ކާނަލް ނާޒިމްގެ މައްސަލަ ހައިކޯޓަށް ފޮނުވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވުން --- ސަން ފޮޓޯ/ އަލީ ނަސީރު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ ހައިކޯޓަށް ފޮނުވައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ނާޒިމްގެ ފަރާތްޕުޅުން ހުށަހެޅުއްވި އިސްތިއުނާފު މައްސަލަ ހައިކޯޓަށް ފޮނުވާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށެވެ.

ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުއްވީ ޝަރީއަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެކަށީގެންވާ ގޮތެއްގައި އިސްތިއުނާފު ނުކުތާތައް ތާއްޔާރު ކުރެވިފައިނުވާ ކަމަށާއި އެކަށީގެންވާގޮތުގައި އިސްތިއުނާފުގެ ނުކުތާތައް ބިނާކުރެވޭނީ ފުލް ރިޕޯޓު ލިބިގެން ކަމަށެވެ.

އިސްތިއުނާފު މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

comment ކޮމެންޓް