ދަގަނޑޭ ހޯދަދިން ލީޑާއެކު ޕީޑީއާރްއެމް ތާވަލްގެ ތިން ވަނައަށް

ރޭގެ މެޗުގެ ކުރިން ދަގަނޑޭ ޓީމާއެކު ވަރމް އަޕް ކުރަނީ --- ފޮޓޯ/ ޕީޑީއާރްއެމް

މެލޭޝިއާގެ ކްލަބެއް ކަމަށްވާ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހޯދަދިން ލީޑާއެކު، ރޭ މެލޭޝިއަން ސުޕަރ ލީގުގައި އެ ޓީމް ކުޅުނު މެޗު ކާމިޔާބުކޮށް ޕީޑީއާރްއެމް ލީގު ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ.

ރޭގެ މެޗުގައި ޕީޑީއާރްއެމްއާ ދެކޮޅަށް އެމްއެސްއެލްގައި ވާދަކުރީ ސިމޭ ޑަރބީ އެވެ. އެ މެޗު ޕީޑީއާރްއެމް 4-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު، މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕީޑީއާރްއެމް މިޙާރު ވަނީ މުބާރާތުގައި މުޅިއަކު 15 ޕޮއިންޓް ހޯދާފައެވެ. ތާވަލްގެ އެއްވަނައިގައި 17 ޕޮއިންޓާއެކު ސެލެންގޯރ އޮތްއިރު، ދެވަނައިގައި ފެލްޑާވެސް އޮތީ 17 ޕޮއިންޓާއެކު އެވެ.

ރޭގެ މެޗުގައި ޕީޑީއާރްއެމްގެ ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދަގަނޑޭ އެވެ. އަދި ދެވަނަ ހާފް ފެށިތާ ތިން މިނެޓު ތެރޭ ދަގަނޑޭ ވަނީ ޕީޑީއާރްއެމްގެ ލީޑު ދެ ލަނޑަށް ފުޅާ ކޮށްލާފައެވެ. ދަގަނޑޭ ޕީޑީއާރްއެމްގެ ދެވަނަ ލަނޑު ކާމިޔާބު ކުރިތާ ފަސް މިނެޓުތެރޭ އެ ޓީމްގެ ގެމްބިއާ މިޑްފީލްޑަރު ސުމާރޭ ވަނީ ޕީޑީއާރްއެމްގެ ލީޑު ތިނަކަށް ފުޅާކޮށްލާފައެވެ.

މެޗުގައި ސިމޭ ޑަރބީއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ 76 ވަނަ މިނެޓުގައި ޑާ ކޯސްޓާގެ ފަރާތުންނެވެ. ޕީޑީއާރްއެމްގެ ހަތަރު ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭ އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފައުޒީ އެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ސިމޭ ޑަރބީގެ ކަމަރުއްދީން އަށް ރަތް ކާޑެއް ދެއްކުމުން އެ ޓީމަށް އަދަދުގެ ޑިސްއެޑްވާންޓޭޖާ ކުރިމަތިލާން ޖެހުނުއިރު، އޭގެ މިނެޓެއް ފަހުން ޕީޑީއާރްއެމްގެ މުހައްމަދު އަލީ އަށް ރަތް ކާޑެއް ދެއްކުމުން އެ ޓީމުވެސް މެޗުގެ ބާކީ ބައި ކުޅުނީ 10 ކުޅުންތެރިންނާ އެކީ އެވެ.

ރޭގެ މެޗުގައި ދަގަނޑޭ ދެ ލަނޑު ކާމިޔާބު ކުރިއިރު، އޭނާ ވަނީ މި މަހުގެ 12 ވަނަ ދުވަހު އެމްއެސްއެލްގައި ފެލްޑާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ޕީޑީއާރްއެމްއަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. އެ މެޗަކީ ލިބުނު އިންޖަރީއެއްގެ ސަބަބުން ގާތްގަނޑަކަށް މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ދަގަނޑޭއަށް އަނިޔާވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު 3-1 ގެ ނަތީޖާއަކުން ޕީޑީއާރްއެމް އެމްއެސްއެލްގައި ޕެރާކް ބަލިކުރި މެޗުގައެވެ. ފައިގެ ފަލަމަސްގަނޑަށް ލިބުނު އެ އިންޖަރީގެ ސަބަބުން މިދިޔަ މަހުގެ 26 ގައި ރާއްޖެ ތަޖަކިސްތާނާ ދެކޮޅަށް ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗުގައިވެސް އޭނާއަށް ވަނީ ކުޅެވޭ ގޮތް ނުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް