ހަތަރުވަނަ ފަހަރަށް އެސްޓީއޯ ޗެންޕިއަންކަން ހޯދައިފި

ކްލަބް މޯލްޑިވްސް ކަޕް 2015 ގެ ޗެންޕިއަން އެސްޓީއޯ --- ފޮޓޯ/ ސީއެމްސީ

ރާޢްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ޗެންޕިއަންކަން ހަތަރުވަނަ ފަހަރަށް އެސްޓީއޯ ހޯދައިފި އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ޗެންޕިއަންކަން އެސްޓީއޯ ހޯދީ އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި އެލައިޑް އިންޝުއަރެންސާ ވާދަކޮށް، ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ނަތީޖާއަކުން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިން 3-2 ގެ ނަތީޖާއަކުންނެވެ.

އެސްޓީއޯގެ މުހައްމަދު އިމްރާން (އިންމި) އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑާއެކު މެޗުގައި ފުރަތަމަ ލީޑު ނެގީ އެސްޓީއޯ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެލައިޑްގެ މުހައްމަދު ރިއްފަތު (ރިއްޕެ) ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި އެލައިޑްގެ އަބްދުﷲ މުއާޒް (އޮޓޯ) ކާމިޔާބު ކުރި ލަނޑާއެކު އެ ޓީމް މެޗުގެ ލީޑު ނެގި އެވެ. ދެވަނަ ހާފްގައި މެޗުގެ ނަތީޖާ އެސްޓީއޯއަށް ހަމަހަމަ ކޮށްދިނީ 39 ވަނަ މިނެޓުގައި އެ ޓީމްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި އިންމި އެވެ.

މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މެޗުގައި ކާމިޔާބު ކުރި ފަހު ލަނޑާއެކު "އެލައިޑް ސަޅި ގޯލް ސްކޯރަރ" އެވޯޑް އެސްޓީއޯގެ އިންމި ވަނީ ހޯދާފައެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އެސްޓީއޯގެ އިންމި އެވެ. އޭނާ ވަނީ މިދިޔަ އަހަރުވެސް އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެސްޓީއޯގެ އިންމިގެ އިތުރުން މޫސާ ފަތުހީ އާއި އެލައިޑުގެ ރިއްޕެ އާއި އިބްރާހިމް މުބީން އަދި އެމްއޭސީއެލްގެ އަލީ ހައިޝަމެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަށް ހޮވުނީ މުބާރާތުގައި މުޅިއަކު 11 ލަނޑު ކާމިޔާބު ކުރި އެމްއާރްޑީސީގެ އިސްމާއިލް އީސާ (މެސީ) އާއި އެމްއޭސީއެލްގެ އަލީ ހައިޝަމް (ހައިއްޓޭ) އެވެ.

މުބާރާތުގެ އަންހެން ބައި ކަމަށްވާ 30/18 ވިމެންސް ފުޓްސެލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިމިގްރޭޝަންގެ ބިދޭސީ ކުޅުންތެރިޔާ ރާނީ މުލްޔަސާރީ އެވެ. އަދި 37 ލަނޑާއެކު އަންހެން ބައިގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ޕޮލިސް ކްލަބްގެ ކަތުން ސަބީނާ ހޯދިއިރު، އަންހެން ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އިމިގްރޭޝަންގެ ފަދުވާ ޒާހިރު އާއި ރާނީ އަދި މައުލީނާގެ އިތުރުން ދިވެހި ސިފައިންގެ ކްލަބުގެ ޒާހިޔާ އާއި ޕޮލިހުގެ ސަބީނާ އެވެ.

comment ކޮމެންޓް