އުތުރާއި ދެކުނުގައި އެފްއޭއެމް ހައުސްތައް ގާއިމް ކުރަނީ

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން މުހައްމަދު ޝަވީދު --- ސަން ފައިލް ފޮޓޯ

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް މި އަހަރު ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އުތުރާއި ދެކުނުގައި އެފްއޭއެމް ހައުސްތައް ގާއިމްކުރަން ނިންމާފައި ވާކަމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެއްޖެއެވެ.

މިރޭ އުރީދޫ ދިވެހި ޕްރިމިއަރ ލީގު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން އެމްބީސީއަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ޝަވީދު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި އެފްއޭއެމުން ގާއިމްކުރަން ނިންމާފައިވާ ހައުސްތައް ހިންގާނީ އެ ޒޯންތަކުގެ އަތޮޅުތަކުން ހޮވާ ރައީސަކާއި އެކްސްކޯއެއް ކަމަށެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެން ދާނެ އެންމެ ބޮޑު ކުރިއެރުމަކީ އަތޮޅުތަކަށް ފުޓްބޯޅަ ބެހިގެން ދިޔުން. އެގޮތުން އަޅުގަނޑުމެން ވަނީ އެ ވިސްނުމުގެ ދަށުން، ރާއްޖޭގެ އުތުރާއި ދެކުނުގައި އެފްއޭއެމް ހައުސްތައް ގާއިމް ކުރަން ނިންމާފައި. އެ ހައުސްތައް ހިނގާނީ މިނިވަން ތަންތަނުގެ ގޮތުގައި، އަދި އެ ހައުސްތަކުގައި އޮންނާނީ އެ ޒޯންތައް ނިސްބަތްވާ އަތޮޅުތަކުން ހޮވާ އެކްސްކޯއެއް،" ޝަވީދު ވިދާޅުވިއެވެ.

އެ ބަދަލުގެ އިތުރުން، މި އަހަރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ރާއްޖޭގެ ފުޓްބޯޅައަށް ގެންނަން ރާވާފައިވާ ބަދަލުތަކުގެ ތެރޭގައި، ދިވެހި ޕްރިމިއަރ ލީގުގެ ޗެންޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް އެއް މިލިއަން ރުފިޔާއަށް އިތުރުކޮށް، ކްލަބްތައް ހިންގަން ދޭ ފައިސާ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާއަށް އިތުރުކޮށްފައި ވާކަން ފާހަގަ ކުރައްވަމުން، ޝަވީދު ވަނީ އެ ބަދަލުތަކަކީ ބައިނަލްއަގުވާމީ ގޮތުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ބަދަލުތަކެއްކަމަށް ވިދާޅުވެފައެވެ.

"ހަގީގަތުގައި މިފަހަރު ދިވެހި ފުޓްބޯޅައަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި، ލީގު ޗެންޕިއަނުންނަށް ދޭ ފައިސާގެ އިނާމް އިތުރުކޮށް، ކްލަބްތައް ހިންގުމަށް ދޭ ފައިސާގެ އިނާމް އިތުރު ކުރުމުގެ ބޭނުމަކީ ކްލަބުތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކްލަބުތަކަށް ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ރަނގަޅު ސަޕޯޓެއް ދިނުން،" ޝަވީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އޭއެފްސީގެ އެހީއާއެކު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ކްލަބުތަކަށް ބޮޑު ކޮށްދިނުން. މިހާރު އޭއެފްސީ މުބާރާތުގައި ރާއްޖެއަށް މި އިންނަނީ ދެ ޖާގަ. އެއީ އެއް ޓީމް ޕްލޭއޮފް ކުޅޭ ގޮތަށް، އަދި އަނެއް ޓީމް ކޮލިފައި ވާގޮތަށް. ނަމަވެސް މި ގެނައި ބަދަލުތަކާއެކު އަޅުގަނޑުމެންގެ އުންމީދަކީ ދެ ޓީމް ކޮލިފައިވެ ތިންވަނަ ޓީމެއް ޕްލޭއޮފް ކުޅޭގޮތަށް ހަމަޖެހިގެން ދިޔުން."

އޭގެ އިތުރުން އެފަދަ ބަދަލުތަކެއް ގެންނައިރު، ކްލަބުތަކުގެ ޒިންމާތަކެއްވެސް ވާކަން ޝަވީދު ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ކްލަބުތައް މިހާރު އަވަށްތަކަށް ބެހިފައި ވާއިރު، ކްލަބުތަކުގެ ސަޕޯޓަރުން އިތުރު ކުރުމަށް އެކިއެކި ހަރަކާތްތައް ހިންގައި، ރާއްޖޭގެ ކްލަބުތަކުގެ ފޭން ބޭސް އިތުރަށް ވަރުގަދަ ކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޝަވީދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް