މަލާގާ ބަލިކޮށް ރެއާލްއިން ބާސާއަށް ޕްރެޝަރު ބޮޑުކޮށްފި

ރެއާލް މެޑްރިޑާ މަލާގާ ބައްދަލުކުރި މެޗްގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާކުރަނީ --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލީގުގައި ރޭ މަލާގާގެ މައްޗަށް 3-1 ގެނަތީޖާއަކުން ކާމިޔާބު ހޯދައި ރެއާލް މެޑްރިޑުން ވާދަވެރި ބާސެލޯނާއަށް ޕްރެޝަރު ބޮޑުކޮށްފިއެވެ.

މެޑްރިޑްގެ ސެންތިއާގޯ ބެރަބިއު ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗްގައި މެޑްރިޑްގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ ސްޕެއިންގެ ސާޖިއޯ ރޯމާސްއެވެ.

ރެއާލްގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ 15 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހުނަރުވެރި މިޑްފީލްޑަރު ޖޭމްސް ރޮޑިރިގޭޒްއެވެ. ތިން ވަނަ ލަނޑު މެޗްގެ އެންމެ ފަހު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ ޕޯޗްގަލްގެ ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރެއާލް މެޑްރިޑާ މަލާގާ ބައްދަލުކުރި މެޗްގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ޖޭމް ރޮޑްރިގޭޒް އުފާކުރަނީ --- ފޮޓޯ/ އޭޕީ

މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ރޮނާލްޑޯއަށް ލިބިގެން ދިޔައެވެ. އެގޮތުން މެޗްގެ 66 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އޭނާ ގޯލަށް އަމާޒުކޮށް ފޮނުވާލިނަމަވެސް ދަނޑީގައި ޖެހިފައި ނިކުތް ބޯޅަ މަލާގާގެ ޑިފެންސުން ވަނީ ސާފުކޮށް ކުރިއަށް ފޮނުވާލާފައެވެ.

މިއީ ރޮނާލްޑޯ ރެއާލް މެޑްރިޑްގައި ހޭދަކުރި ހަ ސީޒަންގައި އޭނާއަތުން ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީއެވެ.

ރެއާލް މެޑްރިޑާ މަލާގާ ބައްދަލުކުރި މެޗްގައި ރޮނާލްޑޯ ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުން، މަޑުކޮށްލައިގެން --- ފޮޓޯ/ އޭޕީ

މިމެޗްގައި ރޮނާލްޑޯ ޖެހި ލަނޑަކީ މިސީޒަންގައި އޭނާ ކާމިޔާބު ކުރި 50 ވަނަ ލަނޑެވެ. އެހެންކަމުން ރޮނާލްޑޯ ވެފައިވަނީ ސްޕެނިޝް ލީގްގައި ޖެހިޖެހިގެން ފަސް ސީޒަންގައި 50 ލަނޑު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ.

މަލާގާގެ ހަމައެކަނި ލަނޑު 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހުއަންމީއެވެ.

މިމެޗްގައި މަލާގާގެ ކީޕަރު ކެމެރޫންގެ ގައުމީ ޓީމްގެ ގޯލް ކީޕަރު އިދުރީސް ކާލޯސް ކަމެނީ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާއެވެ.

މެޗް ފެށިތާ ދެ ވަނަ މިނެޓް ތެރޭގައި ރެއާލް މެޑްރިޑްގެ ވިންގަރ ވޭލްސްގެ ގެރެތް ބޭލް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. އަދި ދެވަނަ ހާފްގައި ރެއާލްގެ މިޑްފީލްޑަރު ކޮރޭޝިއާގެ ލުކަ މޮޑްރިޗްވެސް ވަނީ އަނިޔާ ވެގެން ބަދަލުކޮށްފައެވެ.

ރެއާލް މެޑްރިޑާ މަލާގާ ބައްދަލުކުރި މެޗްގައި ގެރެތް ބޭލް އިންޖަރީވުމުން ރޮނާލްޑޯ (ވ) އޭނާ ކައިރީ މަޑުކޮށްލައިގެން --- ފޮޓޯ/ އޭޕީ

މިމެޗުން މޮޅުވުމުން ރެއާލްއިން ވަނީ ޕޮއިންޓްގެ ގޮތުން ވާދަވެރި ބާސެލޯނާއާ ދެޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. 78 ޕޮއިންޓާއެކު ބާސާއިން ތާވަލްގެ އެއް ވަނައިގައި އޮތް އިރު ރެއާލުން ދެ ވަނައިގައި އޮތީ 76 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް