އެންމެ ޝަރަފްވެރި އެވޯޑު މިފަހަރު "ގާދޫކޮލުން ބޭރަށް"!

2014 ވަނަ އަހަރު ކުރުނބާ ރިސޯޓުގައި ބޭއްވި މަޓާޓޯ ޓްރޭވަލްް އެވޯޑްސްގެ ތެރެއިން ----- ސަން ފައިލް ފޮޓޯ

މީގެ ހަތަރުވަރަކަށް އަހަރު ކުރިން އެ މަސައްކަތް ފެށީ ކާމިޔާބުވެދާނެ ކަމުގެ މާބޮޑު އުންމީދެއް އޮވެގެނެއް ނޫނެވެ. މިހާރުގެ ބަހުން ނަމަ "ހޯޕެއް" އޮވެގެނެއް ނޫނެވެ. ނަމަވެސް ހިތްވަރު ދިނުމުގެ ގޮތުން މީހަކު ނަސޭހަތެއް ދޭނަމަ އަބަދުމެ ބުނާ ބަހެއް އޮވެ އެވެ. މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ނުވާނެ އެއްވެސް ކަމެއް ނޯންނާނެ ވާހަކަ އެވެ. ތެދެކެވެ. ހިތްވަރެއް ކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވެ އެވެ. "މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2015" އަކީ އޭގެ މިސާލެކެވެ.

އެއީ މިއަދު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑެވެ. އެ އެވޯޑް ލިބިފައި ނެތް ނަމަ "މިއީ ޓޫރިސްޓު ރިސޯޓެއް ނޫން" ކަމަށް ގަބޫލުކުރާ އެތައް ރިސޯޓެއް މިހާރު ވެސް ރާއްޖޭގައި އެބަ ހިންގަ އެވެ. އެ އެވޯޑު ހޯދުމަށް އެތަކެއް "ކެމްޕޭނެއް" ސޯޝަލް މީޑިއާ އަދި އެހެނިހެން ގޮތްގޮތުން އެފަދަ ފަރާތްތަކުން ދަނީ ކުރަމުންނެވެ. މިއަހަރަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ޓްރެވަލް އެވޯޑްސް ބާއްވާ ހަތަރު ވަނަ ފަހަރެވެ.

ލީޑިން ލިވަބޯޑްގެ އެވޯޑް އެއް ލިވަބޯޑަކުން ތިން ފަހަރަށް ހޯދާފައި ---- ސަން ފައިލް ފޮޓޯ

"މިކަން ފެށުމުގެ ކުރިން އަޅުގަނޑުމެން ދެތިން އަހަރަކު މިވާހަކަ ދެއްކިން. އަޅުގަނޑުމެން ހިތަށް އެރި މަޓާޓޯ އިން މިކަހަލަ ކަމެއް ކުރީމަ މީހުން އެކަން އެކްސެޕްޓެއް ނުކުރާނެ ކަމަށް. އެގޮތަށް ވަރަށް ގިނަމީހުން ބުނި ނުވާނެއޭ ތިކަމެއް. އެކަމަކު ވެސް ބޭނުންވީ މަސައްކަތް ކޮށްލަން. ދެން ދެ އަހަރަކު ބޭއްވީމާ މިއީ ވަރަށް ފުރިހަމަ އެވޯޑަކަށް މިހާރު ވެއްޖެ،" މަޓާޓޯގެ ރައީސް އިބްރާހިމް ގިޔާސް ވިދާޅުވި އެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑް އެންމެ ފުރަތަމަ ދީފައި ވަނީ 2012 ވަނަ އަހަރު އެވެ. އެ އަހަރު އެވޯޑް ދީފައި ވަނީ ޖުމްލަ 20 ކެޓަގަރީ އަކުންނެވެ. އެއަށް ފަހު 2013 ވަނަ އަހަރު އޮޅުވެލި ބީޗް އެންޑް ސްޕާގައި އެވޯޑް ދީފައިވާ އިރު އެ އަހަރު ޖުމްލަ 22 ކެޓަގަރީއަކުން އެވޯޑް ދިނެވެ. އަދި 2014 ވަނަ އަހަރު ކުރުނބާ އައިލެންޑް ރިސޯޓުގައި އެވޯޑް ދިން އިރު އެ އަހަރު ޖުމްލަ 23 ކެޓަގަރީއަކުން އެވޯޑް ދިނެވެ.

2014 ވަނަ އަހަރު މަޓާޓޯ މޯލްޑިވްސް ޓްރޭވަލް އެވޯޑްސް ހާސިލްކުރި ފަރާތްތައް ----- ސަން ފައިލް ފޮޓޯ

ގޮންޖެހުންތަކާ އެކުގައި ނަމަވެސް މަޓާޓޯ އިން އައީ އަހަރަކަށް ފަހު އަހަރެއް ޓުރެވަލް އެވޯޑްސް ފްޅާކުރަމުންނެވެ. ކެޓަގަރީތައް އިތުރުކޮށް ޝަރަފުގެ ލިސްޓަށް ނަންތައް އިތުރު ކުރަމުންނެވެ. އެގޮތުން މި އަހަރު ޖުމްލަ 33 ކެޓަގަރީއަކުން މި އެވޯޑް ދޭނެ އެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގެ ކުރިއަރާފައިވާ ރިސޯޓުތަކުގައި އެވޯޑް ދެމުން އައި ނަމަވެސް، މިއަހަރު އެ އެވޯޑް މިވަނީ "ގާދޫކޮލުން ބޭރުވެފަ"އެވެ. ޓްރެވަލް އެވޯޑްސްގެ ހާއްސަ އެޑިޝަނެއް ދުނިޔޭގެ އެތައްބައެއްގެ ލޯތައް ހުއްޓިފައިވާ ދުބާއީގައި ހުންނަ "ދުސިޓްތާނީ ދުބާއީ"ގައި އަންނަ މެއި މަހު ފަސްވަނަ ދުވަހު ބާއްވަން މަޓާޓޯ އިން ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.

މިއަހަރު މަޓާޓޯ މޯލްޑިވްސް ޓްރޭވަލް އެވޯޑްސް ގެ ހާއްސަ އެޑިޝަން ބާއްވަން ހަމަޖައްސާފައިވާ ދުބާއީގެ ދުސިޓްތާނީ ހޮޓެލް

މަޓާޓޯގެ ރައީސް އިބްރާހިމް ގިޔާސް ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރަށް މަޓާޓޯ ޓުރެވަލް އެވޯޑްސްގެ ބައެއް ގެންދިޔުމުގެ ބޭނުމަކީ އަރަބިއަން ޓްރެވަލް މާކެޓްގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރު ކުރުމެވެ. ގިޔާސް ވިދާޅުވި ގޮތުގައި އެފަދަ ބޮޑު މާކެޓަކަށް ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރެވިއްޖެ ނަމަ އޭގެ ފައިދާ ރާއްޖޭގެ ލޯކަލް ޓޫރިޒަމުން ފެށިގެން ބޮޑެތި ރިސޯޓުތަކަށް ވެސް ކުރާނެ އެވެ.

"އަޅުގަނޑުމެން ދުބާއީގައި ބާއްވަން ނިންމާފައިވާ އެވޯޑް ދިނުމުގެ ހަފްލާގައި އެކޮޅުގެ [ދުބާއީގެ] ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވަރަށް ގިނަ އިސް ފަރާތްތައް ބައިވެރިވާނެ. އޭގެ ތެރޭގައި އިންވެސްޓަރުން، ބޮޑެތި ޓްރެވަލް އެޖެންޓްސް، ހޮޓެލިއާސް ވެސް ހިމެނޭނެ. އެހެންވީމާ އެ ފަރާތްތަކާ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ބައްދަލުވެ، ޑެސްޓިނޭޝަން ޕްރޮމޯޓްވެގެން ދާނެ،" ގިޔާސް ވިދާޅުވި އެވެ.

ދުބާއީގައި އެވޯޑު ދެވޭ ހާއްސަ 10 ކެޓަގަރީއެއް މަޓާޓޯ އިން ފައިނަލް ކޮށްފައިވާ އިރު އެ އެވޯޑްތަކަށް އޮންލައިންކޮށް ވޯޓު ދިނުމުގެ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ. އެ އެވޯޑަށް ހާއްސަ 10 ކެޓަގަރީއެއް މަޓާޓޯ އިން ހޮވާފައި ވަނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ.

"ވަރަށް ގިނަ ގެސްޓްހައުސްތަކުން ވެސް އަޅުގަނޑުމެންގާތު އެދެމުން އައީ މިޑްލް އީސްޓްގައި މާކެޓް ކުރަން. އެހެންވީމާ އަޅުގަނޑުމެން ބެލީ އެމީހުންނަށް އެ ފުރުސަތު ދޭން. ރާއްޖެ އިން ބޭރަށް ގޮސް ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކޮށް ނެޓްވޯކިން ޕްލެޓްފޯމެއް ގާއިމް ކުރަން. އެގޮތުން އަޅުގަނޑުމެން ބެލީ ރާއްޖެ އިން ބޭރަށް ގޮސްގެން އެބަޔަކަށް އެންމެ ބެނެފިޓްވާނެ 10 ކެޓަގަރީއެއް ހޮވައި އެ ކެޓަގަރީތަކަށް ދުބާއީގައި އެވޯޑްދޭން،" ގިޔާސް ވިދާޅުވި އެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސް ކޮންމެ އަހަރެއްގައި ވެސް އިންތިޒާމު ކުރާ ފަރާތްކަމުގައިވާ "ހައިރައިޒް"ގެ ޖެނެރަލް މެނޭޖަރު ހަބީބާ ހުސައިން ވިދާޅުވީ ރާއްޖެ އިން ބޭރަށް ޓުރެވަލް އެވޯޑްސް ގެންދިއުމުގެ ބޭނުމަކީ އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ރާއްޖެ ޕްރޮމޯޓް ކުރުން ކަމަށެވެ.

"އަޅުގަނޑުމެން [މަޓާޓޯ އަދި ހައިރައިޒް] މީގެ ކުރިން މުޅިން ވެސް ބައިވެރިވަމުން އައީ ރާއްޖޭން ބޭރު ކޮންމެވެސް ގައުމެއްގައި އެހެން ބަޔަކު އިންތިޒާމުކޮށްގެން ބާއްވާ ކޮންމެ ވެސް ޓޫރިޒަމް ފެއާއެއް ނުވަތަ އެހެން ފެއާއެއްގައި. ނަމަވެސް މިފަހަރު އަޅުގަނޑުމެން މި ގެންދަނީ ރާއްޖޭގެ އަމިއްލަ ޕްރޮޑަކްޓެއް ބޭރުގެ ގައުމަކަށް. އެތަނުގެ މީޑިއާތަކުން ވެސް މި އިވެންޓް ކަވާކޮށް ހަބަރުތައް ގެނެސްދި ނީމަ އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ވާނެ ކަމަށް،" ހަބީބާ ވިދާޅުވި އެވެ.

އެވޯޑް ދިނުން އަހަރަކަށް ފަހު، ފުޅާކުރަމުން އައިސް، މިފަހަރު މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ބައެއް މިއޮތީ ދުބާއީގަ އެވެ. ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަޓާޓޯއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތައް މިވަނީ މި ޝަރަފްވެރި އެވޯޑަށް ފެންބޮވައިގެންފަ އެވެ. ދުބާއީގައި ބާއްވާ ހާއްސަ އެޑިޝަނަށް ފަހު ސެޕްޓެމްބަރު މަހު ކޮކޯ ބޮޑުހިތީގައި ބާއްވާ ގްރޭންޑް ފިނާލޭގައި އެ ފަރާތްތަކުގެ އިންތިޒާރަށް ނިމުމެއް އަންނާނެ އެވެ.

comment ކޮމެންޓް