ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާ ދޭ އިންޒާރުތަކުގައި ބުރަދަނެއް ނެތް: އީރާން

އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޖަވާދު ޒަރީފްއާއި

ތެހެރާން (އެޕްރީލް 19) : އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހިދާނެ ކަމަށް ބުނެ އެމެރިކާގެ ބައެއް މަސްއޫލުވެރިން ދެއްވާ އިންޒާރުތަކަކީ އެމެރިކާގެ ހަރުކަށި ފަރާތްތައް ރުއްސުމުގެ ގޮތުން ދޭ ބުރަދަނެއް އިންޒާރުތަކެއް ކަމަށް އީރާނުން ސިފަކޮށްފިއެވެ.

އީރާނަށް ވަޑައިގެން އުޅުއްވާ އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރާ ޖޮލީ ބިޝޮޕް އާ ބައްދަލުކުރެއްވުމަށްފަހު އީރާނުގެ ޚާރިޖީ ވުޒާރާގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވީ އީރާނާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރުމުގެ ވާހަކަތަކަކީ އެމެރިކާގެ ބޯދާ ވާހަކަތަކެއް ކަމުގައެވެ.

"އެބޯދާ ވާހަކަތައް އެމެރިކާ ދައްކަމުން ގެންދާތާ ބާރަ ވަރަކަށް އަހަރު ވެއްޖެ، އެއީ އެމެރިކާގެ ހަރުކަށި ފަރާތްތައް ރުއްސުމުގެ ގޮތުން ދޭ ބުރަދަނެއް އިންޒާރު ތަކެއް، އެފަދަ އިންޒާރުތަކަށް އީރާނު ކުޑަވެސް އަޅާލުމެއް އަދި ސަމާލު ކަމެއްނުދޭނެ" ޑރ. ޒަރީފް ވިދާޅުވިއެވެ.

ޒަރީފް އިތުރަށް ވިދާޅުވީ އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމަށްބުނެ އެމެރިކާގެ ބައެއް މަސްއޫލުވެރިން ދެއްވާ އިންޒާރުތަކަށާއި ދައްކަވަމުން ގެންދަވާ ވާހަކަތައް ޚުދު އެމެރިކާގެ ރައްޔިތުން ވެސް މިހާރު ގަބޫލު ނުކުރާކަމުގައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ރަޝިޔާއިން އެސް 300 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު އީރާނަށް ދިނުމަށް ނިންމި ނަމަވެސް ނިއުކްލިޔަރ މައްސަލާގައި އީރާނާއެކު ދާއިމީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރަންޖެހިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ސިފައިންގެ ވެރިޔާ ޖެނެރަލް މާޓިން ޑިމްޕްސީ ބަޔާނެއް ދެއްވުމާ ގުޅިގެންނެވެ.

ނިއުކްލިޔަރ މައްސަލާގައި އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރަންޖެހިދާނެ ކަމަށްބުނެ އެމެރިކާ އިންޒާރުތައް ދޭން ފަށާފައިވަނީ 2003 ވަނަ އަހަރުން ފެށިގެންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު