ފީފާގެ އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވަނީ!

ފީފާގެ އިންތިޚާބުގައި ވާދަކުރައްވާ ހަތަރު ކެނޑިޑޭޓުން --

އަންނަ މޭ މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފިފާއަށް ރައީސްއަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް ކެނޑިޑޭޓުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު ކުރިން މާބޮޑު ވާދަވެރިކަމެއް ނެތަސް މިހާރު އެ ކެމްޕޭން ފެނިގެންދަނީ ފޯރިގަދަކޮށެވެ.

އިންތިޚާބުގައި ވާދަކުރައްވާ ހަތަރު ކެނޑިޑޭޓުންވެސް ތަފާތު ވައުދުތަކާއެކު، ބައްރުތަކާއި ދުނިޔޭގެ ފުޓްބޯޅައިގެ ނަގާ ކިޔާ ޤައުމުތަކަށް ދަނީ ޒިޔާރަތް ކުރަމުންނެވެ.

އިންތިޚާބަށް ކެމެޕޭން ކުރައްވަމުން ގެންދަވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ފޯރިގަދަކޮށް ފެންނަނީ ފިފާގެ މިހާރުގެ ރައީސް ސެޕް ބްލެޓާއާއި ފީފާގެ ކުރީގެ ނައިބުރައީސް އަދި އުރުދުންގެ ރަސްގެފާން ޙުސައިންގެ ދަރިކަލުން ޕްރިންސް ޢަލީ ބިން ހުސައިންގެ މެދުގައެވެ.

ބްލެޓާއާއި ޕްރިންސް ޢަލީގެ އިތުރުން ދެން ވާދަކުރައްވާ ދެ ކެނޑިޑޭޓުންނަކީ ޕޯޗްގަލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލުއިސް ފީގޯއާއި ހޮލެންޑްގެ ފުޓްބޯޅަ އިދާރާގެ ރައީސް މައިކަލް ވެން ޕްރާގެވެ.

އިންތިޚާބުގެ ކެމްޕޭންތަކާ ދިމާވިއިރު ފީފާއިން ދުނިޔޭގެ ބައެއް ފުޓްބޯޅަ އިދާރާތަކަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ނަތީޖާ ބުރަވުން އެންމެ ގާތީ މިހާރުގެވެސް ރައިސް ސެފްބްލެޓާއަށެވެ. ފަސްވަނަ ދައުރަކަށް ބްލެޓާ ނިކުންނަވާއިރު އިންތިޚާބަށް ބްލެޓާ ކެމެޕޭން ފެއްޓެވީވެސް ފީފާއަށް ލިބިގެންވާ ބާރުގެދަށުން އެފްރިކާއާއި އޭޝިއާ އަދި އެމެރިކާއާ ކެރީބިއަން ސަރައްހައްދުގެ ތެރެއިން މައްސަލަތައް ކުރިމަތިވެފައިވާ ބައެއް ޤައުމުތަކުގެ ފުޓްބޯޅަ އިދާރާތަކަށް ނޯމަލައިޒޭޝަން ކޮމިޓީތައް ކަނޑައަޅުއްވާފައެވެ. އޭގެތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. އަދި ބައެއް ޤައުމުތަކުގެ ނޯމަލައިޒޭޝަން ކޮމިޓީތަކުގެ ދައުރުގެ މުއްދަތު ބްލެޓާގެ ޒައާމަތުގެ ދަށުންވަނީ އިތުރުކޮށްފައެވެ.

އެހެންކަމުން ނޯމަލައިޒޭޝަން ކޮމީޓީގެ ދަށުން ވަގުތީގޮތުން ހިންގުން ހަވާލުވެހުރި ގިނަ ޤައުމުތަކުން ފީފާގެ އިންތިޚާބުގައި ތާޢީދުކުރެއްވުމަށް ނިންމަވާފައިވަނީ ބްލެޓާއަށެވެ. އެހެންކަމުން މިއީ ދެން ތިއްބެވި ކެނޑިޑޭޓުންނަށް އިންތިޚާބުގައި ކުރި ހޯއްދެވުމަށް ކުރިމަތިވެފައިވާ ހުރަހެކަމަށް ފީފާގެ އިންތިޚާބު ދިރާސާ ކުރައްވަމުން ގެންދަވާ ބައެއް ކުޅިވަރު ޚަބަރު ގެނެސްދޭ ނެޓްވޯކްތަކުން ވަނީ ބުނެފައެވެ.

ފީފާގެ އިންތިޚާބުގައި ވާދަކުރައްވާ ފިފާގެ މިހާރުގެ ރައީސް ސެފް ބްލެޓާ --- ފޮޓޯ/އޭޕީ

ނަމަވެސް ބްލެޓާއަށް އޮތް ޕްރެޝަރު ވަކި ކުޑައެއް ނޫނެވެ. ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ނަގާ ކިޔާ ބައްރުކަމުގައިވާ ޔޫރަޕްގެ ގިނަ ޤައުމުތަކުގެ ތާއީދު ބްލެޓާއަށްވަނީ ގެއްލިފައެވެ. ހުދު ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓިނީވެސް ވަނީ ބްލެޓާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އަޅުގަނޑު އޭނާ [ބްލެޓާ]އަށް ސަޕޯޓެއް ނުކުރާނަން،" ފްރާންސްގެ ކުޅިވަރު ނޫހެއް ކަމުގައިވާ 'ލީކީޕް' އަށް ދެއްވި އިންޓަވިއުއެއްގައި ޕްލެޓިނީ ވިދާޅުވެފައިވެއެވެ.

"ގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑު ބްލެޓާ ދަންނަން. އަޅުގަނޑަށް އޭނާ ކަމުދޭ. ނަމަވެސް އިތުރު ދައުރަކަށް ބްލެޓާ ނިކުންނަވާކަށް އަޅުގަނޑު ތާއީދެއް ނުކުރަން،" މިދިޔަ އަހަރު ޕްލެޓިނީ ވިދާޅުވެފައިވެއެވެ.

ޕްލެޓިނީ ވިދާޅުވެފައިވަނީ ފީފާގެ ރައީސްކަމަށް ބްލެޓާ ނުނިކުންނަވާނެކަމަށްވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

"އަޅުގަނޑު ބްލެޓާއަށް ދެންނެވިން ފީފާއަށް އާ މޫނެއް އަންނަންޖެހޭ ވާހަކަ. އޭނާ [ބްލެޓާ] ވިދާޅުވި ތިމަންނައަށް އެއްބާރުލުން ދެއްވާށޭ މިދައުރަށް ފަހު ފީފާގެ ރައީސްކަމަށް ނުނިކުންނަވާނެކަމަށް ވިދާޅުވި،" ބްލެޓާއާ ބެހޭގޮތުން ޕްލެޓިނީ ވިދާޅުވިއެވެ.

ޔޫއެފްއާގެ ރައީސް މިޝޭލް ޕްލެޓިނީ: އޭނާ ވަނީ ބްލެޓާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި --- ފޮޓޯ/ސްކައި ސްޕޯޓްސް

ބްލެޓާއަށް ޔޫރަޕްގެ ތާއީދު ގެއްލުމުގެ ބޮޑު އެއްސަބަބަކީ ބްލެޓާގެ ގިނަ ދުވަސްވީ ޒައާމަތުގައި ފީފާގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަނާއި ނާޖައިޒް ފައިދާ ހޯދުމުގެ ޢަމަލްތަކެވެ. އަދި ޚާއްޞަކޮށް 2022 ވަނަ އަހަރު ޤަތަރުގައި ވޯލްޑްކަޕް ބޭއްވުމަށް ނިންމުމުގައި ކޮރަޕްޝަންގެ ޢަމަލްތައް ހިންގަވާފައިވާ ކަމުގެ ތުހުމަތުތަކުގެ ސަބަބުންނެވެ.

ޔޫރަޕްގެ ގިނަ ޤައުމުތަކުގެ ތާއީދު އޮތީ ޕްރިންސް ޢަލީއަށެވެ. ނަމަވެސް ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ އެއް ޤައުމުގެ ގޮތުގައި ބެލޭވޭ އިނގިރޭސިވިލާތުން ޕްރިންސް ޢަލީއަށް ތާޢީދެއް ނުކުރެއެވެ. ސަބަބަކީ 2022 ގައި ވޯލްޑްކަޕް ބޭއްވުމަށް ޤަތަރާއި އިނގިރޭސިވިލާތް ވާދަކުރިއިރު، އަމިއްލަ ޤައުމު އުރުދުންގެ އަވަށްޓެރި ޤައުމެއްގެ ގޮތުގައި އޮތް ޤަތަރުގައި ވޯލްޑްކަޕް ބޭއްވުމަށް ނިންމެވިއިރު، އެކަމާ ގުޅުންހުރި ކޮރަޕްޝަންގެ ޢަމަލްތަކުގައި ޕްރިންސް ޢަލީ ބައިވެރިވެވަޑައިގެންފައިވާކަމުގެ ތުހުމަތެވެ.

ފީފާގެ އިންތިޚާބުގައި ވާދަކުރައްވާ ފީފާގެ ކުރީގެ ނައިބުރައީސް އުރުދުންގެ ޕްރިންސް ޢަލީ --- ފޮޓޯ/ ޓްވިޓަރ

އިނގިރޭސި ވިލާތުން ތާއީދު ކުރަނީ ލުއިސް ފިގޯއަށެވެ. އަދި އިނގިރޭސި ވިލާތާ ގުޅިފައިވާ ބައެއް ޤައުމުތަކުގެ ތާޢިދުވެސް އޮތީ ފީގޯއަށެވެ. މިއިންތިޚާބަށް ފީގޯ ޢާންމުކުރެއްވި މެނިފެސްޓޯ އެކުލަވާލުމުގައިވެސް ފީގޯ ވަނީ އިނގިރޭސި ވިލާތުގެ ފަންނީ އެހީތެރީންގެ އެހީ ހޯއްދަވާފައެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ފީފާއަށާއި ދުނިޔޭގެ ފުޓްބޯޅަ މުބާރާތަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ވާހަކަތައް ހިމަނާފައިވަނީ ފީގޯގެ މެނިފެސްޓޯގައެވެ. އަދި މެންބަރު ޤައުމުތަކަށް ފޯރުކޮށްދޭ މާލީއެހީތެރިކަން އިތުރު ކުރެއްވުމަށް ފީގޯގެ މެނިފެސްޓޯގައި ވަނީ ހިމަނުއްވާފައެވެ.

ފީފާގެ އިންތިޚާބުގައި ވާދަކުރައްވާ ޕޯޗްގަލްގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ލުއިސް ފީގޯ. އިނގިރޭސިވިލާތުން ވަނީ އޭނާއަށް ތާއީދު ކުރުމަށް ނިންމާފައި --- ފޮޓޯ/ ރޮއިޓާސް

ފީގޯގެ ކެމްޕޭނަށް ނުސީދާ ގޮތުން އިނގިރޭސިވިލާތުގެ މީޑިއާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާއިރު އިނގިރޭސިވިލާތުގެ މީޑިއާތަކުން ގެންދަނީ ބްލެޓާއަށް ފާޑުކިޔަމުންނެވެ. މިގޮތުން ކެމްޕޭން ޙަރަކާތްތަކުގައި ބްލެޓާ މީޑިއާއަށް ފިއްލަވާފައިވާ ކަމަށްބުނެ އިންތިހާއަށް އޭނާއަށް ފާޑުކިޔަމުން ގެންދެއެވެ.

ދެންހުންނެވީ މައިކަލް ޕްރާގެވެ. ޕްރާގުގެ ވާހަކަތައް މިހާރު އަމާޒު ހިފާފައި ހުރީ ބްލެޓާއާ ދެކޮޅަށް ދެންތިއްބެވި ތިން ކެނޑިޑޭޓުން އެއްބާރުލައި ބްލެޓާ އިތުރުދައުރަކަށް ހޮވުނަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރެއްވުމަށެވެ.

ފީފާގެ އިންތިޚާބުގައި ވާދަކުރައްވާ ހޮލެންޑްގެ އެފްއޭގެ ރައީސް މައިކަލް ވެން ޕްރާގް --- ފޮޓޯ/ ރޮއިޓާސް

ނަމަވެސް އޭނާއާ ދެކޮޅަށް އެއްވެސް ކެނޑިޑޭޓެއް ނުވަތަ އެއްވެސް ފަރާތަކުން ވިދާޅުވާ އެއްޗަކަށް ބްލެޓާ ރައްދެއް ނުދެއްވައެވެ. އިންތިޚާބުގެ މަލަމަތި ފެންނަގޮތުން ބްލެޓާއަށް މާބޮޑު ޕްރެޝަރެއް ނެތެވެ. ކެމްޕޭން ފޯރިގަދަކޮށް ދިޔަޔަސް ކެނޑިޑޭޓުންގެ މެދުގައި ވާދަވެރިކަމެއް އޮތްތަނެއް ނުފެނެއެވެ. އެއީ ގިނަ ޤައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުގައި ބްލެޓާގެ ލޮބީ ގުރޫޕްތައް ހިންގަވަން ތިއްބެވުމުންނެވެ.

comment ކޮމެންޓް