ރިސޯޓް ހިންގާ ރަށްތައް 99 އަހަރަށް ކުއްޔަށް ދޭން ހުށަހެޅި އިސްލާހު ކޮމިޓީ އިން ފާސްކޮށްފި

މިއަދު ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ރިސޯޓު ހިންގާ ރަށްތައް 99 އަހަރަށް ކުއްޔަށް ދޭން ހުށަހެޅި އިސްލާހު ކޮމިޓީ އިން ފާސްކޮށްފައި -- ސަން ފޮޓޯ/ އަލީ ނަސީރު

ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތައް 99 އަހަރަށް ކުށްޔަށް ދިނުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އިން މިއަދު ފާސްކޮށްފި އެވެ.

އިގްތިސާދީ ކޮމިޓީ އިން 99 އަހަރަށް ރަށްތައް ކުއްޔަށް ދިނުމުގެ އިސްލާހު ފާސްވީ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ސަރުކާރު ކޯލިޝަންގެ ހުރިހާ މެމްބަރުން ވޯޓުދެއްވުމުން ނެވެ.

އިސްލާހުގައި ބުނެފައި ވަނީ ރިސޯޓު ކުއްޔަށް ހިފުމުގެ މުއްދަތު އިތުރު ކުރާނީ 50 އަހަރަށް، ރަށްރަށާއި ބިންތައް ކުއްޔަށް ހިފައިފައިވާ ފަރާތަކީ "އެކަމަށް ޝަރުތު" ފުރިހަމަވާ ފަރާތެއް ނަމަ އެ ރަށެއް ނުވަތަ އެ ބިމެއް ކުށްޔަށްދީފައިވާ މުއްދަތު އިތުރު 49 އަހަރު ދުވަހަށް އިތުރުކޮށްދޭން ވާނެ ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވީ ރިސޯޓުތައް 99 އަހަރަށް ކުއްޔަށް ދޫކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި ނަމަވެސް ކުލީގެ ފައިސާ އެއް ފަހަރާ ފައިސާ ނެގުމާ ދެކޮޅު ކަމަށެވެ. ގާސިމް ވިދާޅުވީ ދިގު މުއްދަތަކަށް ރަށްތައް ދޫކުރާ އިރު ދައުލަތަށް ދައްކަން ޖެހޭ ފައިސާއަކީ ދެމެހެއްޓެނެވި ގޮތަކަށް ދެވޭ އެއްޗެއްގެ ގޮތުގައި ހެދުން ބުއްދިވެރި ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ ޝަރުތުތަކުގެ ތެރޭގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއްގައި ތަރައްގީކުރާ ރިސޯޓު ހުޅުވާފައިވުން ހިމެނެ އެވެ. އަދި ހަމައެއާ އެކު މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ފަސް މިލިއަން އެމެރިކާ ޑޮލަރު އެއް ފަހަރާ ދައްކާފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޓޫރިސްޓު ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ނުވަތަ ބިންބިމާ ނުވަތަ ފަަޅުފަޅުގައި ކުރާ އެއްވެސް މަސައްކަތެއްގައި އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރަންވާނީ ކަމާ ބެހޭ މިނިސްޓްރީއަކުން ލިޔުމަކުން ހުއްދަ ހޯދުމަށްފަހުގައި ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ހަދާ އެއްވެސް ގަވާއިދަކާ ޚިލާފުވާ ފަރާތެއްވާ ނަމަ ފަސް މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ.

ރިސޯޓުތައް 99 އަހަރަށް ކުށްޔަށް ދިނުމަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވާ އިރު، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މީގެ ކުރިން ވިދާޅުވެފައި ވަނީ އިގްތިސާދީ ރިފޯމެއް ރާއްޖެ އަށް ގެންނަން މަސައްކަތް ކުރާ ކޮންމެ ހިނދެއްގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. އެހެން ނަމަވެސް އިގްތިސާދީ ރިފޯމެއް ގެންނަން ޖެހޭ ކަމަށް އަދީބު ވިދާޅުވި އެވެ.

އެގޮތުން ލޭންޑް ރިފޯމެއް ގެނެސް ފޮރިން އޯނާޝިޕް ދޭންޖެހޭ ކަމަށާއި އަދި ރިސޯޓްތަކަށް އިންވެސްޓްކުރުމަށް ބޭންކުތަކުން ވެސް 40 އަހަރާއި 50 އަހަރުގެ މުއްދަތު ގަބޫލު ނުކުރާ ކަމަށާއި އޭގެ އެންމެ ރަނގަޅު މިންވަރަކީ 99 އަހަރު ކަމަށް އަދީބު ވިދާޅުވި އެވެ. އަދި 99 އަހަރަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި ނަމަ ދައުލަތަށް އާމްދަނީ ލިބި ގިނަ ރިސޯޓުތަކުން މުއްދަތު އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް