ދަސްވާރު ޕްރޮގްރާމްގެ ދަށުން އެމްޓީސީސީ އިން 20 ކުއްޖަކަށް ޖާގަ ދީފި

އެއްބަސްވުމުގައި ސޮއިކުރުމަށް އެމްޓީސީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------ ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސްކޫލް ނިންމާފައި ނުކުންނަ ކުދިން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން ފަށާފައިވާ ދަސްވާރު ޕްރޮގްރާމްގެ ދަށުން ކުދިން ތަމްރީނުކުރުމަށް އެމްޓީސީސީ އިން 20 ކުދިންނަށް ޖާގަ ދިނުމަށް ނިންމައިފި އެވެ.

އެކަމަށް ޓަކައި އެމްޓީސީސީ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ޝިހާމް އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ އެމްޓީސީސީގައި 1000 އަށް ވުރެ ގިނަ މުއައްޒަފުން މަސައްކަތް ކުރާއިރު މިއަހަރު ވެސް ގާތްގަނޑަކަށް 400 ވަރަކަށް ކުދިންނަށް މިހާރު ވެސް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އެމްޓީސީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------ ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ހުނަރުވެރި ޒުވާނުން މިހާދުވަހު ލިބިފައި ނުވާތީ ވަޒީފާތަކަށް ބިދޭސީން ނަގަންޖެހުނު ނަމަވެސް ސަރުކާރުން މިހާރުފެށި ޕްރޮޖެކްޓްގެ ދަށުން ގިނަ ދިވެހިންތަކެއް ތަމްރީނުވުމުގެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލުކުރަން،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކުންފުނީގައި ޖާގަ ހުރި ޑިޕާޓްމަންޓްތަކުގެ ތެރޭގައި ޕްރޮޖެކްޓް ޑިޕާޓްމަންޓް، އެކައުންޓް، އާކިޓެކްޓް، ސައިޓް އޮފިސަރުން އަދި ތިލަފުށީގައި ވެލްޑިން ކުރުމާއި ބޯޓްވިލްޑިން، ފައިބާ ގްލާސް އަދި ކާޕެންޓްރީގެ އިތުރުން ސޭލްސް އެންޑް މާކެޓިން ޑިޕާޓްމަންޓްގައި ވެސް ގްރެފިކްސް ޑިޒައިނިން ފަދަ ވަޒީފާތައް ހުރި ކަމަށެވެ. އަދި ބަސްދުއްވާ މީހުންނާއި ލޯންޗްދުއްވާ މީހުންނާއި ސޮފްޓްވެއާ ޑިވެލޮޕަރުންގެ އިތުރުން ވެބް ޑިޒައިނަރުން ފަދަ ދާއިރާތަކުގައި ފުރުސަތު ހުރިކަމަށް ހަލީމް ވިދާލުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ދަސްވާރު ޕްރޮގްރާމަށް އަތޮޅުތެރެއިން ވެސް ގިނަ ކުދިންގެ ތަރުހީބު ލިބެމުން އަންނަ ކަމަށާއި ޒުވާނުން ތަމްރީނު ކުރުމަށް ހިންގާ އެ ޕްރޮގްރާމަށް އެކި ކުންފުނިތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިނިސްޓަރު ވަނީ އެމްޓީސީސީ އަށް ޝުކުރު އަދާކުރައްވާފަ އެވެ.

ދަސްވާރު ޕްރޮގްރާމްގެ ދަށުން އެމްޓީސީސީ އިން ތަމްރީނުވާ ދަރިވަރުން މި އަހަރު ނިމެންވާ އިރަށް ތަމްރީނުވާނެ އެވެ.

comment ކޮމެންޓް