ލ. އަތޮޅު ގުރުއާން މުބާރާތުގެ އެއް ވަނަ މާވަށު ކައުންސިލް ހޯދައިފި

މުޅި މުބާރާތުން އެއް ވަނަ ހޯދި ޢަލީ މުޝްފިޤަށް ތަށި ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ/ އަލީ ވާފިރު

ގަމުން: އަލީ ވާފިރު އާދަމް

ލ. އަތޮޅު އަތޮޅު ކައުންސިލްގެ ފަސް ވަނަ ޤުރުއާން މުބާރާތުގެ އެއް ވަނަ މި އަތޮޅު މާވަށު ކައުންސިލް ހޯދައިފި އެވެ.

މި އަތޮޅުގެ ހަ ރަށެއްގެ ކައުންސިލާ ވާދަކޮށް މުބާރާތުގެ އެންމެ ފަޚުރުވެރި ރަން ވަނަތައް ހާސިލްކޮށްފައިވާ މާވަށު ކައުންސިލް ތަމްސީލުކުރި ދަރިވަރުންގެ ތެރެއިން މުޅި މުބާރާތުގެ އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ދަރިވަރުގެ މަގާމު ވެސް ހޯދާފައި ވަނީ މާވަށު ކައުންސިލް ތަމްސީލްކުރި ދަރިވަރުންނެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ލ. އިސްދޫ އާއި ކަލައިދޫ އާއި ދަނބިދޫގެ އިތުރުން ގަމާއި ފޮނަދޫ އާއި ވާދަކޮށް މުޅިމުބާރާތުގެ އެއް ވަނަ ދަރިވަރަކަށް ހޮވިފައި ވަނީ މާވަށު ކައުންސިލްގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފު އެވެ. މުޅި މުބާރާތުގެ ދެ ވަނަ ދަރިވަރަކަށް މާވަށު ކައުންސިލްގެ ފާތިމަތު ތަޙާނީ ހޮވިފައިވާ އިރު މުޅިމުބާރާތުގެ ތިން ވަނަ ދަރިވަރުގެ މަގާމު ވެސް ހޯދާފައި ވަނީ މާވަށު ކައުންސިލްގެ ދަރިވަރެކެވެ. އެއީ މާވަށު ކައުންސިލްގެ ޢާއިޝަތު ހަޝްމާ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އޮތް މުބާރާތުގައި އެއް ވަނަ ކައުންސިލަކަށް މާވަށު ކައުންސިލް ހޮވިފައިވާ އިރު މުބާރާތުގެ ދެ ވަނަ ކައުންސިލަކަށް ހޮވިފައި ވަނީ ގަން ކައުންސިލް އެވެ. އަދި ތިން ވަނަ ކައުންސިލަކަށް ހޮވިފައި ވަނީ ފޮނަދޫ ކައުންސިލް އެވެ.

މި މުބާރާތުގެ ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމުދިނުމަށް ޙަމަދުބިން ޚަލީފާ އަލްޘާނީ ސްކޫލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވަމުން އައްޝައިހު މުޙައްމަދު ޙަލީމް ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި ކީރިތި ޤުރުއާނުގެ ކުޑަ މިންވަރެއް ނަމަވެސް އުނގެނިފައި ނުވާ މީހެއްގެ މިސާލަކީ ވީރާނާވެފައިވާ ފަޅުގެއެއްގެ މިސާލު ކަމަށެވެ. އަދި ޤުރުއާން ކިޔަވާ އިރު ދެލިގަނޑު ރަނގަޅަށް ފަރިތަކޮށް ކިޔަން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަކަށާއި ޤުރުއާން ކިޔަވާއިރު ތަޖުވީދުގެ ހަމަތަކަށް އަކުރުތަކުގެ ހައްގުތައް އަދާނުކޮށް ކިޔެވި ނަމަ އެކިޔެވި ތަނެއް ނުބައިވާނެ ކަމަށް ވެސް ޙަލީމް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވީ މި ބުރާތަށް ވުރެ ރަނގަޅު ފެންވަރެއްގައި ދެން އޮންނަ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަހަރުން އަހަރަށް މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރު ވަމުން އަންނަކަމީ އުފާކުރާ ކަމެއް ކަމުގައެވެ. އޭނާ ވިދާޅުވީ މި މުބާރާތުން ހޮވޭ އެންމެ މޮޅު ދަރިވަރުންނަށް ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ގައުމީ މުބާރާތުގެ ރަން ވަނަތައް ހާސިލް ކުރާ ދަރިވަރުންނަށް ބޭރު ޤައުމުތަކަށް ގޮސް ކިޔެވުމުގެ އިތުރު ފުރުސަތުތައް ހޯދައި ދިނުމަށް އަތޮޅު ކައުންސިލުން މަސައްކަތް ކުރައްވާނެ ކަމުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު