރުޓް ފްލައި" އެވެ. އެއީ ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުގައި އުޅޭ އަދި އޭގެ ސަބަބުން އެގައުމެއްގައި ހައްދާ މޭވާއާއި ތަރުކާރީއަށް އެންމެބޮޑަށް ގެއްލުންދޭ ސޫތްޕެވެ. އެރަށަށް އެސޫފި އައިސްފައިވާ ކަމަށް އެރަށު ކައުންސިލުން ބުނަނީ އެރަށަށް ރާއްޖޭން ބޭރުން ގަސް ގެނައުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ. އެކަން އެވަނީ ފީވަކު ދަނޑުވެރިކަމަށް ގިލަންކަން ގެނުވާފަ އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެފަދަ ސޫތްޕެއް ފެނުނުކަން އެ މިނިސްޓްރީ އަށް އެނގިފައި ވަނީ މިދިޔަ މަހު ކަމަށެވެ. ފީވަކުން ފެނުނު ސޫފި އެހެން ރަށްރަށުން ފެނޭތޯ ބަލަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެ ސޫފީގެ ސަބަބުން ދަނޑުވެރިކަމަށް ބޮޑު ގެއްލުމެއްވީ ނަމަވެސް އެއީ އިންސާނުންނަށް ގެއްލުމެއް ދިމާވެދާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މާލޭގެ މާރުކޭޓުގައި އެގޮތަށް ފީވެފައި އަނބުތަކެއް ހުރިކަމަށް ލިބުނު މައުލޫމާތާ އެކު އެ މިނިސްޓްރީ އިން ބެލިބެލުމުން "މާލޭ މާރުކޭޓަކުން އެ ފަންޏެއް ނުފެނުނު" ކަމަށް ވިދާޅުވި އެވެ.

"އޭގެ ސަބަބުން އިންސާނުންނަކަށް ގެއްލުމެއް ނުވާނެ. މޭވާތައް ހަލާކުވެ، ދަނޑުވެރިކަމަށް އޭގެ އަސަރު ކުރާނީ،" ޝަރީފް ވިދާޅުވި އެވެ.

އެ ސޫތްޕަކީ އިންތިހާއަށް ނުރައްކާތެރި އެއްޗެކެވެ. ދަނޑުވެރިކަމަށް އޮތް ބޮޑު ބިރެކެވެ. މޭވާއާއި ތަރުކާރީ ފީކޮށްލާ އެ ސޫތްޕަކީ ނައްތާލެވޭނެ އެއްޗެއް ނޫނެވެ. އަދި ރަށަކަށް އެތެރެވެއްޖެ ނަމަ އެ ކޮންޓްރޯލްކުރުމަށް ދާ ހަރަދު ބޮޑުވެފައި އޭގެ ސަބަބުން ރަށުގައި ހައްދާ މޭވާއާއި ތަރުކާރީއަށް ނުހަނު ބޮޑެތި ގެއްލުންވެ އެވެ. ފްރުޓް ފްލައިގެ މެހި ސްޓޭޖް، 50 – 100 ކިލޯމީޓަރު ދުރަށް އުދުހެ އެވެ. މިސޫފި މިހާރު ރިކޯޑުކުރެވިފައިވާ، ފީވަކުން ތަކެތި ގެންދާ އިރު މިކަމަށް ސަމާލުވުން މުހިއްމެވެ.

"ފުރުޓްފްލައި ރިކޯޑުކުރެވޭ ރަށްރަށުން މޭވާ އާއި ތަރުކާރީ ނުގެންދިޔުން މުހިންމު. އަދި މީގެ އިތުރުން ފްރުޓްފްލައިގެ އެއްވެސް އަލާމާތެއް ރަށުގައި ހުރި އަނބު ނުވަތަ މިނޫންވެސް މޭވާއާއި ތަރުކާރީއަކުން ފެނޭތޯ ބަލައި ޗެކްކޮށް ފްރުޓްފްލައިގެ އެއްވެސް ނިޝާނެއް ފެނިއްޖެ ނަމަ މިނިސްޓްރީއަށް އަވަހަށް ރިޕޯޓުކުރޭ،" ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެ ނުރައްކާތެރި ސޫފި ރާއްޖޭން ފެނިފައިވާ އިރު ފިޝަރީޒް މިނިސްޓްރީ އިން ބުނާ ގޮތުގައި ރާއްޖޭގެ ފިނި ހޫނުމިން ފްރުޓް ފްލައި އާލާވާން ވަރަށް އެކަށީގެންވެ އެވެ. އެ ސޫފީގެ ސަބަބުން މޭވާއަށް ގެއްލުން ލިބެނީ އެއެއްޗެއްގެ ފަނީގެ މަރުހަލާގަ އެވެ. ފުރުޓްފްލައިގެ އަންހެން މެހި ކޮންމެ ދުވަހަކު ގާތްގަނޑަކަށް 25 ބިސް އަނބުގެ ތޮށިގަނޑު އެތެރެއަށް އަޅަ އެވެ. ބިސް ހުންނާނީ ކްރީމް ކުލައިގައި އަދި ސައިޒުން ގާތްގަނޑަކަށް އެއް މިލިމީޓަރު ދިގުކޮށްށެވެ. މިފަނި ވެސް އިންނާނީ ކްރިމް ކުލައިގަ އެވެ. މިފަނި ތިން މަރުހަލާއެއް ކަޑައްތުކުރެ އެވެ. ފަނި މޭވާ ކެއުމުގެ ސަބަބުން އިންސާނުންނަށް އެމޭވާއެއް ނުކެވޭ ވަރަށް ހަލާކުވެއެވެ. ފަނި ސްޓޭޖުގައި ގާތްގަނޑަކަށް 10 ދުވަސް ވެއެވެ. ފަނީގެ ތިން މަރުހަލާ ކަޑައްތުކުރުމަށްފަހު ފަނި ޕިއުޕާއަކަށް ބަދަލުވުމަށް ވެލިގަނޑުގެ އެތެރެއަށް ނުވަތަ އެއްޗެތީގެ އެތެރެއަށް ވަދެއެވެ.

އެ ފަނިތައް އަނބުގެ އެތެރެ އެއްކޮށް ”ތޮރުފާލައި“ ތަފާތު ފަންގަސް ބަލިތަކާއި ބެކްޓީރީއާ ބަލިތައް ޖެހުމަށް ދޮރު ހުޅުވަައިދެ އެވެ. އެކަމުގެ ސަބަބުން މޭވާތައް އަވަހަށް ފާވެ ގަސްދޮށަށް ފައިބަން ފަށަ އެވެ. އަނބުން ފެންނަ އަލާމާތަކަށް ބަލާއިރު ފަނިތަކުގެ ސަބަބުން ފާވެ ކަޅުވެފައި ހުންނަ ބޮޑެތި ލައްގަނޑު ހުރެ އެވެ. އަދި މޭވާ އިން ފަނި ނުކުތް ލޯވަޅުތައް ވެސް ފާހަގަވާން ހުންނާނެ އެވެ. ދުނިޔޭގައި ފުޅާ ދާއިރާއެއްގައި އަނބު ހައްދާ ގައުމުތަކަށް ބަލާ އިރު، އެފަނީގެ ސަބަބުން އެ މޫސުމެއްގައި ހެދޭ ކޮންމެ 10 އަނބަކުން 8 އަނބު މާކެޓުގައި ނުވިއްކޭވަރަށް ހަލާކުވެ އެވެ.

ޑެޕިއުޓީ މިނިސްޓަރު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރީން ހޭލުންތެރިވެ މިނިސްޓްރީއަށް އެއްބާރުލުން ދެއްވުމަކީ ރާއްޖޭގެ ދަނޑުވެރިކަން މިބަލިން ސަލާމަތް ކުރުމަށް އެޅޭނެ އެންމެ މުހިންމުފިޔަވަޅު ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީން ދޭ މައުލޫމާތާއި އިރުޝާދުތަކަށް ޢަމަލުކުރުމަށް އޭނާ އެދިލެއްވި އެވެ.

"އަޅުގަނޑުމެން ރައްޔިތުން މިކަމަށް ހޭލުންތެރިވެ އަވަސް ފިޔަވަޅު އަޅައިފިކަމަށް ވާ ނަމަ އަނެއްހެން މާ ބޮޑު މައްސަލައެއް ނެތި ކޮންޓުރޯލް ކުރެވިދާނެ،" ޝަރީފް ވިދާޅުވިއެވެ.

ފްރުޓް ފްލައި އަކީ ނައްތާލެވޭނެ އެއްޗެއްނޫން ނަމަވެސް މިއީ މަސައްކަތުން ކޮންޓުރޯލް ކުރެވޭނެ އެއްޗެއް ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެ އެވެ. އެގޮތުން ފްރުޓް ފްލައިގެ އަލާމާތްތައް ފެންނަ ތަރުކާރީ ނުވަތަ މޭވާ އަންދާލުން ނުވަތަ ބިމުއަޑީގައި ވަޅުލުން މުހިންމެވެ. ހަމައެހެންމެ ފްރުޓް ފްލައިގެ އަންހެން މެހި 'މޭޓް' ކުރުމަށް ފަހު ބިސްއެޅުމަށް ޕްރޮޓީން ގިނައިން ބޭނުންވާއިރު ޕްރޮޓީން އާއި ބަޔޯ އިންސެކްޓިސައިޑެއް އެއްކޮށްފައި ގަހުގެ ފަތްތަކަށް ސްޕްރޭކުރުމުން އަންހެން މެހީގެ އާބާދީ ދަށްކޮށްދޭނެ އެވެ. މީގެ އިތުރުން ހޫނު ފެނުގެ ފަރުވާ އަނބަށް ދެވޭނެ ނިޒާމެއް ޤާއިމުކުރުން މުހިންމެވެ.

"މޭވާ ދޮން ނުވަނީސް ބިނދެފައި 48 ޑިގްރީސްގައި 60 މިނެޓަށް ބެހެއްޓުމުން އަނބުގައި އުޅޭފަނި މަރުވެ ފްރުޓް ފްލައި އިތުރަށް ފެތުރުވުން ހުއްޓުވުމަށް އެހީ ވެދޭނެ. މިގޮތަށް ގަޑިއިރެއްވަރު ހޫނު ފެނުގައި ބެހެއްޓުމަށް ފަހު ވައި ދައުރުވާތަނެއްގައި ނުވަތަ އާދައިގެ ފެނަށްލާފައި ބެހެއްޓުމުން އަނބުގެ އެތެރޭގައި ހުރި ހޫނުކަން ދަށްކޮށްދޭނެ. ހޫނު ފެނުގައި ބެހެއްޓުމުގެ ސަބަބުން އަނބުގެ ކޮލިޓީއަކަށް މާބޮޑު ބަދަލެއް ނާންނާނެ،" ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.

މީގެ ހަމަސް ކުރިން ފެނި އަދި އެކަންކަން ބޮޑުވެގެން މިއުޅޭ ސޫފީގެ ނުރައްކާތެރިކަން ބޮޑުވެފައިވީ ނަމަވެސް އެސޫފި މުޅި ރާއްޖެއަށް ފެތުރުފައިވާ މިންވަރެއް އަދި ދެނެގަނެވިފައެއް ނުވެ އެވެ. މި ހާދިސާއިން އިބުރަތް ލިބިގަނެގެން ވެސް މިފަދަ މައްސަލަތަކުގައި ސީރިއަސްވުމަށް ވިސްނަން ޖެހެ އެވެ. ހަ މަސް ކުރިން ފެނުނު އެސޫފީގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމަށް މިވަނީ ގިލަން ވެރިކަމެއް އައިސްފަ އެވެ.

comment ކޮމެންޓް