އައްޑޫ ސިޓީގައި ގާއިމްކުރާ ފްލޯޓިން ޕްލެޓްފޯމްގެ މަސައްކަތް ނިމިއްޖެ

އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމްކުރި ފްލޯޓިންގް ޕްލެޓްފޯމް --- ފޮޓޯ/ ހިތަދޫ ސްކޫލް

ސަރުކާރާއި ރާއްޖޭގެ ސްވިމިން އެސޯސިއޭޝަން ގުޅިގެން އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމްކުރާ ފްލޯޓިން ޕްލެޓްފޯމްގެ މަސައްކަތް ނިންމައި، އެ ޕްލެޓްފޯމް ބޭނުން ކުރަން ފަށައިފިއެވެ.

ސްވިމިން އެސޯސިއޭޝަންގެ އެހީއާއެކު އައްޑޫ ސިޓީގައި ގާއިމްކުރި ފްލޯޓިން ޕްލެޓްފޯމްގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި، ހިތަދޫ ސްކޫލްގެ ބެލެނިވެރިންނާއި މެނޭޖްމަންޓް އަދި ކިޔަވާ ކުދިންގެ އެހީއާއެކުއެވެ. އެ ޕްލެޓްފޯމަކީ އެއްފަހަރާ އަށް ފެތުންތެރިންނަށް ބެނުންކުރެވޭ، އެންމެ ޒަމާނީ ފެންވަރުގެ ޕްލެޓްފޯމެއް ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ސަރުކާރުގެ ބަޖެޓުން 1.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން މާލެއާއި އައްޑޫ ސިޓީގައި ފްލޯޓިން ޕްލެޓްފޯމްތަކެއް ގާއިމްކުރަން ސްވިމިން އެސޯސިއޭޝަނާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި ޕްލެޓްފޯމްތަކަށް ބޭނުންވާ ސާމާނު ރާއްޖެއަށް ގެނައުމަށް ފަހު، ސްވިމިން އެސޯސިއޭޝަނުން ވަނީ މި މަހުގެ ކުރީކޮޅު މާލޭގެ ފްލޯޓިން ޕްލެޓްފޯމް ގާއިމްކޮށް ނިންމާފައެވެ.

އައްޑޫގައި ސަރުކާރުން ގާއިމްކުރި ފްލޯޓިން ޕްލެޓްފޯމްގެ މަސައްކަތް މިހާރު ނިމިފައި ވާއިރު، އެ ޕްލެތްފޯމްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ހަރަދުކޮށްގެން މަރަދޫގައި ގާއިމްކުރި ފްލޯޓިން ޕްލެޓްފޯމެއްގެ މަސައްކަތްވެސް ނިމިފައި ވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މަރަދޫގައި ގާއިމްކުރާ ޕްލެޓްފޯމްގެ އިތުރުން ހުޅުމީދޫ ގައިވެސް ފްލޯޓިން ޕްލެޓްފޯމެއް ގާއިމްކުރަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި އެ ޕްލެޓްފޯމްގެ މަސައްކަތް އަދި ފަށާފައި ނުވިނަމަވެސް، މި މަސް ނިމުމުގެ ކުރިން އެ ޕްލެޓްފޯމް ގާއިމްކޮށް ނިންމޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް