މޮންޓޭކާލޯގެ ފައިނަލަށް ޖޮކްވިޗް

މޮންޓޭކާލޯ ޓެނިސް މުބާރާތުގެ ސެމީފައިނަލް މެޗްގައި ނަޑާލް ބަލިކުރުމަށްފަހު ޖޮކޮވިޗް އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

ފްރާންސްގެ މޮނާކޯގައި މިހާރު ކުރިއަށްދާ މޮންޓޭކާލޯ މާސްޓާސް ޓެނިސް މުބާރުތުގެ ސެމީ ފައިނަލްގައި ސްޕެއިންގެ ރަފޭލް ނަޑާލް ބަލިކޮށް ސާބިއާގެ ނޮވޯކް ޖޮކްވިޗް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިއްޔަ ކުޅުނު މިމެޗްގެ ސެޓްވެސް ޖޮކޮވިޗް ކާމިޔާބު ކުރީ 6-3 ގެނަތީޖާއަކުންނެވެ. މިމެޗުން ޖޮކޮވިޗަށް ލިބުނު ކާމިޔާބީއާ އެކު، 2013 ވަނަ އަހަރުން ފެށިގެން ކްލޭ ކޯޓުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ ނަޑާލްގެ ރެކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ.

މިއީ މިދެކުޅުންތެރިން ބައްދަލު ކުރި 43 މެޗްގެ ތެރެއިން ޖޮކޮވިޗް ކާމިޔާބު ކުރި 23 ވަނަ މެޗެވެ. ނަޑާލް ކާމިޔާބުކޮށްފައިވަނީ 20 މެޗެވެ.

މޮނާކޯގެ ޕްރިންސް އަލްބާޓް ޓެނިސް ކޯޓުގައި ކުޅުނު މިމެޗަކީ މިހާތަނަށް މިމުބާރާތުގައި ކުޅުނު އެންމެ ފޯރިގަދަ މެޗެވެ.

މޮންޓޭކާލޯ ޓެނިސް މުބާރާތުގެ ފައިނަލްގައި ޖޮކޮވިޗާ ބައްދަލު ކުރާ ތޯމަސް ބާޑިޗް --- ފޮޓޯ/ އޭޕީ

މެޗަށްފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ މިފަދަ ވަރުގަދަ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެ މޮޅުވުމުން ވަރަށް އުފާވެއްޖެ ކަމަށާއި ނަޑާލަކީ ކްލޭ ކޯޓުތަކުގައި އަބަދުވެސް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

"އަހަންނަށް މިމެޗްގައި ރަނގަޅަށް ކުޅެވުނު. މިފަދަ އުނދަގޫ މެޗަކުން މޮޅުވުމުން ވަރަށް ފަސޭހަ ވެއްޖެ. މިމެޗްގެ ކޮންޓްރޯލް ހޯދުމަށް އަހަންނަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު،" ޖޮކޮވިޗް ބުންޏެވެ.

މިއަދު ކުޅޭ ފައިނަލް މެޗްގައި އޭނާއާ ވާދަކުރާ ޗެކްރިޕަބްލިކްގެ ތޯމަސް ބާޑިޗާ ބެހޭގޮތުން ޖޮކޮވިޗް ބުނީ ބާޑިޗްއާއެކު ކުޅޭ ފައިނަލަކީ ތަފާތު ސްޓައިލްގެ މެޗެއް ކަމަށާއި އޭނާވެސް ރިކަވާވެ މިއަދުގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

މޮންޓޭކާލޯ ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގެ ތެރެއިން ރަފޭލް ނަޑާލް --- ފޮޓޯ/ އޭޕީ

ތޯމަސް ބާޑިޗް ފައިނަލަށް ދަތުރުކުރީ ފްރާންސްގެ ގައެލް މޮންފިލްސްއާ ވާދަކޮށް ކުޅުނު ސެމީ ފައިނަލް މެޗްގައި 6-1 އަދި 6-4 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް