އާސެނަލް އެފްއޭކަޕްގެ ފައިނަލަށް

އާސެނަލް މެޗުން މޮޅުވުމުން އެޓީމްގެ ކުޅުންތެރިން އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

އިނގިރޭސި އެފްއޭކަޕް ސެމީ ފައިނަލް ފުރަތަމަ މެޗްގައި ރޭޑިންގެ މައްޗަށް 2-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި އާސެނަލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިމެޗް ގައި އާސެނަލްގެ ދެލަނޑުވެސް ޖަހައިދިނީ ޗިލީގެ ފޯވަޑް އެލެކްސް ސަންޗޭޒްއެވެ. މިމެޗްގެ 39 ވަނަ މިނެޓްގައި ސަންޗޭޒް އާސެނަލްގެ ފުރަތަމަ ލަނޑު ޖެހިއިރު މެޗްގެ 54 ވަނަ މިނެޓްގައި ރޭޑިންގެ ޖަމައިކާގެ ކުޅުންތެރިޔާ ގެރެތް ޖޭމްސް މެކްލޭރީ ވަނީ ރޭޑިންގް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މިނަތީޖާއިން މެޗުގެ 90 މިނެޓުގެ ދެ ހަފް ނިމުނު އިރު، އާސެނަލް މެޗުން މޮޅުވި ލަނޑު ޖަހައިދިނީ މެޗްގެ ނަތީޖާ ނެރުމަށްޓަކައި ކުޅުނު އިތުރު ވަގުތުގެ ދެހާފް ގެތެރެއިން ފުރަތަމަ ހާފްގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައެވެ.

އާސެނަލްއާ ރޭޑިންގ ބައްދަލުކުރި އެފްއޭކަޕް ސެމީ ފައިނަލް މެޗްގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ އެލެކްސް ސަންޗޭޒް އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

މިމެޗުން އާސެނެލް މޮޅުވުމުން އެޓީމް ވަނީ ދުނިޔޭގެ އެންމެ ދުވަސްވީ ނޮކޮއުޓް އުސޫލުން ކުޅެމުންދާ މުބާރާތުގެ ފައިނަލަށް 19 ވަނަ ފަހަރަށް ދަތުރުކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް ފްރާންސްގެ އާސެން ވެންގާ ބުނީ މިމެޗުން މޮޅުވުމަށްޓަކައި ރޭޑިންގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ކުޅުމެއްކަމަށާއި އެޓީމްގެ ފަރާތުން އާސެނަލާ ދެކޮޅަށް ދެއްކި މޮޅު ކުޅުމަށް މަރުހަބާ ކިޔާކަމަށެވެ.

"ރޭޑިންގ ފަރާތުން ފެނުނީ މުޅިން ތަފާތު ޕްލެނެޓެއްގެ ކުޅުމެއް. މޯޓިވޭޝަންއަށް ބެލިނަމަވެސް ރޭޑިން ފެނުނީ ވަރަށް ފުރިހަމަކޮށް،" ވެންގާ ބުންޏެވެ.

އެފްއޭ ކަޕް ސެމީ ފައިނަލް ގައި އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗަށްފަހު ރޭޑިންގ ގެ ކުޅުންތެރިން ދަނޑުމަތީގައި މަޑުކޮށްލައިގެން --- ފޮޓޯ/ އޭޕީ

ރޭޑިންގ ގެ ކޯޗް ސްޓީވް ކްލާކް ވަނީ މެޗްގައި ރޭޑިންގ ގެ ގޯލް ކީޕަރު އެޑަމް ފެޑްރިޗީގެ ފަރާތުން ފެނުނު މޮޅު ކުޅުމަށް ތައުރީފްކޮށްފައެވެ.

ސްޓީވް ވަނީ މެޗްގެ އެންމެ ފަހުވަގުތާ ހަމައަށްވެސް އާސެނަލްގެ ހަމަލާތައް ހިފެހެއްޓުމުގައި ދެއްކި މޮޅު ކުޅުމަށް ތައުރީފްކޮށްފައެވެ.

"އަންހަންނަށް ޔަޤީން އެންމެންވެސް ފެޑްރީޗީއަށް ސަޕޯޓްކުރާނެކަން. ޝަކެއްވެސް ނެތް އޭނާއަކީ މިސީޒަންގެ ރޭޑިންގ ގެ އެންމެ މޮޅު ކުޅުންތެރިޔާ،" އޮސްޓްރޭލިއާގެ ގައުމީ ޓީމްގެ ގޯލް ކީޕަރާ ބެހޭގޮތުން ކްލާކް ބުންޏެވެ.

އާސެނަލްއާ ރޭޑިންގ ބައްދަލުކުރި އެފްއޭކަޕް ސެމީ ފައިނަލް މެޗްގައި މޯލުކުޅުމެއް ދެއްކި ރޭޑިންގ ގެ ގޯލްކީޕަރު (ކަޅުކުލައިގެ ޖޯޒީ ގައި) އެޑަމް ފެޑްރިޗީ ކައިރީގައި އާސެނަލް ކުޅުންތެރިޔެއް މަޑުކޮށްލައިގެން --- ފޮޓޯ/ އޭޕީ

134 އަހަރުވީ މިމުބާރާތުގެ ފައިނަލްގައި އާސެނަލް ބައްދަލުކުރަންޖެހޭ ޓީމެއް ޔަގީންވާނީ މިރޭ ލިވަޕޫލާ އެސްޓަންވިލާ ބައްދަލު ކުރާ ދެވަނަ ސެމީ ފައިނަލް މެޗަށްފަހު އެވެ. ލިވަޕޫލާ އެސްޓަންވިލާވެސް ވަނީ އެފްއޭ ކަޕް ހަތް ފަހަރު ކާމިޔާބުކޮށްފައެވެ.

ވެމްބަލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 7:00 ގައެވެ.

comment ކޮމެންޓް