ޖަނާ ބަހެއް ނުބުނެވިފައި ހުއްޓާ އަތުގައި އޮތް ކްލަޗް ހުޅުވާލައިފައި ނެގި އަނގޮޓި އަތުތެރެއަށްލައިދިނެވެ. އެއީ އޭނާ އާބަސް ބުނެފައި ޒަލަފް އަތުގައި އަޅުވަން ނާސިހާ ދިން އަނގޮޓިއެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި އެއަށް ބަލަހައްޓައިގެން ޖަނާ ހުއްޓާ ނާސިހާ ނިކުމެގެން ދިޔައެވެ. އެހިސާބުން ޖަނާއަށް ވެއްޓިގަނެވުނީ ކައިރީ ހުރި ގޮނޑިއަށެވެ.ތުންފަތުގައި ދަތް އަޅާލައިގެން އޭނާ އެހެން އިނީ ކިހާ އިރަކު ކަމެއް ނޭނނގެއެވެ.

"ޖަނާ އަދިވެސް ތައްޔާރު ނުވަނީތަ މިހާރު ޒަލަފްވެސް އަތުވެއްޖެ؟" ނާސިހާ އެނބުރި އައިސް ވަދެފައި ޖަނާ އިންގޮތް ފެނިގެން ވާހަކަދެއްކިތަނާ ފުންމައިގެން ތެދުވިއެވެ. އޭނާ ގަޑިބަލާލިއިރު ބާރަ ޖަހަން ފަނަރަ މިނިޓަށް ވެއްޖެއެވެ. "އަދި އަވަހެއްނޫންތަ ޒަލަފް ގެއަށް އަންނަން؟ ކީއްވެ އެހާ އަވަހަށް އައީ؟" ޖަނާ ހަމަޖެހޭ ގޮތް ދައްކާލަންވެގެން ލޯގަނޑަށް ނަޒަރު ހުއްޓާލައި އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލިއެވެ. "ކުއްލިއަކަށް ވާރޭ ވެހެން ފެށީއެއްނު. ދެމީހުން ސައިކަލުގަ ނިކުމެ އުޅުނީވެސް." ނާސިހާގެ ޖަވާބުން ޖަނާއަށް ސަމާލުކަން ދެވުނީ "ދެމީހުން" މި ތަންކޮޅަށެވެ. ޒަލަފް ގެއަށް އަޔަނުދީ ހިފަހައްޓައިގެން އުޅެނީ މާކިންއޭ ނާސިހާ ކުރިންވެސް އޮތީ ބުނެފައެވެ. "ދައްތަ ދަނީ އިނގޭ. ޖަނާ ރެޑީވެގެން ހިނގާ ޕިއާނޯ ރޫމަށް. އެންމެން ހަމަވީމަ މާކިންއަށް މެސެޖްކޮށްފަ ބުނާނީ ކޮންމެވެސް ގޮތަކުން ޒަލަފް ގެންނަން." ނާސިހާ އަވަސް އަރުވާލައިފައި ކަންކުރަންވީ ގޮތް ކިޔާލަ ދިނުމަށްފަހު އަނެއްކާ ނިކުމެއްޖެއެވެ. އެވަގުތު އެދޮރުން ނާސިހާ ނިކުތްތަން ބަލާފައި ޖަނާ އަވަސްވެގަތީ ފޯނު ހޯދާށެވެ. އެނދުމަތީ ފޯނު އޮތްވާ ފެނުމުން އޭނާ ގޮސް ފޯނު އަތަށް ނަގާފައި މާކިންއަށް ގުޅައިފިއެވެ.

"މާކް އަހަރެން މިދަނީ ޗޭންޖް ކުރަން. ޓީޝާޓް މުޅިން ތެމިއްޖެ. މާކް ބޭނުމެއް ނޫންތަ ޗޭންޖް ކުރާކަށް؟" ނޯކަރު ކުއްޖާ ދެމީހުންނަށް ކޮފީ ހަދައިގެން އައިސް ކުޑަމޭޒުމަތީ ބެހެއްޓިވަގުތު ޒަލަފް ތެދުވެފައި ދާން ފެށީ ސިޑިއާ ދިމާއަށެވެ. މާކިން ދެކޮޅު ހެދުމުގެ ގޮތުން ބޯ ހޫރާލައިފައި އިސްތަށިގަނޑުން ފެންފޮޅައިލިތަނާ ޖީބުގައި އޮތް ފޯން ވައިބްރޭޓް ވާން ފެށިއެވެ. ނަގައި ބަލައިލިއިރު ސްކްރީނުގައި އޮތް ޖަނާގެ ނަން ފެނިފައި އޭނާއަށް ތެދުވެވުނެވެ. "މާކިން! ކޮންތާކު ތިހުރީ؟" ޖަނާ އެކޮޅުން ސުވާލު ކުރިއެވެ. "އަހަރެން މިހުރީ ލައިލަކްވިއުގަ. ޖަނާ ކޮންތާކު؟ އިޒް އެވްރީތިން އޯލްރައިޓް؟" މާކިންގެ އަޑަށް ނުތަނަވަސްކަން ވެރިވިއެވެ. އެހާ ލަހުން ޖަނާ ގުޅައިގެން އެއުޅެނީ އަނެއްކާ ބޮޑުކަމެއް ދިމާވީ ހެއްޔެވެ؟

"މާކް އަހަރެންވެސް މިހުރީ ލައިލަކްވިއުގަ. ޒަލަފްގެ ޕާޓީއަށް ނާސިހާދައްތަ ބުނެގެން އައީ." ޖަވާބު ލިބުމުން މާކިންގެ ނަޒަރު ދަތުރުކޮށްލީ ގެ ވަށައިގެންނެވެ. އޭރު ޒަލަފް ގޮސް ލޯމަތިން ގެއްލިއްޖެއެވެ. ރައްދުގައި އެއްޗެއް ބުނުމުގެ ބަދަލުގައި މާކިން ހަމައެކަނި އިސްޖަހާލިއެވެ. "މާކް އަހަރެން މިގުޅީ ވާހަކައެއް ބުނަން ބޭނުންވެގެން. ކެން ޔޫ މީޓް؟ ބުނެބަލަ ކޮންތާކު ތިހުރީ؟ ޒަލަފް އެބަހުރިތަ ތިތާ؟" ޖަނާ ސުވާލުތައް އެއްފައްޗަކަށް އަމުނާލުމުން މާކިން ހަމައެކަނި ބުނެލީ ޒަލަފް ޓީޝާޓް ބަދަލު ކުރަން މައްޗަށް ދިޔަ ވާހަކައެކެވެ. ފޯނުން އިތުރު އެއްޗެއް ބުނުމުގެ ބަދަލުގައި ސިއްރު ސިއްރުން ދޮރު ހުޅުވާލައިފައި ނިކުމެ ދެކޮޅު ބަލަމުން ޖަނާ އައީ ސިޑިއާ ދިމާއަށެވެ. ފޯނު ޖީބަށް ލާން ހުރެފައި މަތިބަލާލެވުނު ވަގުތު މާކިންއަށް އެތަން ފެނުނެވެ. ޖަނާއަށް އޭނާ ފެނުމުން ހަނާ އަޅާލައިފައި އަވަހަށް ސިޑިން ތިރިއަށް ދުއްވައިގެންއިރު މާކިންގެ ނަޒަރު ހިނދުކޮޅަކަށްވެސް އެސޫރައަކުން ނުނެއްޓެއެވެ. ހެދުމުގެ ފަސްބައިގެ އެއްފަރާތުން ނަގައި ކޮށި ކޮށްލައިގެން ފޭބިއިރު ރަނިކަނބަލެއް ފަދައެވެ.

"ޒަލަފް އަންނަންވާއިރަށް ހިނގާ މިތަނުން ދާން. އޭނައަށް އަހަރެން ފެނިއްޖެއްޔާ ބަސްޓްވާނެ." ޖަނާ އައިސް ހަމަވެފައި މަޑުވެސްކޮށްނުލާ ދޮރާއި ދިމާއަށް ގޮސް ނިކުތްއިރު މާކިން އަދި ގުޑައެއްނުލައެވެ. ޖަނާ ނިކުމެފައި ވާރޭގެ އަސަރު ނުފޯރާ ހިސާބުގައި އަސްކަނިދޮށުގައި މަޑުކޮށްލިއެވެ. މާކިން ލަސްވެގެން ކެތްމަދުވެފައިވާ މީހަކު ފަދައިން ދެފައި ތަޅާލައިފައި ބަލައިދާން ވެގެން އެނބުރިލިއިރު ފެނުނީ ދޮރުން ނިކުތްތަނެވެ. "އަތް ދައްކާ!" މާކިން އައިސް ކައިރިއަށް ހުއްޓުމާއެކު ޖަނާ އެދުނެވެ. މާކިން އަތް އުފުލާލައިފައި ޖަނާގެ މުށުތެރޭ އޮތް އެއްޗެއް ލައިދިނުމުނުން ބަލައިލިއިރު އަނގޮޓިއެކެވެ. ސުވާލު ކުރުމުގެ ބަދަލުގައި މާކިން އެއްފަހަރު އަގޮނޓިއަށް އަނެއްފަހަރު ޖަނާ މޫނަށް ބަލައިލުމުން ޖަނާ އެއީ ކޯއްޗެއްކަން ބުނެދިން ވަގުތު އަތް މުށްކަވާލެވުނެވެ.

"ނާސިހާ ދައްތަ ވަރަށް ސްމާޓް. އަހަރެން ބޭނުން ކޮންމެ ޖަވާބެއް ދިނަސް ގަބޫލު ކުރާނަމޭ ކިޔާފަ ޝީ ގޭވް މީ ނޯ ޗޮއިސް. މިރޭ އަހަރެންނަށް މަޖުބޫރު ވާނެ ކޮންމެވެސް އެއް ޖަވާބެއް ދޭން." ޖަނާ ވާހަކަދައްކަމުން މާކިންއަށް ބަލާލިއިރު މާކިން ހަމައެކަނި ބޯ ޖަހާލައިފައި އަނގޮޓި އަނބުރާ ދިއްކޮށްލިއެވެ. "މާކް ނާހާނަންތަ އަހަރެން އެވަރަކުން ގެނެސް މިވާހަކަ މިދެއްކީ ކީއްވެ ކަމެއް؟" ޖަނާ ޝައުޤުވެރިވެފައި ބަލަން ހުރީ އެލޮލުން ކުޑަ ނަމަވެސް އިޝާރާތެއް ވޭތޯ ބަލާށެވެ. އޭނާގެ ވާހަކައިން މާކިންގެ ހިތަށް ތަފާތު އަސަރެއް ކުރިކަން ނުވަތަ ނޫންކަން އެނގޭނެ ނަމައެވެ.

"ކީއްވެ؟" ސުވާލު ކުރިއިރު މާކިން ނަޒަރު ހުއްޓައިލީ ވެހެމުންދިޔަ ވާރެއަށެވެ. ވައިރޯޅިއަކާއެކު ފެންތިކިތައް އައިސް ދެމީހުންގެ މޫނަށް ހަމަލާ ދިނުމުން ގާޑްން ލައިޓްގެ އަލީގައި މުތީ ފަދައިން ފައުޅުވާން ހުއްޓެވެ. "އަހަރެން ބޭނުމީ އަހަރެން މިބުނާ އެއްޗަކަށް މާކް ވަރަށް އޮނެސްޓް ޖަވާބެއް ދޭން." ޖަނާ ބަލައިލި ނަމަވެސް މާކިން ހުރިގޮތަށް ހުރީއެވެ. "މާކް ބުނީމެއްނު އަހަރެން ޒަލަފްއާ އަލުން ގުޅޭށޭ! އަހަރެން އަހާލަން ބޭނުން މާކްގެ އޮޕީނިއަންއަށް އެދެފިއްޔާ މިހާރު މިވަގުތުވެސް ބުނާނީ ހަމަ އެދުވަހު ބުނިހެން ޒަލަފްއާ އަލުން ގުޅެންތޯ؟" ޖަނާގެ ވާހަކަ އިވިގެން މާކިން ސިހިއްޖެއެވެ. ހިތް ތެޅިގަތްލެއް ބާރުކަމުން މޭ ފޫ އަޅުވާލަން އުޅުނު ކަހަލައެވެ. އެހާ ފިނީގައިވެސް ދާހިއްލައިލީ ޖަނާއަށް ކަމެއް އެނގުނީބާވައޭ ހިތް އަހައިލީމައެވެ. "ކީއްވެ އަހަރެން މިހާރު ކުއްލިއަކަށް އެޖަވާބު ބަދަލު ކުރަންވީ؟" މާކިން ޖަވާބުދިންއިރު އަޑު ކުރެހޭ ގޮތްވެގެން ކުޑަކޮށް ކަރުކެހިލިއެވެ. ފިނިވެފައި އޮތް ދެއަތްތިލަ އޭނާ ކޮށްޕައިލީ ޖިންސްގެ ޖީބަށެވެ. އެގޮތުންވެސް މޭގެތެރޭ ރޫރޫ އަޅަމުންދިޔަ ހިތުގެ ހާލު ބޭރަށް ނުދައްކާ ވޭތޯ ބެލިއެވެ. "ހަމަ ފަހަރެއްގައި ބުނެފާނެއެއްނު ޒަލަފް ދޫކޮށްލާފަ ފްރެޝް ސްޓާޓްއަކުން ފަށަން. ނުބުނާނަންތަ އެކަހަލަ އެއްޗެއް؟" ސުވާލުކުރިއިރު މާކިން ނޫނަކަސް ޖަނާގެ ހިތްވެސް އޮތީ ތެޅި ތެޅިއެވެ. ހަޔާތުގައި ކުރިމަތިވި އެއްވެސް އިމްތިހާނެއްގައިވެސް މިހާ ފިނިވިކަމެއް ނޭނގެއެވެ. އެންމެ ބިރުގަންނަނީ ހާމަކުރަން އޮތް ވާހަކަތަކަށްފަހު މާކިންއާ ދެމެދު މިހާރު އޮތް ގުޅުންވެސް އަބަދަށްޓަކައި ނެތިގެން ހިނގައިދާނެތީއެވެ. އެހެންވިއަސް މީ ހިމޭނުން ހުންނަންވީ ވަގުތެއް ނޫނެވެ. ނޫނީ ފަހުން ކުރަން އޮތް ހިތާމަ މާބޮޑުވާނެއެވެ.

ބަސްމޮށުންތެރި ކަމަކާ ނުލާ މާކިން ދިން ޖަވާބުން ޖަނާގެ ހިތަށް އަސަރު ކުރިއެވެ. ޖަވާބެއް ނުދީ އެލޮލުން ބަލައިލި ގޮތުން ހިތް މަރުވާ ގޮތް ވިއެވެ. ހިތުގައި ހެދި ބޮޑުވަމުން މިދާ އިހްސާސްތަކަކީ ހަމައެކަނި އެއްފަރާތުގެ ކަމެއް ހެއްޔެވެ؟ މާކިން ކުޑަކޮށްވެސް އޭނާއާ ގަޔާ ނުވަނީ ކީއްވެ ހެއްޔެވެ؟

"އެހެންވިއްޔާ ބުނެބަލަ. އަހަރެން ހިތް އެދޭ އެހެން މީހަކު އެބަހުއްޓޭ ބުންޏަސް މާކް ބުނާނީ އަހަރެން ޒަލަފްއާ ގުޅޭށޭތަ؟" ހަމަޖެހިލާނެ ވަގުތުކޮޅެއް ނުދީ ޖަނާ ދިނީ އަނެއް ޝޮކެވެ. މާކިން ބޭނުންވިއަސް މިފަހަރު ލޮލުގައިވި ނުތަނަވަސްކަން ފޮރުވައެއް ނުލެވުނެވެ. "އެކަހަލަ މީހަކު ހުރީތަ؟" އޭނާ ބޭނުންވީ އެސުވާލުގެ ޖަވާބެވެ. ޖަނާ ޖަވާބު ދޭން ތުން ތަޅުވާލުމުން ނޭވާ ހިފަހައްޓާލެވުނެވެ. "އޯހ." ޖަނާ ބޯ ޖަހާލިތަން ފެނިގެން މާކިންއަށް ކިޔައިލެވުނެވެ. އޭނާ އަމިއްލަ ނަފްސަށް މަލާމާތް ކޮށްލާފައި ހިނިތުންވެލިއިރު ލޮލުގެ ކަނުގައި ކަރުނަތައް ފިލާ ހުއްޓެވެ.

"މިހާރު އޮތީ އެންމެ މައްސަލައެއް. އެއީ އަހަރެންނަކަށް ނޭނގެ އޭނަ އަހަންނާ ދޭތެރޭ ދެކޭގޮތެއް. ނޭނގެ ޒަލަފް އަހަރެންދެކެ ވާހެން އޭނަ އަހަރެންދެކެ ލޯބިވާކަމެއް. ކުޑަކޮށްވެސް ހިތަކަށް ނުގެނެވޭ އަހަރެން އަމިއްލަ ފީލިންގްސްތައް އޭނައަށް ކިޔައިދިނީމަ ރައްދު ދޭނެ ގޮތެއް. އެހެންވެ ވަރަށް ބިރުގަނޭ. ބިރުގަނޭ އެހިސާބުން ދެން އޭނަ އަހަރެންނާ ހުރިހާ ގުޅުމެއް ކަނޑާލަފާނެތީ. އަހަންނަށް އޭނަ މުޅި އުމުރަށް ގެއްލިދާނެއޭ ހިތަށް އަރާ ކޮންމެފަހަރަކު ނޭވާވެސް ނުލެވޭ. މާކް ޕްލީޒް، އަހަރެންނަށް ބުނެދީ އަހަރެން މިހީކުރާ ގޮތަށް އެއްވެސް ކަމެއް ނުވާނެއޭ! ބުނެދީ އޭނަ އަހަރެންގެ ލޯބި ޤަބޫލު ކުރާނެއޭ. ޕްލީޒް މާކް!" ޖަނާ ވާހަކަދައްކަ ދައްކާ ހުއްޓާ ފެނުނީ އިންޒާރެއްނެތި ލޮލުން ކަރުނަ އައި ތަނެވެ. ކަންތައް ވެދާނެ އެންމެ ނުބައި ގޮތް ހިތަށް އެރުމުން ހިތަށް އަސަރު ކުރީއެވެ. އޭރު މާކިންގެ ހިތުގައިވެސް ވޭން އަޅަނީއެވެ. ޖަނާ އެހެން މީހެއްގެ ލޯބީގައި ދީވާނާ ވެފައި ހުރިވަރާއި އެ އެހެން މީހަކަށްޓަކައި އޮހޮރުވަން ފެށި ކަރުނަ ފެނުމުން އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އުދަނގޫވިއެވެ. އެއަށްވުރެ ބޮޑު ކަމަކަށްވީ އެހާލަތުގައި އޭނާއަށް ފުރަން ޖެހިފައިވާ މަޤާމުގެ ގޮތުންނެވެ. އެއީ އަމިއްލަ ކަރުނަތައް ދިރުވާލައިފައި ޖަނާއަށް ހިތްވަރު ލައިދޭން ޖެހުމެވެ. އުންމީދު އާކޮށްދޭން މަޖުބޫރު ވުމެވެ.

"ޓްރަސްޓް މީ. އެއްވެސް ފިރިހެނަކަށް ނުކެރޭނެ ޖަނާގެ އިހްސާސްތައް ބޮލައިލާ ޖަހާކަށް." މާކިން އެކުވެރިއެއް ފަދައިން ޖަނާގެ ކޮނޑުގައި ހިފާލައިފައި ޔަޤީންކަން ދިނެވެ. ބޭނުމަކީ ޖަނާއަށް ހިތްވަރު ދިނުމެވެ. "ޔަޤީންތަ؟" ޖަނާ އެނބުރި ހަތަރުކަޅި ހަމަކޮށްލާފައި މާކިންގެ އަތްމަތީގައި އެއަތްތިލަ ބާއްވާލުމުން ނާރުތަކުގައި ދަތުރުކޮށްލި ކަރަންޓް ދެމީހުންނަށްވެސް އިހްސާސްވިއެވެ. މާކިން ބޯ ޖަހާލައިފައި އަވަހަށް އެއަތް ދަމައިގަނެ ތިރިއަށް އެއްލުވާލައިފައި ދާންވެގެން ފުރަގަސްދިނެވެ. "މާކް!" ޖަނާ ގޮވައިލީ އެވަގުތުއެވެ. މާކިންގެ ދެފައި ބިމުގައި ހަރުލި ނަމަވެސް ފަސްއެނބުރިނުލައި ހުރިގޮތަށް ހުރީއެވެ. ޚުދު ޖަނާއަށްވެސް ވީ އެއީ ނަސީބަކަށެވެ. އެހެންނޫންނަމަ އެދެލޮލަށް ބަލަން ހުރެގެން އޭނާގެ އަނގައިން އިތުރު އެކައެއްޗެއްވެސް ބޭރެއް ނުވާނެއެވެ.

"އެމީހަކީ ތީއޭ ބުނެފިއްޔާ ދެންމެ ދިން ޖަވާބު އަދި އެއްފަހަރު ދޭނަންތަ؟" ޖަނާގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ މާކިންގެ މެއަށް ފިނިވެގެން ދިޔައެވެ. ބިރެއް ފެނިގެން ތެޅިގަތް މީހަކު ފަދައިން އެނބުރި ބަލައިލުމާއެކު ކަރުނައިން ވިދަމުންދިޔަ ޖަނާގެ ދެލޯ ފެނިގެން ޖަވާބު ލިބިއްޖެއެވެ. ޖަނާ އެކުރަނީ ސަމާސައެއް ނޫނެވެ. އެކަމަކު އެހެން ވާނީ ކިހިނެތް ހެއްޔެވެ؟ ޖަނާގެ ހިތުގައި އިހްސާސްތަކެއް އުފެދޭނީ ފުރަތަމަ އޭނާގެ ފުށުން އިޝާރާތެއް ދިން ނަމަ ނޫން ހެއްޔެވެ؟ ލޯއްބަކީ އޯގާތެރި ކަމާއި ކުލުނުގެ މައްޗަށް ބިނާވެގެން އަންނަ އެއްޗަކަށް ވާއިރު ޖަނާއަށް އޭނާ ދައްކާފައި ހުރީ މުޅިންވެސް ރުޅިވެރިކަމާއި ނަފްރަތެވެ. އެކަން އެހެން އޮތްވާ ޖަނާގެ ހިތުގައި އޭނާއަށްޓަކައި ވިންދު ޖެހުމަކީ ނާދިރު ކަމެކެވެ.

ހިމޭންކަމުގައި ވަގުތުކޮޅެއް ހޭދަވެގެން ދިޔަ ފަހުން މާކިންގެ ފޯނަށް މެސެޖެއް އައިސްގެން ވައިބްރޭޓްވިއެވެ. "ސޭ ސަމްތިން!" މާކިން ނާސިހާގެ މެސެޖް ކިޔަން ހުއްޓާ ޖަނާ ބުނި އަޑު އިވުނެވެ. މާކިން އިސްއުފުލާލިއިރު ޖަނާގެ ލޮލުގައި ހުރި ކަރުނަތައް ހީވަނީ ދެންމެ ދެންމެ އޮހިގެންފާނެ ހެންނެވެ. "އަހަންނަށް މާފުކުރޭ ޖަނާ. ޒަލަފްއަކީ އަހަރެންގެ ބެސްޓްފްރެންޑް. އެން ހީ އިޒް ސޯ އިން ލަވް ވިތް ޔޫ." ޖަވާބުދިންއިރު މާކިން ހިތާއި ހިތުން އަމިއްލަ ނަފްސަށް ލައުނަތްދިނެވެ. ލޯބިވެރިޔާ ކުރިމަތީ ހުރެ ލޯބި ފައުޅު ކުރުމުން އެކަން ބޮލައިލާ ޖަހާނީ ހާދަ ރަހުމް ކުޑަ މީހެކެވެ. އެލޮލަށް ބަލަން ނުކެރިގެން އޭނާ އިސްއޮބާލައިފައި އެތެރެއަށް ވަންނަންވެގެން އެނބުރިލައިފިއެވެ. "ތީތަ މާކިންގެ ރީޒަންއަކީ؟" ޖަނާއަށް އެޖަވާބުން އެކަނި ފުއްދައެއް ނުލެވުނެވެ. މާކިން އޭނައާ ގަޔާ ނުވެއެކޭ ނުބުނެއެވެ. ފުރަތަމަވެސް އެހެން ބުނެ ދެކޮޅު ހެދިނަމަ އިތުރު ވާހަކަ ދެއްކުމާމެދު ސުވާލެއްވެސް ނުއުފެދުނީހެވެ. އެއާ ޙިލާފަށް މާކިންގެ ޖަވާބު ކިތަންމެހާވެސް ހައިރާން ކުރުވަނިވިއެވެ.

"ވަޓް އިފް...." ހިތުގައި އަތް އަޅައި އޮތްބާލައިފައި ޖަނާ ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުވަނީސް މާކިން މެދުކަނޑާލިއެވެ. "ނޫން ޖަނާ. އިތުރު ވާހަކަތަކެއް ދައްކައިގެން ތި ބޭކާރު ކުރެވެނީ ހުސްއެކަނި ގައިން ހަކަތަތަކެއް. އެކަމަކު އަހަރެންނާ ޒަލަފްގެ އެކުވެރިކަމުގެ މައްޗަށް ކުރި ހޯދޭނެ އެއްވެސް އެއްޗެއް ޖަނާއަކަށް ނުބުނެވޭނެ. އައެމް ސޮރީ." މާކިން ފަސްދީފައި ހިނގައިގަތްއިރު ލޮލުން ވެއްޓުނު ކަރުނަތިކި ބޮނޑުވައި އިނގިލިން ނެތިކޮށްލާފައި ޖީބަށް އަތް ޖަހައިލިއެވެ. ކަރުނައަކީ އޭނާފަދަ ރަހުމްކުޑަ މީހުންނާއި އެކަށީގެންވާ އެއްޗެއް ނޫނޭ ބުނެލިފަދައެވެ.

މާކިން ލޯމަތިން ގެއްލުމުންޖަނާއަށް އިށީންދެވުނީ ބިންމަތީގައެވެ. ލޮލުން ކަރުނަތައް އޮހިގަތް ނަމަވެސް އޭނަ ނުރޮއެއެވެ. ތަޅުލެވިފައި ދެތުންފަތް ވީއިރު އަނގައިން އަޑެއް ނުނިކުމެއެވެ. ވައިރޯޅި އައިސް އެއިސްތަށިގަނޑާއި ސަމާސަ ކޮށްލާފައި އިރު އިރުކޮޅާ މޫނަށް ވިއްސާލާ ފެންތިކިތައް ކަރުނަ އާ އެކުވެގެން ކޮންމެ ފަހަރަކު ތިރިއަށް ފިރުކިގަނެއެވެ. އޭރު ޖަނާގެ ޝަކުވާ ގުޅިގެން ދިޔައީ އަމިއްލަ ހިތާއެވެ. ކޮންމެ ފަހަރަކު އޭނާދެކެ ލޯބިނުވާ މީހަކަށް އެހިތް ލެނބެނީ ކީއްވެ ހެއްޔެވެ؟ ޒަލަފް އޭނާ ގޮނޑި ކޮއްކޮއަކަށް ހަދައިގެން އުޅުނުއިރު ޒަލަފްގެ ލޯބީގައި ދީވާނާ ވިއެވެ. ފަސް އަހަރު ފަހުން މިއަދު ޒަލަފް އޭނާދެކެ ލޯބިވާން ފެށުމުން ހިތް މިސްރާބު ބަދަލުކޮށްލީ އޭނާ އެއީ ފަހު މީހަކަށް ހުއްޓަސް އޭނަދެކެ ލޯބި ނުވާނެ މީހަކާއި ދިމާއަށެވެ. ހިތްވެސް ހާދަ ނުސިޔާނެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުން އަނިޔާ ހޯދަން އުޅޭ އެއްޗެއް ކަންނޭނގެއެވެ.

"މާކް! އަހަރެން ލަސްވެގެންތަ ތިއައީ؟" ޒަލަފް ދޮރު ހުޅުވާލައިފައި ނިކުތްއިރު މާކިން މައްޗަށް އަރައި އެކޮޓަރި ކައިރީ ހުރުމުން އަހައިލިއެވެ. "ދެންމެއަހަންނަށް ހީވި މިގޭތެރެއިން ނުފެންނަ މީހަކު ގޮސް އެހެރަ ދޮރުން ވަންހެން. އާދެބަލަ ބަލައިލަން." މާކިން ޕިއާނޯ ރޫމާއި ދިމާއަށް ބަލަން ހުރެފައި ހިނގައިގަތުމުން ޒަލަފްވެސް ފަހަތުން ދިޔައެވެ. ދޮރާއި ހަމައިން މާކިން ތަޅުގައި ހިފާލަން އުޅެފައި އަތް ތިރިކޮށްލުމުން ޒަލަފް ހީކުރީ މާކިން ޖެހިލުންވީ ކަމަށެވެ. އޭނާ ލުއި ހިނިގަނޑެއް ޖަހާލައިފައި ތަޅުގައި ހިފާ އަނބުރާލުމާއެކު އަނދިރީގެ ތެރެއަށް ދެމިގަތެވެ.

"ސަޕްރައިޒް!" ޒަލަފް ސްވިޗް ބޯޑު ހޯދަން ފާރުގައި އަތް ކާއްތަނިކޮށް ކޮންމެވެސް މީހަކު ބޮކި ދިއްލާލުމުން ހުދު އަލީން އަލިވެގެން ދިއުމާ، އެންމެން އެއްއަޑުން ހަޅޭތްލަވައިގަތުމާއި ދިޔައީ އެކުއެކީގައެވެ. އެވަގުތު ސިއްސައިގެން ގޮސް އެނބުރި ބަލައިލުމާއެކު ކުރިމަތީ ތިބި އެންމެން ފެނިގެން ފާޑަކަށް ހިނި އަތުވެއްޖެއެވެ. "ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެން." ނާސިހާ ކުރިއަށް ޖެހިލާފައި ޒަލަފްގެ ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ. "ތެންކިއު މޯމް. އެކަމަކު ކީއްކުރަން މި އެންމެން ތިގެނައީ. އެނގެއެއްނު އަހަރެން އުފަންދުވަސް ފާހަގަ ކުރާހިތް ނުވާކަން." ޒަލަފް ފެށުނީއްސުރެ އެގޮތާއި ގަޔާނުވިއެއް ކަމަކު ނުރުހުމެއް ނުދައްކައެވެ. ނާސިހާ އެއަތުގައި ހިފާލައިގެން ގެންގޮސް ކޭކު ބަހައްޓާފައި ހުރި މޭޒުކައިރީ ގެންދިއުމުން އެންމެން އޭނާ ވަށާލިއިރު ދުރުގައި ހުރީ މާކިންއެވެ. ނާސިހާ އަތުން އިޝާރާތް ކުރިތަން ފެނިގެން އޭނާވެސް ގޮސް ބައިގަނޑުގެ ފަހަތަށް ހުއްޓުނެވެ. "ޒަލަފް އިހަށް މަޑުކުރައްޗޭ އިނގޭ. މަންމަ އެބަ އަންނަން." ނާސިހާ ދޮރާއި ދިމާއަށް ބަލަން ހުރެލާފައި ޖަނާގެ ޚަބަރެއް ނުވުމުން މީހުންގަނޑު ތެރެއިން ނިކުމެގެން ހޯދަން ދިޔައެވެ. އެނބުރި އަންނަން ޖެހުނީ ހައިރާންކަމާއި މާޔޫސް ކަމުގައެވެ. މިރޭ އޭނާއަށް ޖަނާގެ ފުށުން ޖަވާބު ލިބިގެން ހިނގައްޖެއެވެ. ދެރައީ ޒަލަފް ކައިރީ އެވާހަކަ ބުނާނެ ގޮތެއް ނޭނގޭތީއެވެ.

ކޭކު ފަޅައި ނިމުމުން ފަހަރަކު މީހަކު ޒަލަފްއަށް ތަހުނިޔާ ކިޔައި އުފަންދުވަހުގެ ތަފާތު ހަދިޔާތައް ދިނުން ކުރިއަށް ދިޔައެވެ. މާކިން އަތުގައި އޮތް ކުޑަ ފޮށި ޒަލަފް އަތަށް ދިނުމުން ޒަލަފް ހިނިތުންވެފައި ކަރާއި ކަރުޖައްސައި ސަލާމް ކޮށްލިއެވެ. އެހެން ދެއެކުވެރިއަކު އައިސް ޒަލަފް އެމީހުންނާއި ވާހަކަދައްކަން ފެށުމުން އެފުރުސަތުގެ ބޭނުން ހިފާފައި މާކިން ނިކުތީ ބޭރަށެވެ. އޭނާ ދިގު ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ތިރިއަށް ދިޔައީ ޖަނާގެ ޚަބަރަކީ ކޮބައިތޯ ބަލައި ނުލައި ނުހުރެވިގެންނެވެ. ވެހޭ ވާރޭގައި ޖަނާ އެކަނި ދިޔައީކަމެއް ނޫނީ އަދިވެސް އެތާ އިނީކަމެއް ބަލަން ކޮންމެހެން ބޭނުންވިއެވެ.

ދޮރާއި ހަމައިން މާކިންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ޖަނާ އަދިވެސް އިނީ ތިރީގައި އިށީންދެލި ގޮތަށް ހިމޭންވެފައެވެ. "ޖަނާ! އެތެރެއަށް ވަންނަން ބޭނުނުން ނޫނިއްޔާ ހިނގާ އަހަރެން ގެއަށް ލައިދޭން ދާނަން." މާކިން އައިސް ކައިރިއަށް ހުއްޓިފައި ވާހަކަދެއްކި އަޑަށް ޖަނާ ސިހިފައި އިސްއުފުލައިލިއެވެ. ރައްދު ދިނުމުގެ ބަދަލުގައި އޭނާ ތެދުވެގެން ގޮސް ވާރެއަށް ނިކުތުމުން މާކިންގެ ހިތަށް ތަދުވިއެވެ. "ޖާން ވެއިޓް! ތެމިފޯނުވަނީސް ހިނގާ އެތެރެއަށް. އަހަރެން މިބުނީނު އަހަރެން ގެއަށް ލައިދޭން ހިނގައިދާނަމޭ." މާކިންއަށް ބަލަން ނުހުރެވިގެން ބާރު ބާރަށް ހިނގައިގެންފައި ގޮސް ޖަނާ އަތުގައި ހިފާ ހުއްޓުވާފައި އަޑުގާނެތްތަނަށް ވާހަކަދެއްކިއެވެ. އެތައް ހާސް ވާރޭތިކި ތަކުގެ ޝިކާރައަކަށް ދެމީހުން ވެގެން ތެމިފޯވާން ނެގީ ސިކުންތު ކޮޅެކެވެ. ޖަނާ އެވަރުންވެސް ފަސްއެނބުރި ބަލައި ނުލާން ގޭޓާއި ދިމާއަށް ބަލަން ފުރަގަސްދީގެން ހުރިގޮތުން މާކިންއަށް މަޖުބޫރުވީ ބާރުގެ ބޭނުން ކުރާށެވެ. އޭނާ ޖަނާ އަތަށް ދަމަމުން ގަދަކަމުން ގެންގޮސް އަސްކަނި ދޮށަށް ވައްދައިފިއެވެ.

"ދޫކޮށްލާ އަހަރެން އަތުން! މިބުނީނު ދޫކޮށްލާށޭ!" ޖަނާ ދެއަތުގައި ހުރިއްޔާ ހުރި ބާރެއްލައިގެން އަތް މިނިވަން ކުރަން ކުރި މަސައްކަތް ކާމިޔާބު ވާގޮތް ނުވުމުން ރުޅިގަދަވިއެވެ. އޭނާ ސަލާމަތުން އޮތް އަތުން މާކިން މޭގައި ޖަހަން މުށް މަޅާލި ނަމަވެސް މާކިން މާ ހުޝިޔާރެވެ. އޭނާ އެއަތުގައިވެސް ހިފެހެއްޓުމުން ޖަނާއަށް ހުރެވުނީ އެއްވެސް ބާރެއް ނުދެއްކިއެވެ. "ލިސެން ޓު މީ! އަހަރެން ޒަލަފްއަށް ގުޅާފަ މިބުނަނީ ނޯކަރަކު ލައްވާ ތަޅުދަނޑި ފޮނުވަން. އޭނަ އަންނައިރު ޖަނާ ފެނިއްޖެއްޔާ ޒަލަފްއަށް ޚަބަރުދާނެ. އެހެންވީމަ ޖަނާ ދޭ އަސްކަނިދޮށުން ހިނގާލާފަ ގޮސް ގަރާޖުގަ މަޑުކޮށްގެން ހުންނަން." މާކިންގެ ވާހަކަތައް އަނގައިގެ އެއްކޮޅުގައި އޮތްވާ ޖަނާ ދެފަރާތަށް ބޯ ހޫރާލައިފިއެވެ. ދެކެވުނު ވާހަކައިގެތެރޭ މާކިން އަތަށް ދޫދިނުމުން ޖަނާ ބޭނުން ކުރީ އެފުރުސަތެވެ. އޭނާ އަވަހަށް އަނެއްފަރާތަށް އެނބުރިފައި ދުއްވައިގަތް ވަގުތު މާކިންވެސް މަސައްކަތް ކުރީ ހުއްޓުވާށެވެ. އެއްލި އަތުން ޖަނާގެ މުލައްދަނޑީގައި ހިފޭ ގޮތްވުމުން ނިކަން ބާރަށް ގަޔާއި ދިމާއަށް ދަމާލެވުނެވެ. އިސާހިތަކު ޖަނާ އައިސް ތަތްވީ އޭނާގެ މޭގައެވެ. އަވަހަށް ތެޅިގަނެފައި އިސްއުފުލާލެވުނު އިރު ތިބެވުނުލެއް ކައިރިކަމުން ދެމީހުންވެސް ސިހުނެވެ. ޖަނާ ގުޑިލަން ނުކެރިފައި ހުރެގެން ޅަކުއްޖެއްހެން ލޯ ބޮޑުކޮށްލިވަގުތު މާކިންއަށް ނޭވާ ހިފަހައްޓާލެވުނެވެ. އިތުރަށް ކުރެވުނު މުއާމަލާތެއް ވިއްޔާ ކުރެވުނީ ލޮލުންނެވެ. ނޫނީ އެއީ ވަގުތުގެ ނާޒުކް ކަމުން ދިމާވި ގޮތެވެ. އިސްނެގީ ކާކުކަމެއް ނޭނގުނަސް ވާނުވާ އިހްސާސްވީ ދެމީހުންނަށް އެއްފަހަރާއެވެ. ޖަނާ ދުރަށް ދާން އުޅުނުއިރަށްވުރެ އަވަހަށް މާކިން އޭނާގެ ދެކޮނޑުގައި ހިފާ ދުރަށް ކޮށްޕާލައިފިއެވެ. ވިއްސައިގެން ދިޔައިރު ޖަނާއަށް ހަށިގަނޑު ހިފަހައްޓާނުލެވުނު ނަމަވެސް އެތާހުރި ތަނބުގައި ބުރަކަށި ބީހުނެވެ.

ދިސް އިޒް އެ މިސްޓޭކް. އަހަރެމެން ޖެހޭނީ މިހާރު މިވަގުތުން ފެށިގެން ހަނދާން ނައްތާލަން." މާކިން ހާސްވެގެން ބޮލުގައި ހިފަހައްޓާލިއިރު ޖަނާއަށް ރޮވޭގޮތްވިއެވެ. އޭނާ އަނގަމަތީ އަތް އަޅާލައިފައ އިތުރަށް އެތާ ނުހުންނަން ވެގެން ގޭޓާއި ދިމާއަށް ދުއްވައިގަނެގެން ދާން ފެށުމުން ދެވަނަ ފަހަރަށް ހުއްޓުވާނެ ހިތްވަރެއްވެސް މާކިންއަކަށް ނުކުރެވުނެވެ.

*****

ނުނިދިފައި އެނދުގައި ފުރޮޅެން އޮތްވާ ކޮންމެވެސް މީހަކު ބޭރު ދޮރުގައި ޓަކި ޖަހާހެން ހުމާއަށް ހީވިއެވެ. އޭނާ ތެދުވެއިށީންދެފައި ވިސްނާލަން އިންދާ އަނެއްކާ އިވުނެވެ. ސުވާލު އުފެދިފައި ހުރެގެން ދޮރު ހުޅުވާލިއިރު ތެމިފޯވެގެން ދޮރުމަތީ ހުރީ ޖަނާއެވެ. ހައިރާންވެގެން ހުމާއަށް ބުނާނެ އެއްޗެއްވެސް ފުރަތަމަ ނޭނގުނެވެ. އޭނާ ދޮރު އެއްކޮށް ހުޅުވާލައިފައި ޖަނާ ވަންނަން ތަންދެއްކިއެވެ. ހުމާ ދޮރުލައްޕާ ތަޅުލާފައި ފަހަތުން އަންނަން ބުނެ ކޮޓަރިއާ ދިމާއަށް ދިޔައިރު ޖަނާވެސް ދިޔައެވެ. އެކަމަކު ދޮރާއި ހަމައިން އޭނާ ހުރީ ވަންނަން ނުކެރިފައެވެ. ފެންތިކި ތަޅަނިކޮށް ކޮޓަރިއަށް ވަންނާނީ ކިހިނެތް ހެއްޔެވެ؟

"ދެން ވަދޭ. ތެމުނަސް ރަނގަޅުވާނެއޭ. އަން މިއޮތި ތުވާލި. އަހަރެން ޓީޝާޓަކާއި އެއްޗެހި ހޯދާލައިގެން މިގެންދަނީ." ހުމާއަށް ޖަނާގެ ހިތުގައި އޮތް ގޮތް ވިސްނިގެން އަތުގައި ހިފާ އެތެރެއަށް ދަމާލައިފައި ވާހަކަދެއްކިއެވެ. ތުރު ތުރުއަޅާ ދެއަތުން ތުވާލީގައި ހިފާފައި ޖަނާ ގޮސް ފާޚާނާއަށް ވަނެވެ. އިރުކޮޅެއް ފަހުން އޭނާ ނިކުތްއިރު ލައިގެން ހުރީ ހުމާ ދިން އަތްކުރު ޓީޝާޓަކާއި ހަރުވާޅެކެވެ. އޭނާ އައިސް އެނދުގައި އިށީންއިރު ހުމާ ކޮފީއެއް ހަދައިދެންތޯ އެހުމުން މަނާވެގަތެވެ.

"ދެން އެހެންވިއްޔާ ބުނެބަލަ. ކިހިނެތްވެގެން ތިއުޅެނީ؟" ހުމާ އޮޅުންފިލުވާހިތުން ކެތްމަދުވިއެވެ. ޖަނާ އެވަގުތު އޭނާގެ ކޮނޑުގައި ބޯ އަޅާލައިގެން އިނދެފައި ފުރަތަމަ ފެށީ ކަރުނަ ފުހޭށެވެ. ޖަނާ ކުރުގޮތަކަށް އެވާހަކަތައް ކިޔައިދީ ނިމުމުން ހުމާގެ ލޮލުގައިވެސް ކަރުނަ ހިނގައިލިއެވެ. އެކުވެރިޔާއަށް ލިބޭ ހިތާމައަކީ އޭނާއަށްވެސް ލިބޭ ހިތާމައެކެވެ. "ކީއްކުރާނީ ޖަނާ. އަހަރެން ކުރިންވެސް ބުނީމެއްނު މާކިން ޒަލަފް ލޯބިވާ ކުއްޖަކާ ގުޅޭކަށް ބޭނުމެއް ނުވާނެއޭ." ހިތްވަރުދޭންވީ ވަގުތަށްވިއަސް ހުމާ ވާހަކަދެއްކީ ހަޤީޤަތާއި އެއްކޮޅަށެވެ. ހިތަށް އަސަރު ކުރިއަސް އަވަހަށް ޤަބޫލު ކުރިވަރަކަށް ހިތަށް ލިބޭ ވޭން ލުއި ވާނެއެވެ. "ކީއްވެތަ މާކިން ޒަލަފްއަށް ދެރައެއް ލިބިދާނެތީ އެހާ ޖެހިލުންވަނީ؟" ކަރުނައިގެ ތެރޭން ޖަނާ ސުވާލުކޮށްލިއެވެ. "ތިސުވާލުގެ ޖަވާބުގަ އަހަރެން ބުނެފާނަން ވާހަކައެއް. އިރެއްގައި އަހަރެންވެސް ހުރި މަޤާމެއްގަ މާކިން މިއަދު އެހުރީ. އަހަރެން ކިތަންމެ ބޭނުންވިއަސް ވަރަށް ދުވަހު ޖަނާއަށްޓަކައި ޒަލަފްއާ ދުރުގަ ހުރިން. އެކަމަކު އަހަރެންމީ މާކިން ކަހަލަ ރަނގަޅު މީހަކަށް ނުވީތީ ޒަލަފްގެ ދަލުގަ ޖެހުނީ. ޖަނާ ވިސްނާލަބަލަ! ތިދެމީހުން ގުޅުމެއް ފަށާފަހުން ޒަލަފްއަށް ފަޅާއަރައިފިއްޔާ ކޮންކަހަލަ އިހްސާސެއް ކުރެވޭނީ؟ އޭރު އަހަރެންނާ ޒަލަފްގެ ކަންތައް އެނގިގެން ޖަނާ އަހަރެން ކުށްވެރި ކުރި ފަދައިން ޒަލަފް މާކިން ކުށްވެރި ނުކުރާނެތަ؟ އަހަންނަށް ޔަޤީން އެކުވެރިކަންވެސް ބާއްވަން ބޭނުން ނުވާނެކަން." އެކުވެރިޔާގެ ވާހަކަތައް ޖަނާއަށް ޤަބޫލު ކުރެވުނެވެ. މައްސަލައަކީ ހިތް އެގޮތާއި އެއްބަސް ވާން ބޭނުން ނުވާ ކަމެވެ. މާކިން ޒަލަފްއަށްޓަކައި ކޮންމެކަމެއް ކުރަން ތައްޔާރަށް ހުއްޓަސް އޭނާ މާކިން ބުނެގެން ލޯބިނުވާ މީހަކާއި ގުޅޭކަށް ނުނިންމާނެއެވެ. ޒަލަފް ޖެހޭނީ ހަޤީޤަތާއި ކުރިމަތިލާށެވެ.

"އަހަރެން ސުވާލެއް ކުރަންތަ؟ މިވާހަކަ ދެއްކީމަ އަހަރެން ހިތަށް އަރަނީ ޖަނާ ކީއްވެބާއޭ އެހާ ފަސޭހައިން އަހަރެންނަށް މަޢާފުކުރީ. ޖަނާގެ އެނބުރި އައިއިރުވެސް ޒަލަފްދެކެ ލޯބި ނުވާކަން އެއިން އަންގައިދޭ އެއްޗަކީ. އެހެންވިއްޔާ ބުނެބަލަ. ކޮންއިރަކު މާކިންއަށް ފޯލްވާން ފެށީ؟"ހުމާގެ ވާހަކަ ދިޔަ މިސްރާބު އިވިފައި ޖަނާއަށް އިންތާ އިންނަން އުދަނގޫވިއެވެ. އޭނާ ކުއްލިއަކަށް ބޯ ހިއްލާލައިފައި ހަތަރުކަޅި ހަމަކޮށްލިއިރު ލޮލުގައި އަޖައިބެއްފަދަ ބިރުވެރިކަމެއް ފައުޅު ވޭވޭ ހުއްޓެވެ.

(ނުނިމޭ)

comment ކޮމެންޓް
ގުޅޭ ޚަބަރު