14 އަހަރުން ދަށުގެ އުމުރުފުރާއިން ހަ ޓީމް ދެވަނަ ބުރަށް

ހެންވޭރު ދަނޑުގައި ކުރިއަށް ގެންދާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާއިން، މާޖީދިއްޔާ ސްކޫލާއި އާއި ޖަމާލުއްދީން ސްކޫލާއި، އިސްކަންދަރު ސްކޫލާއި، ކ. އަތޮޅު މަދަރުސާ އާއި، ކަލާފާނު ސްކޫލް އަދި ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މުޅިއަކު 13 ޓީމު ވާދަކުރާ އިންޓަރ ސްކޫލް މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާ ކުރިއަށް ގެންދަނީ ޓީމްތައް ތިން ގްރޫޕަކަށް ބަހާލައިންނެވެ. އެގޮތުން މަޖީދިއްޔާ އާއި ޖަމާލުއްދީން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައި ވަނީ، ފަސް ސްކޫލް ހިމެނޭ މުބާރާތުގެ ގްރޫޕް އެކަކުން އެންމެ މަތިން ޕޮއިންޓް ހޯދައިންނެވެ.

ގްރޫޕް އެކެއްގެ ފުރަތަމަ ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، އެ މެޗުން އެއްވަރުވި މަޖީދިއްޔާ ދެވަނަ ބުރަށް ދަތުރު ކޮށްފައި ވަނީ 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިންނެވެ. އަދި ޖަމާލުއްދީނާއި އިމާދުއްދީން ދެ ސްކޫލްވެސް ފުރަތަމަ ބުރުން ހަތް ޕޮއިންޓް ހޯދާފައި ވާއިރު، ޖަމާލުއްދީން ދެވަނަ ބުރުން ޖާގަ ހޯދީ ކާމިޔާބު ކުރި ލަނޑުގެ އަދަދު އިމާދުއްދީނަށް ވުރެ އިތުރު ވުމުންނެވެ.

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް 2 އިން ދެވަނަ ބުރަށް ދަތުރުކުރި ދެ ސްކޫލަކީ އިސްކަންދަރާއި ކ. އަތޮޅު މަދަރުސާ އެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕް 2 ގައި ކުޅުނު ތިން މެޗުވެސް ކާމިޔާބު ކުރި އިސްކަންދަރު ދެވަނަ ބުރަށް ދަތުރުކުރީ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. އަދި ކ. އަތޮޅު މަދަރުސާ ދެވަނަ ބުރަށް ދަތުރުކުރީ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، ހަ ޕޮއިންޓާއެކު އެވެ.

މުބާރާތުގެ ގްރޫޕް ތިނަކުން އެއްވަނަ ސްކޫލްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ، ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުވެސް ކަމިޔާބުކޮށް، ނުވަ ޕޮއިންޓް ހޯދި ކަލާފާނު ސްކޫލެވެ. އަދި ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކުރި ބިލަބޮންގް ދެވަނަ ބުރަށް ދަތުރުކުރީ ހަ ޕޮއިންޓާއެކު އެ ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައެވެ.

ދެ އުމުރުފުރާއަކަށް ބަހަލައިގެން ކުރިއަށް ގެންދާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ހަތަކުން 18 އަށެވެ. އަދި އެ އުމުރުފުރާގެ ދެވަނަ ބުރުގެ ކުޅުން މާދަމާ ފަށަން ހަމަޖެހިފައި ވާއިރު، މިއަދު އެ މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ވަނީ ފަށާފައެވެ. 18 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކުރަނީ މުޅިއަކު ހަތަރު ސްކޫލެވެ.

comment ކޮމެންޓް