ދިގު މުއްދަތަކަށް ރަށްތައް ދޫކުރިޔަސް އެއްފަހަރާ ކުލި ނެގުމާ ދެކޮޅު: ގާސިމް

އިގްތިސާދީ ކޮމެޓީގައި ގާސިމް ވާހަކަފުޅު ދައްކަވަނީ: ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިންތިހާއަށް ދަށްވަމުންދާ ކަަމަށް ވިދޅާުވި-- ސަން ފޮޓޯ/ އަލީ ނަސީރު

ރިސޯޓުތައް 99 އަހަރަށް ކުއްޔަށް ދޫކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި ނަމަވެސް ކުލީގެ ފައިސާ އެއް ފަހަރާ ފައިސާ ނެގުމާ ދެކޮޅު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޓޫރިސްޓު ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތައް 99 އަހަރަށް ކުއްޔަށް ދިނުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް އިގްތިސާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދިގު މުއްދަތަކަށް ރަށްތައް ދޫކުރާއިރު ދައުލަތަށް ދައްކަން ޖެހޭ ފައިސާއަކީ ދެމެހެއްޓެނެވި ގޮތަކަށް ދެވޭ އެއްޗެއްގެ ގޮތުގައި ހެދުން ބުއްދިވެރި ކަމަށެވެ.

"އެކަން ވޯކަަބަލް ގޮތަކަށް ކޮށްގެން ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަކަށް އެކަން ކުރުމަކީ ވަރަށް މުހިއްމު ކަމެއް. މިހާރު މީގައި އޮންނަ ގޮތަކުން ވެއްޖިއްޔާ ހަދާ ނިމިފައި ހުރި ރަށްތަކަށް މި ދެނީ. އަލަށް އަންނަ މީހުންނަކަށް ނުލިބޭ. އަނެއް ކޮޅުން އެސްއީޒެޑުގެ ތެރެއިން އެބަ އާދޭ 99 އަހަރަށް އެއްވެސް ޓެކުސްއެއް ކުށްޔެއް ދިނުމެއް ނެތި އެއްވެސް އެއްޗެއް ދެއްކުމެއް ނެތި. އެހެންވީމަ މި ދެންނެވި ކަންތައްތައް ތަފާތު ކުޑަކުރެވޭނެ ގޮތެއް ވިސްނަން އެބަޖެހޭ ކަންނޭނގެ. އޭރުން އެއް އުސޫލެއް ހިފެހެއްޓީމަ އެކަމުގެ މަސްލަހަތު ވެސް ރަނގަޅު ވެގެން ދާނެ ކަމަށް އަޅުގަނޑަށް ފެނޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއްފަހަރާ ދެއްކޭނީ މަދު ފަރާތަކަށް ކަމަށެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅޭގޮތުން މިއަދު ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުން: ސަން ފޮޓޯ/ އަލީ ނަސީރު

އޭނާ ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރި ކަމަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި އެހެންކަމުން ދެމެހެއްޓެނެވި ގޮތެއްގައި ކަންތައްތައް ކުރެވޭނެ އުސޫލުތައް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި ހަމައެއާއެކު އަވަށްޓެރި ސްރީ ލަންކާ އާ އިންޑިއާ ފަދަ ގައުމުތަކުން ވެސް ފަތުރުވެރިކަން ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު ރާއްޖެ އަކީ އެ މީހުންނަށް ހުރި ގޮންޖެހުމަކަށް ވާންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިއަދުގެ ޖީލަށް މިހެން ފެނުނު ކަމުގައިވިއަސް ރާއްޖޭގެ ފަތުރުވެރިކަން މީގެ ކުރީގައި އޮތީ ވަރަށް ހާލުގައި ކަމަށެވެ. އަދި މިއަދު މި ފެންނަ ފަދަ ރީތި ރިސޯޓުތަައް ފެންނަމުން ދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ހަގީގަތަކީ މިއަދު އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަން އޮތީ ޑިކްލައިންއެއްގައި. ޗައިނާ މާކެޓު ވެސް ދިޔައީ. ރަޝިޔާ މާކެޓު ވެސް ފުލޮޕް ވެގެން ދިޔައީ. މިހެން ގޮސް ވަރަށް ގިނަ ޔޫރަޕް މާކެޓުތައް ވެސް ހަމަ ޑިކުލައިން ވެގެން ދަނީ. މިއަދު ހަގީގަތަކީ 40 އިންސައްތަ ރާއްޖޭގެ ރަށްރަށުގައި އޮކިއުޕަންސީއެއް ނެތް. މިއީ ހަގީގަތް. މި ހަގީގަތް އޮޅުވައެއް ނުލެވޭނެ. މިހާރު ވެސް ސާވޭ ކޮށްގެން ބަލާބަލަ އަޅެ،" ގާސިމް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލު ހުށަހެޅުއްވި ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ރިސޯޓު ކުއްޔަށް ހިފުމުގެ މުއްދަތު އިތުރު ކުރާނީ 50 އަހަރަށް، ރަށްރަށާއި ބިންތައް ކުއްޔަށް ހިފައިފައިވާ ފަރާތަކީ "އެކަމަށް ޝަރުތު" ފުރިހަމަވާ ފަރާތެއްނަމަ އެ ރަށެއް ނުވަތަ އެ ބިމެއް ކުށްޔަށްދީފައިވާ މުއްދަތު އިތުރު 49 އަހަރު ދުވަހަށް އިތުރުކޮށްދޭންވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު