"މިއަދުގެ ނިޔަލަށް ފައިސާ ދެއްކުމުގެ ފުރުސަތު ވިލާއަށް އޮއްނާނެ"

ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް -- ސަން ފައިލްފޮޓޯ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ތަރައްގީކުރާ ފަސް ރަށެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 90.4 މިލިއަން ޑޮލަރު ދެއްކުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ވިލާއަށް އޮއްނާނެ ކަމަށް މީރާއިން ބުނެފި އެވެ.

މީރާގެ ޑިރެކްޓަރު ޖެނެރަލް ފަތުހުﷲ ޖަމީލް މިއަދު 'ސަން' އަށް ވިދާޅުވީ ޖޫރިމަނާ ފައިސާ ވިލާ އިން ދައްކަން ބޭނުން ނަމަ އަދި ވެސް އެ ފައިސާ ދެއްކޭނެ ކަމަށާއި ފައިސާ ދެއްކުމުގެ މުއްދަތު ހަމަވާނީ މިއަދުގެ ނިޔަލަށް ކަމަށެވެ. އަދި މިއަދުގެ 3 ޖެހުމާއި ހަމައަށް ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެއްޖެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް ފަތުހުﷲ ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

"ފައިސާ ނުދެއްކީމާ ހުއްނާނެ ދެެވޭ އަދަބުތަކުގެ ތަރުތީބެއް، އެ ތަރުތީބުން އަޅުގަނޑުމެން އަމަލުކުރާނީ،" ފަތުހުﷲ ވިދާޅުވި އެވެ.

ވިލާ ކުންފުންޏަށް ފައިސާ ދެއްކުމަށް ދިން 20 ދުވަހުގެ މުއްދަތު އިއްޔެއަށް ހަމަވި ނަމަވެސް އިއްޔެއަކީ ބަންދު ދުވަހެއް ކަމުން ނޯޓިހުގެ މުއްދަތު ރަސްމީގޮތުން ހަމަވާނީ މިއަދަށެވެ. މީގެ ކުރިން 30 ދުވަހުގެ ނޯޓިހެއް ވެސް ވިލާ އަށް ވަނީ ދީފަ އެވެ.

ވިލާ ކުންފުނިން ބުނެފައި ވަނީ އެ ފައިސާ އަކީ ދައްކަން ޖެހޭ ފައިސާ އެއް ނޫން ކަމަށެވެ. ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށް އެ އެކައުންޓްތަކުގައި ހުރި ފައިސާ ދައުލަތަށް ނަގައިފި ނަމަ ކުންފުނި ބަނގުރޫޓުވާނެ ކަމަށް ވިލާ ގްރޫޕުން ވަނީ ބުނެފަ އެވެ.

ވިލާ ގްރޫޕުން ފައިސާ ދައްކަން ޖެހިފައި ވަނީ، އެ ކުންފުނިން ތަރައްގީކުރާ ތ. އެލާ އާއި ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާ އާއި ކައްދޫ ސިޓީ ހޮޓަލާއި ހަނިމާދޫ ސިޓީ ހޮޓާ މަޝްރޫއާ ގުޅިގެން ހަދާފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީ އިން ބާތިލުކޮށް، އެ ރަށްރަށް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ފުރަތަމަ ހެދި އެއްބަސްވުމަށް އަނބުރާ ދިއުމުންނެވެ.

comment ކޮމެންޓް