މެސީ 400 ގޯލް ހަމަ ކުރިއިރު ރޮނާލްޑޯއަށްވެސް ރެކޯޑެއް

ރޮނާލްޑޯއާ މެސީ. މެސީ 400 ގޯލް ހަމަ ކުރިއިރު ރޮނާލްޑޯއަށްވެސް ރެކޯޑެއް ހަދާފައި --- ފޮޓޯ ސްޓަރ އެފްރިކާ ޑޮޓްކޮމް

ބާސެލޯނާ އަދި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ބާސާއަށް ޖަހައިދިން ލަނޑުގެ އަދަދު 400 އަށް އެރިއިރު، މެސީއާ ވާދަވެރި ރޮނާލްޑޯ، ޖެހިޖެހިގެން ފަސް ސީޒަންގައި 50 ލަނޑު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފިއެވެ.

ރޭ ސްޕެނިޝް ލީގުގައި ބާސެލޯނާއާ ވެލެންސިއާ ބައްދަލު ކުރިމެޗްގެ 90 ވަނަ މިނެޓްގައި ބާސެލޯނާގެ ދެވަނަ ލަނޑު މެސީ ކާމިޔާބު ކުރިއިރު މީއީ އޭނާ މިސީޒަންގައި ކާމިޔާބު ކުރި 46 ވަނަ ލަނޑެވެ.

ރޭ ވެލެންސިއާއި ބާސެލޯނާ ކުޅުނު މެޗްގައި ލަނޑު ޖެހުމަށްފަހު މެސީ ބާސާގެ ކުޅުންތެރިންނާއެކު އުފާފާޅު ކުރަނީ --- ފޮޓޯ/ އޭޕީ

މެސީ 400 ވަނަ ލަނޑު ކާމިޔާބު ކުރިއިރު މިއީ ބާސެލޯނާއަށް މީގެކުރިން އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ޕައުލީނޯ އަލްކަންޓާރާ ޖަހާފައިވާ ލަނޑުގެ އަދަދަށް ވުރެ 168 ލަނޑުގެ ކުރިއެރުމެކެވެ. ފިލިޕީންސަށް އުފަން އަލްކަންޓަރާ ބާސެލޯނާއަށް ޖަހައިދިނީ 232 ލަނޑެވެ.

މެސީއާ ވާދަވެރި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މަލާގާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗްގައި ލަނޑު ޖަހައި އޭނާގެ ރެކޯޑް ހަދާފައެވެ.

މިގޮތުން ރޮނާލްޑޯ 2010-2011 ސީޒަނުން ފެށިގެން 2014-2015 ވަނަ އަހަރުގެ ސީޒަނާއި ހަމަޔަށް ކޮންމެ ސީޒަނެއްގައި 50 ލަނޑު ޖަހާފައެވެ.

ރޭ ރެއާލް މެޑްރިޑާ މަލާގާ ކުޅުނު މެޗްގައި ރޮނާލްޑޯ ރެއާލްގެ ކުޅުންތެރިންނާއެކު އުފާފާޅު ކުރަނީ --- ފޮތޯ/ އޭޕީ

ރޮނާލްޑޯ ވަނީ 2010-2011 ސީޒަންގައި 53 ލަނޑު، 2011-2012 ސީޒަންގައި 60 ލަނޑު، 2012-2013 ސީޒަންގައި 55 ލަނޑު، 2013-2014 ސީޒަންގައި 51 ލަނޑު، 2014-2015 ސީޒަންގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެއިތުން ރެއަކީ ރޮނާލްޑޯ ސްޕެނިޝް ލީގްގައި ކުޅެން ފެށިފަހުން ތާރީޚީ ރެއެކެވެ. އެގޮތުން ރޭގެ މެޗުގައި ވަނީ، ސްޕެނިޝް ލީގްގައި ރޮނާލްޑޯގެ އަތުން ފުރަތަމަ ފަހަރަށް ޕެނަލްޓީއެއް ނާކާމިޔާބު ވެފައެވެ.

ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ވާދަވެރި ރެކޯޑްތައް ހަދަމުންދާއިރު މިދެކުޅުންތެރިން ކުޅޭ ދެޓީމްވެސް އޮތީ ސްޕެނިޝް ލީގުގައި ވަރަށް ވާދަވެރިކޮށެވެ. އެގޮތުން 78 ޕޮއިންޓާއެކު މެސީގެ ބާސެލޯނާ ތާވަލްގެ އެއް ވަނައިގައި އޮތް އިރު ރޮނާލްޑޯގެ ރެއާލް މެޑްރިޑް ބާސާގެ ފަހަތުގައި ވިއްދާފައިއޮތީ ދެޕޮއިންޓްގެ ފަރަގާއެކު 76 ޕޮއިންޓް ލިބިގެންނެވެ.

comment ކޮމެންޓް