އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދަގަނޑޭއާއި އަސަދުﷲއަށް

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ --- ސަން ފައިލް ފޮޓޯ

އެފްއޭއެމުން ހޮވި 2013 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އަލީ އަޝްފާގު (ދަގަނޑޭ)އަށް އަދި 2014 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް ލިބިއްޖެއެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން އަސަދުﷲއަށް މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަވާލުކޮށްދެއްވާފައި ވަނީ، މިރޭ އުރީދޫ ދިވެހި ލީގު އިފްތިތާހު ކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަމަން މުހައްމަދު ޝަވީދު އެވެ.

މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމްގެ އިތުރުން، އަސަދުﷲ ވަނީ މިދިޔަ އަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވިފައެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި މުޅިއެކު 32 ލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދީފައެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްއިން ހޮވި މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޯދާފައި ވަނީ އަސަދުﷲ އެވެ.

މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ދިނުމުގެ އިތުރުން، މިރޭގެ ރަސްމިއްޔާތުގައި ވަނީ 2013 ވަނަ އަހަރު އެފްއޭއެމުން ހޮވި މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށްވެސް އެވޯޑް ދީފައެވެ. 2013 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ އަހަރު ނިއުރޭޑިއެންޓަށް ކުޅުނު ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމްގެ އިތުރުން، މުޅިއެކު 58 ލަނޑާއެކު 2013 ވަނަ އަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެސް ހޮވިފައި ވަނީ ދަގަނޑޭއެވެ. އޭނާ ވަނީ 2013 ވަނަ އަހަރުގެ ހަވީރު ސްޕޯޓްސް އެވޯޑްސްއިން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.

މިރޭ އުރީދޫ ދިވެހި ޕްރިމިއަރ ލީގު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި 2013 އަދި 2014 ވަނަ އަހަރުގެ އެވޯޑްތައް ދީފައި ވާއިރު، އެ ހަފްލާގައި އެވޯޑްތައް ދޭން މިރޭ ނިންމީ އެފްއޭއެމް އެވޯޑް ނައިޓެއް ބާއްވަން ވަގުތު ނެތުމުން ކަމަށް އެފްއޭއެމުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ކުރިއަށް އޮތްތާނގައި އެފްއޭއެމް އެވޯޑްތައް ދޭނީ އެފްއޭއެމް ގާލާ ނައިޓްގައި ކަމަށް އެފްއޭއެމުން ބުންޏެވެ.

މިރޭ އުރީދޫ ދިވެހި ޕްރިމިއަރ ލީގު އިފްތިތާހު ކުރަން ބޭއްވި ކުލަގަދަ ރައްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންނާއި، އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް