"ހޮޅުފަހި" ހާއްސަ އިނާމު ތައުލީމީ ދާއިރާއަށް 62 އަހަރު ހިދުމަތް ކޮށްދެއްވި ފަރާތަކަށް

ހޮޅުދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ނ. ހޮޅުދޫ ކައުންސިލް

ނ. ހޮޅުދޫ ކައުންސިލްގެ ފަރާތުން އެރަށު ރައްޔިތުންގެ މަސައްކަތުގެ އަގުވަޒަން ކުރުމަށް ތައާރަފު ކުރި "ހޮޅުފަހި" އިނާމުގެ އެންމެ ޝަރަފުވެރި އިނާމު ކަމުގައިވާ "ޚިދުމަތުގެ އިނާމް"، ތައުލީމީ ދާއިރާއަށް 62 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކޮށްދެއްވި، ހޮޅުދޫ، ނައިފަރީގޭ މުހައްމަދު ހުސައިނަށް ލިބިއްޖެއެވެ.

މުހައްމަދު ހުސައިނަށް އިނާމު ހަވާލުކޮށްދެއްވީ، ހޮޅުދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ފުރަތަމަ އަހަރީ ޖަލްސާގައި، އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން ނ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝަރީފެވެ.

ހޮޅުދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ނ. ހޮޅުދޫ ކައުންސިލް

"ސަން" އަށް މައުލޫމާތު ދެއްވަމުން ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ހަމްދާން ނާސިރު ވިދާޅުވީ، ރަށުގެ ރައްޔިތުންގެ މަސައްކަތުގެ އަގުވަޒަން ކުރުމަށް މުޅިން އަލަށް ތައާރަފްކޮށް، މިއަހަރު ދޭން ފަށާފައިވާ "ހޮޅުފަހި އިނާމު" ދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތިއަކަށް ބަހާލައިގެން ކަމަށެވެ.

ހޮޅުދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ނ. ހޮޅުދޫ ކައުންސިލް

"ފުރަތަމަ ގިންތިއަކީ ރަށަށް ގިނަ ދުވަހަށް ހިދުމަތް ކޮށްދެއްވި ފަރާތަށް ދެވޭ އިނާމެއް. އެ އިނާމަކީ އެންމެ ޝަރަފުވެރި އިނާމް. އަދި އެ އިނާމް ލިބޭނީ އަހަރަކު އެންމެ ފަރާތަކަށް،" ހަމްދާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހޮޅުފަހި އިނާމް ދެވޭ ދެވަނަ ގިންތިއަކީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރަށަށް ރީތި ނަން ހޯދައި ދީފައިވާ ފަރާތްތަކަށް ދެވޭ އިނާމު ކަމަށެވެ. އެގޮތުން އެ އިނާމް 20 ފަރާތަކަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮޅުފަހި އިނާމްގެ އެންމެ ޝަރަފްވެރި އިނާމު ކަމަށްވާ ޚިދުމަތުގެ އިނާމް ހާސިލްކުރެއްވި މުހައްމަދު ހުސައިން އަކީ "ހޮޅުދޫގެ ތައުލީމުގެ ޅަފަތުގެ ދުވަސްވަރުން ފެށިގެން އެދާއިރާއަށް ހިދުމަތް ކުރައްވާފައިވާ އަގުހުރި ދަރިއެއް" ކަމަށް ހޮޅުދޫ ކައުންސިލުން ބުންޏެވެ.

ކުރިއަށް އޮތް އަހަރު ހޮޅުދޫ ކައުންސިލުން ހިންގާނެ މަޝްރޫއުތަކާއި ކުޅިވަރު ކަލަންޑަރެއް ވެސް ވަނީ އެ ކައުންސިލްގެ އަހަރީ ޖަލްސާގައި އިއުލާން ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް