އަނބިމީހާ އަންދާލި ފިރިއަކު ޕާކިސްތާނުގެ ފުލުހުން ހައްޔަރުކޮށްފި

ޕާކިސްތާނުގެ ރަށްފުށުގެ ނިކަމެތި އާއިޅާތަކުގެ އަންހެން ކުދިން

އިސްލާމް އާބާދު (އެޕްރީލް 19) : ޕާކިސްތާނުގެ އަންހެނެއްގެ ގަޔަށް ޕެޓްރޯލް އަޅައި އަލިފާނުން އަންދާލި މައްސަލާގައި އޭނާގެ ފިރިމީހާ އާއި ފިރިމީހާގެ ބައްޕަ ހައްޔަރުކޮށްފިއެވެ.

25 އަހަރުގެ މިޒުވާން އަންހެންމީހާ މަރާލީ ފިރިމީހާގެ ހުއްދައާނުލައި ދައްތަގެ ގެއަށް ގޮސްގެންކަމަށް އަންހެންމީހާގެ ބޭބެ ބުނެއެވެ. އަދި މިޖަރީމާގައި ފިރިމީހާގެ ބައްޕަވެސް ބައިވެރިވާކަމަށް ޝައްކުކުރެވޭ ކަމަށް ޕާކިސްތާން ފުލުހުން ބުނެއެވެ. މިދެބަފައިން ހައްޔަރު ކުރުމަށްފަހު ފުލުހުން މިހާރުވަނީ ތަހްގީގްތައް ފަށާފައެވެ. މިޖަރީމާ ހިންގާފައިވަނީ ޕާކިސްތާނުގެ ހުޅަނގުގެ ރަށްފުށުގެ ވިލެޖެއްގައެވެ.

އަންހެންމީހާގެ އެއްބަނޑު އެއްބަފާ ބޭބެ ބުނާގޮތުން އޭނާގެ ކޮށްކޮގެ ފިރިމީހާ ތަކުރާރުކޮށް ގެންދަނީ ކޮށްކޮ (އަންހެންމީހާ) އަށް އެކިބާވަތުގެ އަނިޔާތައް ކުރަމުންނެވެ. މަރާލެވުނު އަންހެންމީހާ ދެކެ އޭނާގެ ފިރިމީހާ ރުޅިއަންނަ މައިގަނޑު ސަބަބަކީ ކައިވެންޏަށް 3 އަހަރުވިއިރުވެސް ދަރިއަކު ނުލިބިގެން ކަމަށާ ނަމަވެސް ދަރިއަކު ނުލިބެނީ އަންހެންމީހާގެ ސިއްޙީ މައްސަލައަކާ ގުޅިގެންކަން އެނގިފައިނުވާ ކަމަށް އަވަށްޓެރިންނާ ހަވާލާދީ ޕާކިސްތާނުގެ ފުލުހުން ބުނެއެވެ.
ފިރިމީހާގެ އަނިޔާތަކަށް ތަޙައްމަލް ނުކުރެވިގެން ބައެއްފަހަރު ޙިމާޔަތަށްއެދި އަންހެންމީހާ އޭނާގެ ބައްޕައާއި އެއްބަނޑުއެއްބަފާ ބޭބެއިންގެ ގެއަށް އަންނަކަމަށާ ނަމަވެސް މިހިސާބަށް ފިރިމީހާއާއި ބަފައިކަލޭގެ އަމަލުތައް ހިނގައިދާނެ ކަމަށް ގަބޫލުކުރެވިފައިނުވާތީ އަންހެންކޮށްކޮ ޙިމާޔަތް ނުކޮށްދެވުމުގެ ހިތާމަ މިހާރު ކުރަންޖެހިފައިވާ ކަމަށް އަންހެންމީހާގެ ދޮށީ ބޭބޭ ފުލުހުންގެ ގާތުގައި ބުނެފައިވެއެވެ.

ޕާކިސްތާނުގެ ރަށްފުށުގެ ހިސާބުތަކުގައި އަންހެނުންނަށް ގެވެށި އަނިޔާކުރުމަކީ ވަރަށް އާންމު ކަމެކެވެ. މިފަދަ އަނިޔާތަކުގައި އެތަށް ސަތޭކަ އަންހެނުން ކޮންމެ އަހަރަކު މަރުވަމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު